ލޫކާސް ލިޔުއްވި އިންޖީލް. 1. އިއްޒަތްތެރި ތިޔޯފިލުސްގެ އަރިހަށް، އަހަރެމެންގެ ތެރޭގައި އީސާގެފާނާމެދު ކަންތައްތައް ހިނގާމިދިޔަ ގޮތުގެ ވާހަކަ ފުރިހަމަޔަށް ލިޔެ ބަޔާން ކުރެވޭތޯ އެތައް ބަޔަކުވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިކަންތައްތައް ހިނގާދިޔަގޮތް ފެށުނީއްސުރެން ނިމެންދެން ލޮލުންދުށް މީހުން އެ ޚަބަރުތައް ފެތުރުމަށް މަސައްކަތް ކުރިއެވެ. އެހެންކަމުން މިކަންތައްތައް ހިނގާދިޔަގޮތުގެ ވާހަކަ ލިޔާ މީހުން އެވާހަކަތައް އެލިޔަނީ އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުންދުށް މީހުން ދިން ހެކިތަކާއި އެއްގޮތަށެވެ. އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ. ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ތިޔަބޭފުޅާއަށް އީސާގެފާނާއިމެދު އިވިވަޑައިގެންފައިވާ ޚަބަރުތަކުގެ ތެދު ދޮގު ތިޔަބޭފުޅާއަށްވެސް އޭރުން ސާބިތުވެ އެނގިވަޑައިގަންނަވާނެއެވެ. ޖުދެއާ ކަރައިގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ. އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމުހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބައްޔާ ވަންހައިގެ މީހެކެވެ. ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުންދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ. މި ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ. އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ. އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅި ވެފައެވެ. އެއްފަހަރަކު ޒަކަރިއްޔާގެ ބައިގެ އިމާމުން ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ކުރާ އަޅުކަންތަކުގެ އިމާމުކަން ކުރުމާއި ހަވާލުވިއެވެ. އާދަވެގެން އިމާމުން ކަންތައް ކުރާ އާދަކާދައިގެ މަތިން އެދުވަހު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ އެތެރެއަށް ވަނުމަށާއި އެތާނގައި މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް އިމާމަކު ހޮވުމަށް ގުރުއަތުލިއެވެ. މި ގުރުއަތުން އެ ދުވަހު އެކަންތައްތައް ކުރުމަށް ހޮވުނީ ޒަކަރިއްޔާއެވެ. އެދުވަހު އިމާމު ޒަކަރިއްޔާ ބައިތުލް މަޤްދިސްގެ އެތެރޭގައި މީރުވަސްދުވާ އެއްޗެތިން ދުންއަޅަމުން ދިޔައެވެ. އެއިރު ބައިތުލް މަޤްދިސްގެ ގޯތިތެރެއަށް އަޅުކަމަށް އެއްވެތިބި އެންމެން ދުޢާކުރަމުން ދިޔައެވެ. ބައިތުލް މަޤްދިސްގެ ތެރޭގައި ވާ މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް ޚާއްސަ ކޮށްފައިވާ އަށީގެ ކައިރީގައި ޒަކަރިއްޔާ ވަނިކޮށް އެތާގެ ކަނާއަތް ފަރާތުގައި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަނިކޮށް ޒަކަރިއްޔާއަށް ފެނުނެވެ. އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ. ކަލެއަށް އެދަރިފުޅުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބޭނެ. އަދި އޭނާ މި ދުނިޔެއަށް އައުމުގެ ސަބަބުން އެތައް ބަޔަކުވެސް އުފާކުރާނެ. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށްވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން. އޭނާ ބަނީއިސްރާއީލުގެ އެތައްބަޔަކު އެބައިމީހުންގެ މަތިވެރިކަލާނގެ ކިބަފުޅަށް އަނބުރުއްވާނެ. އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“ ޒަކަރިއްޔާ މި މަލާއިކަތާ ކުރެން ސުވާލު ކުރިއެވެ. ”ތިޔަކަން ތިޔަ ވިދާޅުވި ފަދައިން ވާނެކަން އަޅުގަނޑު ޔަޤީންކޮށް ގަބޫލުކުރާނީ ކިހިނަކުން؟ އަޅުގަނޑު މި ވަނީ މިހާރު މުސްކުޅިވެފަ. އަދި އަޅުގަނޑުގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ އަންހެނެއް.“ މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޒުރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް. މިބުނި ހުރިހާކަމެއް އަހަރެން މިބުނި ފަދައިން އެކަމުގެ ވަގުތުޖެހުމުން ވާނެ. މިއަދުން ފެށިގެން ކަލެއަށް މިދަރިފުޅު ލިބެންދެން ކަލެއަކަށް ވާހަކައެއް ނުދެއްކޭނެ. އެއީ ކަލޭ އަހަރެން މިބުނި ވާހަކަތައް ގަބޫލު ނުކުރުމުން.“ ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސްވަނީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ. ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ. ޒަކަރިއްޔާ އިމާމެއްގެ ގޮތުން ކުރަން އައި ކަންތައްތަކުން ނިމިގެން އެނބުރި އޭނާގެ ރަށަށް ދިޔައެވެ. މިއަށް ފަހު އޭނާގެ އަންހެނުން އެލިޒަބަތު ބަލިވެ އިނެވެ. ދެން އެއަށް ފަހު ފަސްމަސްދުވަސް ވަންދެން އެލިޒަބަތު އެއްގޮތަކަށް ވެސް މީހުންގެ ތެރެއަކަށް ނުނިކުމެއެވެ. އެލިޒަބަތު ބުންޏެވެ. ”އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.“ އެލިޒަބަތު ބަލިވެއިންތާ ހަވަނަމަހުގައި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ ޖިބުރީލުގެފާނު ވަޙީފުޅަކައިގެން ގަލީލީ ކަރައިގައި ވާ ނާޒަރަތޭ ކިޔުނު ރަށަށް ފޮނުއްވިއެވެ. މި މަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމްގެފާނުގެ އަރިހަށެވެ. އޭރު މަރިޔަމްގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ. މިޔޫސުފަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހެކެވެ. މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.“ މަރިޔަމްގެފާނަށް މިބަސްފުޅުތަކުގެ މާނަ ވިސްނިވަޑައިނުގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. ފަހެ މަލާއިކަތާ ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. ބިރުފުޅުގެން ވަޑައިނުގަނޭ. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ރުހިވޮޑިގެންވޭ. ކަނބުލޭގެފާނު ވަރަށްއަވަހަށް އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކައިގެން ރައްކާވާނެ. އެދަރިކަލުންނަށް އީސާގެފާނޭ ކިޔާ ނަން ދެއްވަވާ. އެކަލޭގެފާނީ މަތިވެރިވެގެންވާ ބޭކަލަކު ކަމުގައި ވާނެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ ލަޤަބުފުޅެއް ކަމުގައި އެންމެމަތިވެރި ރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު ލައްވާނެ. މާތް ސާހިބުވަންތަ ރަސްކަލާނގެ އެދަރިކަލުންގެ ކާބަފައިކަލުން ދާއޫދުގެފާނު ފަދައިން އެކަލޭގެފާނު ރަސްކަލަކު ކަމުގައި ލައްވަވާނެ. އެކަލޭގެފާނީ އަބަދަށްޓަކައި ބަނީއިސްރާއީލުގެ މައްޗަށް ރަސްކަންކުރައްވާ ރަސްކަލަކު ކަމުގައި ވާނެ. އެކަލޭގެފާނުގެ ރަސްކަމަށް ދުވަހަކުވެސް ނިމުމެއް ނުވާނެ.“ މަރިޔަމްގެފާނު މި މަލާއިކަތާއަށް ދެންނެވިއެވެ. ”ތިޔަވިދާޅުވި ހުރިހާ ކަންތައްތައް ވާނީ ކިހިނަކުން ތޯ؟ އަޅުގަނޑު އަދި މީހަކާވެސް ނީންނަން. އަޅުގަނޑަކީ އަދި ބިކުރުވެރި އަންހެނަކީން.“ މަލާއިކަތާ ވިދާޅުވިއެވެ. ”މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު. ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށް ވާ އެލިޒަބަތަކީ ދުވަހަކުވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި. ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް. އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަޙުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ. ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.“ މަރިޔަމްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ މަތިވެރި މާތްރަސްކަލާނގެ އަޅަކީން. އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ކަންތައްތައް ތިޔަފަދައިން ހިންމަވާފާނދޭ.“ ދެން މިއަށް ފަހު ޖިބުރީލުގެފާނު އެނބުރި ވަޑައިގެންނެވިއެވެ. އެއަށް ފަހު ދެތިން ދުވަސްވެސް ނުވެ މަރިޔަމްގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ. މަރިޔަމްގެފާނު އެމީހުންގެ ގެއަށް ވަޑައިގަންނަވާ ސަލާން ގޮވާލެއްވިއެވެ. އެލިޒަބަތަށް މަރިޔަމްގެފާނުގެ ސަލާމުގެ އަޑު އިވުމާއިއެކު އޭނާގެ ބަނޑުގައި ވީ ދަރިފުޅު ވަރަށް ބާރަށް ތޮޅެލިއެވެ. އަދި އެވަގުތު އެލިޒަބަތު މާތްރޫޙުފުޅުގެ ބާރުފުޅުން ފުރިގެން ދިޔައެވެ. އެލިޒަބަތު އުފަލުން ފުރިފައިވާ އަޑަކުން ބުންޏެވެ. ”ހުރިހާ އަންހެނުންގެ ތެރެއިން ކަލެއަށް ރަޙުމަތް ލެއްވިގެން ވޭ އަދި ކަލެއަށް ލިބޭނެ ދަރިފުޅަކީ ރަޙުމަތް ލެއްވިގެން ވާނޭ ކުއްޖެއް. އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ؟ ކަލޭގެ ސަލާމުގެ އަޑު އިވުމާއިއެކު އަހަރެންގެ ބަނޑުގައި މި ވާ ދަރިފުޅު އުފަލުން ތޮޅެންފެށި. މާތްރަސްކަލާނގެ އެމީހަކާއި މެދު ހިންމަވާނޭކަމަށް އެންގެވި ކަންތައްތައް ގަބޫލުކުރާ މީހަކަށް ރަޙުމަތް ލެއްވިގެން ވޭ.“ ދެން މަރިޔަމްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއީ މަތިވެރިވެވޮޑިގެންވާ ކަލާނގެ ކަމަށް މިއަޅާގެ ހިތާއި ފުރާނައިން ހެކިވަން. އެކަލާނގެއީ މިއަޅާ ދިންނައްވާ މިއަޅާއަށް އެހީތެރިވެ ވޮޑިގެންވާ ކަލާނގެ. މިއަޅާގެ ފުރާނައާއި ރޫޙުން އެކަލާނގެ ކިބަފުޅަށް އުފާކޮށް ހަމްދުކުރަން. އެކަލާނގެ މިނިކަމެތި އަޅާގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ރަޙުމަތްލައްވައިފި. އެކަމުގެ ސަބަބުން އަންނަން އޮތް ޒަމާންތަކުގެ މީހުން މިއަޅާއަކީ ބަރަކާތް ލެއްވިގެންވާ މީހެކޭ ބުނާނެ. އެންމެމަތިވެރިކަލާނގެ މިއަޅާއަށްޓަކައި މި މަތިވެރި ކަންތައްތައް ހިންމަވައިދެއްވި. އެކަލާނގެއީ ކީރިތިވަންތަ ކަލާނގެ. މާތްރަސްކަލާނގެ މިއަޅާ މެދުވެރިކޮށް ދުނިޔެއަށް މިފޮނުއްވާ ނިޢުމަތުގެ ސަބަބުން އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ޙުރުމަތްތެރިކޮށް ހިތާ މީހުންގެ ދަރިދަރިކޮޅަށް ވެސް އެކަލާނގެ ރަޙުމަތްފުޅު ލެއްވިގެން ވާނެ. އަދި މިނިޢުމަތް މެދުވެރިކޮށް އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާނެ. އަދި ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ވާ މީހުން ވިއްސި ވިހާލި ކޮށްލައްވާނެ. ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ، އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރިކުރައްވާނެ. މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ. އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އެކަލާނގެ އެ ގެންދަވަނީ ފުރިހަމަ ކުރައްވަމުން. އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީސްތަކުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނަށް އެކަލާނގެ އެހީތެރިވެވޮޑިގަންނަވާ. އަދި އެމީހުންނަށް އެކަލާނގެ އަބަދުގެއަބަދަށް ރަޙުމަތް ލައްވާނެ.“ މަރިޔަމްގެފާނު އެލިޒަބަތުގެ ކައިރީގައި ތިންމަހެއްހާދުވަހު ހުންނެވުމަށް ފަހު އެނބުރި ނާޒަރަތު އަށް ވަޑައިގެންނެވިއެވެ. އެލިޒަބަތު ދުވަސްފުރާ ފިރިހެން ކުއްޖަކު ވިހެއެވެ. އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ. އެމީހުންގެ އާދަކާދަތަކާއި އެއްގޮތުގެ މަތިން އަށްދުވަސްވީ ދުވަހު އެމީހުން ކުއްޖާ ޚިތާނު ކުރުމަށާ ނަންދިނުމަށްޓަކައި އައެވެ. އެމީހުން އެލިޒަބަތު ކުރެން އެހިއެވެ. ”މިކުއްޖާގެ ނަމަކީ ޒަކަރިއްޔާ ދޯ؟“ އެލިޒަބަތު ބުންޏެވެ. ”ނޫނޭ. އޭނާއަށް ކިޔާނީ ’ޔަޙުޔާ‘.“ އެމީހުން ބުންޏެވެ. ”އެކަމަކު ކަލޭގެ މުޅި އާއިލާގައި ވެސް ތިޔަނަން ކިޔާ މީހަކު ނެތެއް ނު؟“ ދެން މިމީހުން އަތުގެ އިޝާރާތުން ޒަކަރިއްޔާ ކުރެން އޭނާގެ ދަރިފުޅަށް ކިޔާނީ ކޮން ނަމެއް ތޯ ސުވާލު ކުރިއެވެ. ޒަކަރިއްޔާ ލިޔާނެ އެއްޗެއް ގެނައުމަށް އިޝާރާތްކުރިއެވެ. އެގެނައުމުން އޭނާ މިފަދައިން އޭގައި ލިޔުނެވެ. ”މިކުއްޖާގެ ނަމަކީ ޔަޙުޔާ.“ އެންމެން މިކަމާ ވަރަށް އަޖައިބުވިއެވެ. ހަމަ އެވަގުތު ޒަކަރިއްޔާގެ އަޑު ނުކުމެ ދޫހެލި ވާހަކަދެކެވެން ފެށިއެވެ. އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ވާހަކަދެއްކިއެވެ. އެލިޒަބަތު އާއި ޒަކަރިއްޔާގެ އަވަށްޓެރިން މިކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ހައިރާންވެ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ. އަދި ޖުދެއާ ކަރައިގެ ފަރުބަދަތަކު ހިސާބުގެ ހުރިހާ ރަށެއްގައި މި ވެދިޔަ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ. މި ވާހަކަތައް އިވުނު ކޮންމެމީހަކުމެ މިކަންތަކާ މެދު ވިސްނިއެވެ. އެމީހުން ބުނެއުޅުނެވެ. ”މިކުއްޖާ ވާނީ ކޮންފަދަ މީހަކަށް ބާ؟“ އެމީހުން މިހެން ބުނީ އެއީ އެކުއްޖާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ ބާރުފުޅު ލެއްވިގެން ވާކަން އެމީހުންނަށް ޔަޤީން ކުރެވޭތީއެވެ. ޔަޙުޔާގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ ވަނީ މާތްރޫޙުފުޅުން ފުރިފައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެ އެންގެވި ވަޙީގެ މި ބަސްފުޅުތައް މިފަދައިން ހާމަކުރިއެވެ: ”ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި. މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދަރިކޮޅުން އަހަރެމެން ދިންނެވުމަށްޓަކައި މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ. އެއީ އެކަލާނގެ އެތައް ޒަމާނެއްގެ ކުރިން ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން. އެކަލޭގެފާނު އަހަރެމެންގެ ދުޝްމިނުންނާއި އަހަރެމެން ދެކެ ރުޅިއަންނަ މީހުންގެ ކިބައިން އަހަރެމެން ސަލާމަތް ކުރައްވާނެ. މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅުވެ ވަޑައިގެންނެވީ އަހަރެމެން އަހަރެމެންގެ އަދާވަތްތެރިންގެ ކިބައިން ސަލާމަތް ކުރައްވާނެ ކަމުގަ. އޭރުން އަހަރެމެން އެ އަދާވަތްތެރިންނަށް ބިރުގަންނާކަށް ނުޖެހޭނެ. އަދި އޭރުން އަހަރެމެންގެ މުޅި އުމުރުމެ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައާއި ޞާލިޙު ކަންމަތީ ދެމިތިބެވޭނެ.“ އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ. އެކަލާނގެ މީސްތަކުންނަށް އެމީހުންގެ ފާފަތަކުން މިންޖުވެވޭނޭ ގޮތް އަންގައިދިނުމަށް ފޮނުއްވި ރަސޫލާ. މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ. އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.“ ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.