މަރުކުސް. 13. އެދުވަހު އީސާގެފާނު ބައިތުލް މަޤްދިސުން ނުކުމެ ވަޑައިގެންނެވި ހިނދު އަސްޙާބީއަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، ނިކަން ބައްލަވާ! މިއީ ކިހާ އަޖައިބު ކުރުވަނިވި ހިލަތަކެއް. އަދި ކިހާ ރީތި ޢިމާރާތްތަކެއް!“ އީސާގެފާނު ޖަވާބުދެއްވިއެވެ. ”ބޮޑެތިވެގެންވާ މި ޢިމާރާތްތައް ތިޔަބައިމީހުންނަށް ފެނޭތަ؟ މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއްހިލަ ބުރި އަނެއް ހިލަބުރި މަތީގައި ނެތި މި ޢިމާރާތްތައް ބިމާ ހަމަވާނެ.“ އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.“ އެބޭކަލުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ސަމާލުވެ ތިބޭ! އެއްވެސް މީހަކު ބުނާބަހަކަށް ތިޔަބައިމީހުން ހެއްލިގެން ނުވާނެ. އަހަރެންގެ ނަމުގައި އެތައް ބަޔަކު އަންނާނެ. އަދި ’ތިމަންނާއީ މާތްރަސްކަލާނގެ ހޮއްވަވާފައި ފަރާތް‘ ކަމުގައި ބުނެ ދަޢުވާކުރާނެ. އެފަދަ މީހުން އެތައްބަޔަކު މަގުފުރައްދާނެ. އަދި ތިޔަބައިމީހުންނަށް ދުރާއި ގާތުން ހަނގުރާމަތަކުގެ އަޑުއިވޭނެ. ނަމަވެސް އެކަންތައްތަކާއިމެދު ބިރުވެތި ނުވާތި. މިފަދަ އެތައް ކަމެއް ހިނގަން ޖެހޭނެ. މިކަންތައް މިހެން ހިނގިއެއް ކަމަކު މިއަކީ އަދި އާޚިރު ނިމުމެއް ނޫން. އެއް ޤައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަމުން އަނެއް ރަސްކަމަށް ޙަމަލާދޭނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވުމުގެ އިތުރުން ތަދުމަޑުކަމާއި ކުރިމަތިލާނެ. މި ކަންތައްތަކަކީ ވިހޭގޭ ތެރޭގައި އަންހެނަކު އެންމެފުރަތަމަ އުފުލާނެ ގަދަފަދަ ވޭންވަރުފަދަ ކަމެއް. ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން. ނަމަވެސް ފަހު ޒަމާން އައުމުގެ ކުރިން އެންމެހާ ގައުމުތަކުގެ މެދުގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވާނެ. ތިޔަބައިމީހުން ފަޅާއަރުވައި ކޯޓަށް ގެންދެވޭ ހިނދު ބުނާނެ އެއްޗަކާމެދު ފިކުރުބޮޑު ނުވޭ. އެއީ އެވަގުތު ކުރިމަތިވުމުން ތިޔަބައިމީހުންގެ ދުލަށް އަންނަ ބަސްތައް ބުނޭ. އެއީ އެބަސްތަކަކީ ތިޔަބައިމީހުންގެ ބަސްތަކެއް ނޫން. އެބަސްތައް އަންނާނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން. ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނައިތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފުރަތު ކުރާނެ. ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބޭނެ.“ އެދުވަހުން މުޤައްދަސް ބިނާގައި ތާހިރުވެގެން ނުވާފަދަ ލާދީނީ ފަރާތެއްގެ ބިރުވެރިކަން ފެނިގެންދާނެ. (ކިޔުންތެރީންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) ދެން އެ ދުވަހުން ޖުދެއާ ކަރައިގައި ތިބި އެންމެތަކުން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާނެ. ގެއިން ބޭރުގައި ހުރި މިހާ އޭނާގެ ގެއަށް ވަދެ އެއްޗެއް ބަލާ ގޮސްގެން ނުވާނެ. މައިދާނުގައި ހުރި މީހާ އޭނާގެ ގެއަށް ގޮސް ކޯޓު ނަގައިގެން ނުވާނެ. އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ! މި ކަންތައްތައް ފިނި މޫސުމުގައި ނުވުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރޭ! މާތްރަސްކަލާނގެ ދުނިޔެ އުފެއްދެވީއްސުރެން މިދުވަސްތަކާއި ހަމައަށް މިފަދަ ބިރުވެރި ދުވަސްތަކެއް ކުރިމަތި ވެފައިނުވާނެ. އަދި މިފަދަ ކަމެއް އޭގެ ފަހުން ނުހިނގާނެ. މި ނުބައިވެގެންވީ ދުވަސްތަކުގެ މުއްދަތު މާތްރަސްކަލާނގެ ކުރުނުކުރައްވައިފިނަމަ އެންމެތަކުން ފަނާވެގެން ހިނގައިދާނެ. ނަމަވެސް އެކަލާނގެ މި ދުވަސްތަކުގެ މުއްދަތު ކުރު ކުރެއްވީ އެކަލާނގެ ޚިޔާރު ކުރެއްވި އަޅުތަކުންނަށް ސަލާމަތްތެރިކަމެއް ލިބިދެއްވުމަށް. ”އަދި ހަމައެހެންމެ މިފަދައިން އެއްވެސް މީހަކު ތިޔަބައިމީހުންނަށް ބުނެފިނަމަ ’ބަލާބަލަ، މިހިރީ އަލްމަސީޙު!‘ ނޫނީ ’ބަލާބަލަ، އެހެރީ އަލްމަސީޙު!‘ އެފަދަ ބަސްތަކަށް ސަމާލުކަމެއްދީ ގަބޫލުނުކުރާތި. ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީހުން ވެސް މޮޔަހައްދަން އުޅޭނެ. ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!“ ”އެ މުސީބާތުގެ ދުވަސްތަކަށް ފަހު އިރުގެ އަލިކަންކެނޑި އަނދިރިވެ، ހަނދުން ހަނދުވަރު ލިބުން ނެތި، އުޑުން ތަރިތައް ފައިބާނެ. އަދި އުޑުގެ ބާރުތައް ހެލުންގަނޑަކުން ހެލިގެން ދާނެ. ދެން އިންސާނާގެ ދަރިކަލުންގެ މަތިވެރި ބާރުފުޅުން އެކަލޭގެފާނުގެ ނޫރުފުޅާއެކު އުޑުން ފާޅުވެވަޑައިގަންނަވާނެ. އެކަލޭގެފާނު ދުނިޔޭގެ ހަތަރު ބިތަށް މަލާއިކަތުން ފޮނުއްވާނެ. އަދި މަލާއިކަތުން އެކަލާނގެ ހޮއްވަފާފައިވާ މީހުން އުޑާއި ބިމުގެ އެތަންމިތަނުން އެއްތަން ކުރައްވާނެ.“ ”ވައްތީނި ގަހުން ފިލާވަޅެއް ލިބިގަނޭ. އެގަހުގެ އޮފިތައް ނުކުމެ ފެހިކަން އައިސް ފަތްތައް ނުކުންނަން ފެށުމުން ހޫނުމޫސުން ވަނީ ކައިރީގައިކަން ތިޔަބައިމީހުންނަށް އެނގޭނެ. މިހެން ވިއެއްކަމަކު މިބުނެވިދިޔަ ކަންތައްތައް ހިނގަމުންދާތަން ތިޔަބައިމީހުންނަށް ފެންނާނެ. އެހިނދު ތިޔަބައިމީހުންނަށް ވަގުތު ގާތްވެއްޖެކަން އެނގޭނެ. އަހަރެން ބުނަންތަ؟ މި ޖީލު ނެތި ދިއުމުގެ ކުރިން މި ހުރިހާ ކަމެއް ހިނގާނެ. އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.“ ”އެހެންނަމަވެސް މި ޙާދިސާތައް ހިނގާނެ ވަގުތާއި ދުވަސް އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަންތައްތަކެއް ނޫން. އުޑުގައިވާ މަލާއިކަތުން ކަމުގައިވިއަސް ނޫނީ ދަރިކަލުން ކަމުގައިވިއަސްމެ. ހަމައެކަނި މިކަންތައްތައް ދެނެވޮޑިގެންވަނީ މަތިވެރި ބައްޕާފުޅު. މިކަންތައްތައް ހިނގާނެ ދުވަހާއި ވަގުތު ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އެހެންވީމާ، ސަމާލުވެ ތައްޔާރުގައި ތިބޭ! މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި! ވީމާ ހޭލާ ތިބޭ! ސަބަބަކީ ތިޔަބައިމީހުންނަށް ގޭގެ ވެރިފަރާތް އަންނާނެ ވަގުތެއް އެނގިގެންނުވާތީ. ހަވީރުކަމެއް، މެންދަމުގައި ކަމެއް. ފަތިހުގެ ހައު ގޮވުމާއި އެކުގައި ކަމެއް ނޫނީ ހެނދުނުގައި ކަމެއް ނޭނގޭނެ. ކުއްލިއަކަށް އޭނާ އަންނަހިނދު ތިޔަމީހުންނަށް ނިދިފައިވީ ތަން އޭނާއަށް ފެނުނަ ނުދީ. އަހަރެން ތިޔަބައިމީހުންނަށް މިބުނެދޭ ތަކެއްޗަކީ އެންމެންނަށް ބުނެދޭ ތަކެތި ކަމުގައި ބަލާ: އޭނާގެ އެނބުރި އައުމާމެދު ސަމާލުވޭތިބޭ!“