މަރުކުސް. 16. ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ. އަދި އާދީއްތަ ދުވަހުގެ އިރުއަރައިގެން އައިހިނދު މި އަންހެނުންތައް އީސާގެފާނު ވެޑުވިފައިވީ ޒިޔާރަތަށް ދިޔައެވެ. މިބައިމީހުން ދިޔަ މަގުމަތީގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”ޒިޔާރަތުގެ ދޮރުމަތީގައި ވީ ހިލަ އަހަރެމެންނަށް ދުރުކޮށްދޭނީ ކާކު؟“ (މި ހިލައަކީ ވަރަށް ބޮޑު ހިލައެކެވެ.) ދެން މި އަންހެނުންތައް ޒިޔާރަތުގެ ދޮރާ ދިމާލަށް ބަލާލި ހިނދު އެ ހިލަ އެއްފަރާތް ކޮށްފައިވީތަން ފެނުނެވެ. އެހެންވެ، މިބައިމީހުން ޒިޔާރަތުގެ ތެރެއަށް ވަނެވެ. އެހިނދު ހުދުކުލައިގެ ރިދާކޮޅެއްގައި ވީ ޒުވާން ފިރިހެނަކު މިބައިމީހުންގެ ކަނާތް ފަރާތުގައި ވަނިކޮށް ފެނި އިންތިހާއަށް ބިރުގަތެވެ. އެބޭކަލަކު ވިދާޅުވިއެވެ. ”ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރުވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ. އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި ޚާއްސަކޮށް ޕަތަރަސްއަށް މި ޚަބަރުދީ: އީސާގެފާނު ތިޔަބައިމީހުންނަށް ވުރެން ކުރިން ގަލީލީއަށް ވަޑައިގަންނަވާނެ. އެކަލޭގެފާނު ވިދާޅުވެފައިވާ ފަދައިން އެރަށުގައި ތިޔަބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަންނަވާނެ.“ އެއާއެކު އެ އަންހެނުންތައް ބިރުން ތުރުތުރުއަޅައި އާޝޯޚުވެތިބެ ޒިޔާރަތުން ބޭރަށް ނުކުމެ ދުއްވައިގަތެވެ. އަދި އެބައިމީހުން ބިރުން ތިބި ވަރުން އެކެއްގެ ގާތު އެކައްޗެއް ވެސް ނުބުނެވުނެވެ. އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ފެނުނީ މަރިޔަމް މަގްދަލޭނާ އަށެވެ. އީސާގެފާނު ވަނީ، މި މަރިޔަމް މަގްދަލޭނާ ހަތް ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވާފައެވެ. އަދި އެކަނބުލޭގެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއިމެދު ކަންތައް ހިނގާދިޔަ ގޮތުގެ ޚަބަރު ދިން ހިނދު އެބޭކަލުން ވީ ފުންހިތާމައާއި އެކު ރުއިމުގައެވެ. އަދި އެކަނބުލޭގެއަށް އީސާގެފާނު ފެނިވަޑައިގަންނަވާ ދިރިދުނިޔޭގައި ހުންނެވި ޚަބަރު އެބޭކަލުން އެހި ނަމަވެސް މިކަން އެބޭކަލުން ގަބޫލެއްނުކުރެއެވެ. މިއަށް ފަހު އީސާގެފާނު ތަފާތު އެހެން ޙާލަތެއްގައި އެކަލޭގެފާނުގެ ދެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެއީ މި ދެ އަސްޙާބީން ޖެރޫސަލަމް ދޫކޮށް ރަށުތެރެއަށް ދާން ހިނގަމުން ދިޔަ މަގުމަތީގައެވެ. އެބޭކަލުން އެނބުރި އައިސް އެހެނިހެން އަސްޙާބީންނަށް މި ވާހަކައިން ޚަބަރު ދިނެވެ. ނަމަވެސް މިކަން ގަބޫލުކުރުމަށް އެބޭކަލުން ފަސްޖެހުނެވެ. އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުންވެސް މެއެވެ. އަދި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އިޢުލާން ކުރުމަށްޓަކައި ދޭ. މިކަންތައްތަކާއިމެދުގައި އީމާންވެ ތައުބާގެ ހިނެވުމުން ހިނެވިގެންވީ ފަރާތްތަކަށް ދިންނެވުން ލިބިދޭނެ. އަދި މިކަންތައްތައް ގަބޫލު ނުކުރާ ފަރާތްތައް ކުށްވެރިވެގެން ދާނެއެވެ. އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ. ވިހަ ހަރުފަ އަތަށް ނަގައި އޭގެ ވިހަ ލުމަކުން އަދި ޒަހަރު ބުއިމަކުން އެފަދަ އީމަންތެރިކަމުގައިވާ ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. އަދި އެބައިމީހުންގެ އަތްތިލަތައް ބީހިލުމުން މީސްތަކުންގެ ބަލިތަކަށް ޝިފާލިބި ރަނގަޅުވެދޭ.“ މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟުރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ. އޭގެ ފަހުން އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޢުޡު އިއްވަމުން ގެންދެވިއެވެ. އަދި މާތްސާހިބާ އެބޭކަލުންނާ އެކުގައި ވަޑައިގެންވެ އެ މުޢުޖިޒާތްތަކުގެ އެހީގައި އެބޭކަލުންގެ ރިސާލަތު ޙަޤީޤަތަކަށް ހައްދަވައި ދެއްވަމުން ގެންދެވިއެވެ.