މަރުކުސް. 15. ހެނދުނު އިރުއެރުމުން ޖަމާޢަތުގެ ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ ވެރިންނާއި ކުއްލި ގޮތެއްގައި ބޮޑު އިމާމުންނާއި ބައްދަލު ކުރުމަށް ފަހު މިކަމާއި އެމީހުން އަމަލުކުރާނެ ގޮތް ރާވައި ނިންމިއެވެ. އަދި އީސާގެފާނު ހައްޔަރު ކޮށްގެން ހިލިހިލާ ޖަހައިގެން ޕިލާތުސްގެ ކައިރިއަށް ގެންދެވުނެވެ. ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިބާ އެހެން ބުނެފީމު.“ ބޮޑުއިމާމުންގެ އެތައް ވާހަކަތަކަކުން އީސާގެފާނުގެ އިސްތަށިފުޅުގައި ގިނަ ތުހުމަތުތަކެއް އަޅުއްވަމުން ގެންދެވިއެވެ. އެހެންވީމާ، ދެވަނަފަހަރަށް ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލޭ ޖަވާބެއް ނުދޭނަމުތަ؟ ކަލެއާއި މެދުގައި ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟“ ނަމަވެސް އީސާގެފާނު ބަސްފުޅު ވިދާޅުނުވެ ހަނުހިމޭނުން ހުންނެވުމުން ޕިލާތުސް ޙައިރާންވިއެވެ. މިޞްރުން މިންޖުވުން ފާހަގަ ކުރާ ކޮންމެ ޢީދެއްގައި މީސްތަކުން އެދޭ ކުށްވެރިޔަކު ދޫކޮށް ދިނުމަކީ ޕިލާތުސްގެ އާދައެކެވެ. އެ ދުވަސްތަކުގައި ސަރުކާރާއި ދެކޮޅުވެރިވެ، ސަރުކާރާއި ދެކޮޅަށް ބަޣާވަތެއްގައި މީހުން މަރައި މީހެއް ކަމުގައިވާ ބަރައްބާސް ހައްޔަރު ކުރެވިފައިވިއެވެ. އެހިނދު އެއްވެފައިވާ މީސްތަކުން އެއް އަޑަކުން ޕިލާތުސްއަށް ކުށްވެރިއަކު ދޫކޮށްދިނުމަށް އެދި ގޮވަމުން ދިޔައެވެ. އެހިނދު އޭނާ އެބައިމީހުންނަށް ބުންޏެވެ. ”ތިޔަބައި މީހުންނަށްޓަކާއި ބަނީއިސްރާއީލުގެ ރަސްގެފާނު އަހަރެން ދޫކޮށްދެންތަ؟“ ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަ ވެރިވެގެންވާތީކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ބޮޑުއިމާމުން މީސްތަކުން ހިލުވާލުމަށް ފަހު އެބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ ބަދަލުގައި ބަރައްބާސް ދޫކޮށް ދިނުމަށް ޕިލާތުސްއަށް އެދުމަށް ބުންޏެވެ. އެއްވެފައިވާ މީސްތަކުންނާއި ދިމާލަށް އަނެއް ފަހަރު ޕިލާތުސް ބުންޏެވެ. ”ތިޔަބައިމީހުން ބަނީއިސްރާއީލުގެ ރަސްގެފާނޭ ގޮވަމުންދާ އެކަލޭގެފާނަށް އަހަރެން ކުރަންވީ ކޮން ކަމެއް؟“ އެ މީސްތަކުން ހަޅޭލަވާ ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“ އެހިނދު ޕިލާތުސް ބުންޏެވެ. ”އޭނާ ކުރީ ކޮން ކުށެއް؟“ ހިނދެއް ހިނދަކަށް މީސްތަކުންގެ އަޑުގަދަވެ ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“ އެއްވެފައިވާ މީސްތަކުންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ޕިލާތުސް ބަރައްބާސް މިނިވަން ކޮށްދިނުމަށް ފަހު އީސާގެފާނުގެ ހަށިކޮޅުގައި ޗާބޫކުން ތެޅުމަށް ބުނެ ސަލީބަށް އެރުމަށްޓަކައި ސިފައިންނާއި ޙަވާލު ކުރިއެވެ. އެއަށް ފަހު ގަވަރުނަރުގެ ގަނޑުވަރުގެ ފާރަވެރިންގެ ގޮތުގައި ވީ ޚާއްޞަ ސިފައިން އެ ގަނޑުވަރުގެ ގޯތިތެރެއަށް އީސާގެފާނު ގެންދެވިއެވެ. އަދި އެތާނގައި ތިބި އެހެނިހެން ސިފައިންގެ ފައުޖުތައް އައުމަށް ވެސް އެންގިއެވެ. އެބައިމީހުން ދަނބު ކުލައިގެ ރިދާކޮޅެއް އީސާގެފާނުގެ ހަށިކޮޅުގައި ތުރުކުރައްވައި ތޫނު ކަށިތަކުން އެކުލެވިގެންވާ ވެޔޮ ގަނޑަކުން ތާޖެއް ހެދުމަށް ފަހު އީސާގެފާނުގެ ބޯފުޅުގައި އެ ތާޖު ބެހެއްޓިއެވެ. އެއަށް ފަހު އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”ޒިންދާބާދު، ބަނީއިސްރާއީލުގެ ރަސްގެފާނު!“ އީސާގެފާނުގެ ހަށިކޮޅަށް އެ ބައިމީހުން ކުޅު ޖަހައި އެ ބައިމީހުން އެކަލޭގެފާނުގެ ކުރިފުޅުމަތީ މަލާމާތްކުރުމުގެ ގޮތުން ކަކޫމައްޗަށް ތިރިވެ ހަދައި، އެތައްފަހަރެއްގެ މަތިން އެ ސިފައިންތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަނޑިބުރިން ތަޅައި އަނިޔާކުރަމުން ދިޔައެވެ. މިކަންތައްތައް އެބައިމީހުން މިގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިންވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ. އެބައިމީހުން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ގެންދެވި މަގުމަތީގައި އެހެން އައި ޒައިރީނުގެ ރައްޔަތެއް ކަމުގައިވާ ޝަމްއޫނު އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ކުރިއަށް ދިއުމަށް އޭނާއަށް ސިފައިން މަޖުބޫރު ކުރިއެވެ. (މި ޝަމޫނު އަކީ އިސްކަންދަރާއި ރޫފުސްގެ ބައްޕަވެސް މެއެވެ.) އެއަށް ފަހު، އެބައިމީހުން އީސާގެފާނު ”ގޮލުގޮތާއޭ“ ކިޔުނު ތަނަށް ގެންދެވިއެވެ. (މިބަހުގެ މާނައަކީ ”ބޮލުގެ ނާށިގަނޑުގެ މަޤާމު“ އެވެ.) އެތަނުގައި ބަޔަކު އެކަލޭގެފާނު މަސްތުކޮށް ތަދުކަނޑުވާލުމަށްޓަކައި މޭބިސްކަދުރުގެ ދިޔައާއި ފަތްޕިލާވެލި އެއްކޮށްގެން ތައްޔާރުކޮށްފައިވާ ދިޔަވަރެއް ބޯންދޭން އުޅުނެވެ. ނަމަވެސް އީސާގެފާނު އެ ބުއިމެއް ނުހިއްޕެވިއެވެ. އެއަށް ފަހު އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ލިބޭނީ ކާކަށްތޯ ބެލުމަށްޓަކައި ގުރުއަތުލަމުން ދިޔައެވެ. އެދުވަހުގެ ހެނދުނު ގާތްގަނޑަކަށް ނުވައެއް ޖެހި ތަނާހެން އެކަލޭގެފާނު ސަލީބަށް އެރުވުނެވެ. އަދި އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި އެކަލޭގެފާނަށް ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިއެވެ. އެލިޔުމުގައި މިފަދައިން ލިޔެވިފައިވިއެވެ. ”ބަނީއިސްރާއީލުގެ ރަސްގެފާނު.“ އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ. ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ އެކަލޭގެފާނާއިމެދު ޖިނާޢީ ގޮތުން ތުހުމަތު ކުރައްވައި ކުށްވެރި ކުރެއްވުމުންނެވެ. އެތަނުން ދާ މީސްތަކުން އެކަލޭގެފާނާއި ކުރިމަތިލައިގެން ތިބެ ބޯ ހޫރަމުން މަލާމާތްކޮށް، ހަޑިހުތުރު ބަސްތައް ގޮވަމުން ގެންދިޔައެވެ. ”އާއެހެންޏަ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިންދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! މިހާރު ސަލީބުން ފައިބައިގެން އައިސް ކަލޭގެ ނަފްސު ސަލާމަތް ކޮށްބަލަ!“ މިގޮތުގެ މަތިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވެސް އެއްބޭކަލަކު އަނެއް ބޭކަލަކާއި އެކުވެގެން އީސާގެފާނަށް މަލާމާތްކޮށް ބުނަމުން ދިޔައެވެ. ”އޭނާއަށް އެހެނިހެން މީހުން ސަލާމަތް ކޮށްދެވުނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވޭނެ! ބަނީއިސްރާއީލުގެ މި ރަސްގެފާނު، މި އަލްމަސީޙު ސަލީބުން ފައިބައިގެން އަންނަތަން އަހަރެމެންނަށް ފެނި އަދި އޭނާއަށް އަހަރެމެން އީމާންވާން ޖެހޭނެއެއްނު!“ އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނު ދެ މީހުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރެއްވިއެވެ. މެންދުރު ބާރަޖެހީއްސުރެން މެންދުރު ފަހު ތިނެއް ޖަހަންދެން މުޅިރަށަށް އަނދިރިކަން ފެތުރިފައި އޮތެވެ. ތިނެއް ޖެހި ތަނާހެން އީސާގެފާނު ހަރު އަޑުފުޅުން ވިދާޅުވިއެވެ. ”އީލީ، އީލީ، ލަމާ ޝަބަޤްތަނީ؟“ މިބަސްފުޅުގެ މާނައީ ”މާތްރަސްކަލާކޮ، މާތްރަސްކަލާކޮ، އަޅާ ތިޔަ ދޫކޮށްލެއްވީ ކީއްވެ؟“ އެތަނުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުފުޅު އިވި ބުނަމުން ދިޔައެވެ. ”އަޑުއަހާބަލަ، އޭނާ ގޮވަމުން އެ ގެންދަނީ އިލްޔާސްގެފާނަށް!“ އެތަނުން އެކަކު ދުވެފައިގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖު ގަނޑެއް ތެންމައިގެން އައިސް ދަނޑިއެއްގެ ކޮޅުގައި ހަރުކުރުމަށް ފަހު އީސާގެފާނުގެ ތުންފަތްޕުޅުގައި ޖައްސަވާ ބުންޏެވެ. ”މަޑުކުރޭ! އިލްޔާސްގެފާނު ވަޑައިގަންނަވާ އޭނާ ސަލީބުން ތިރިކުރާތަން ބަލަން އަހަރެމެން ތިބެންވާނެ!“ ދެން އީސާގެފާނު ބާރު އަޑުފުޅަކުން ހަޅޭއްފުޅު ލައްވާ އެންމެފަހު ނޭވާފުޅު ދޫކޮށްލެއްވިއެވެ. އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް އިރިގެން ގޮސް ދެފަޅިވެގެން ދިޔައެވެ. އަދި ސަލީބުގެ ކުރިމަތީގައި ކޮޅަށް ހުރި ސިފައިންގެ އޮފިސަރަކަށް އީސާގެފާނު އަވަހާރަވެދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އެހިނދު އޭނާއަށް ބުނެވުނެވެ. ”ޙަޤީޤަތުގައިވެސް މި ފިރިހެނާއަކީ މާތްރަސްކަލާނގެ ދަރިކަލުން!“ އެތަނުގައި ތިބި އަންހެނުންތައް ދުރުދުރުން މި ހިނގާދިޔަ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި މަރިޔަމް އާއި ސަލްމާ ވިއެވެ. (މި މަރިޔަމަކީ ހަގު ޔާމިޒު އާއި ޔޯސަސްގެ މަންމައެވެ.) އީސާގެފާނު ގަލީލީގައި ހުންނެވި ދުވަސްތަކުގައި މި އެންމެން އެކަލޭގެފާނަށް އީމާންވެ އެހީތެރިވެދެއްވިއެވެ. އަދި ވަރަށް ގިނަ އެހެން އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ޖެރޫސަލަމަށް އައެވެ. އެދުވަހަކީ މާތްވެގެންވާ ސަބަތުގެ ދުވަހަށް ބަނީއިސްރާއީލު މީހުން ތައްޔާރުވާ ދުވަހެވެ. އަދި އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އަރިމާތެއާގެ ރައްޔިތެއް ކަމުގައިވާ ޔޫސުފު ޖެހިލުމެއްނެތި ޕިލާތުސްގެ ކައިރިއަށް ގޮސް އީސާގެފާނު ފަސްދާނު ލެއްވުމަށްޓަކާ އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް އެދުނެވެ. މި ޔޫސުފަކީ ބަނީ އިސްރާއީލުގެ ދީނީ ކޯޓުގައި ޤަދަރުވެރި މީހަކަށް ވެފައި އޭނާއަކީ މާތްރަސްކަލާނގެ ރަސްކަންފުޅު އަންނަ ވަގުތެއްގެ އިންތިޒާރީގައި ހުރި މީހެއްމެއެވެ. އީސާގެފާނު އެހާ އަވަހަށް އަވަހާރަވެ ނިމިއްޖެ ޚަބަރު ޕިލާތުސްއަށް ލިބުމުން އެކަމާ އޭނާ ޙައިރާންވިއެވެ. އެހިނދު އީސާގެފާނު ބެލެހެއްޓެވުމަށް ހުރި ސިފައިންގެ އޮފިސަރަކަށް ގޮވާ ގެނައުމަށް ފަހު އީސާގެފާނު އަވަހާރަވެއްޖެތޯ އަހައި ސުވާލު ކުރިއެވެ. އަދި އީސާގެފާނު އަވަހާރަ ވެއްޖެ ކަމުގައި ސިފައިންގެ އޮފިސަރު ދިން ބަޔާނުގެ މައްޗަށް ބަލައި އީސާގެފާނުގެ ހަށިކޮޅު ގެންދިއުމުގެ ހުއްދަ ޕިލާތުސް ޔޫސުފުއަށް ދިނެވެ. ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ. އީސާގެފާނުގެ ހަށިކޮޅު ވެޑުވިތަން މަރިޔަމް މަގްދަލޭނާ އާއި ޔޯސަސްގެ މަންމަ މަރިޔަމް ބަލަމުން ގެންދިޔައެވެ.