މަރުކުސް. 11. އީސާގެފާނާއި އަސްޙާބީން ޖެރޫސަލަމާއި ކައިރިވަމުން ދިޔައެވެ. އަދި ޒައިތޫނި ފަރުބަދަ މަތިގައިވާ ދެ އަވަށް ކަމުގައިވާ ބެތުފާގޭ އާއި ބެތާނިޔާ އާއި ކައިރީގައިވި ހިނދު އެކަލޭގެފާނުގެ ދެ އަސްޙާބީން އަރިހަށް ގެންނަވާ މިފަދައިން އިރުޝާދު ދެއްވާ ފޮނުއްވިއެވެ. ”ކުރިމަތީގައިވާ އަވަށަށްދޭ. ތިޔަބައިމީހުންނަށް އެ އަވަށަށް ދެވުމާއެކު، އެތަނުގައި ބަނދެފައިވާ ޅަ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން މީހަކު ދަތުރުކޮށްފައިވާ ހިމާރެއް ނޫން. ތިޔަބައިމީހުން ގޮސް އެ ހިމާރު މޮހާލައިގެން މިތަނަށް ގެނޭ. އަދި އެ ހިމާރު ތިޔަބައިމީހުން މޮހާލުމުން ހިމާރު މޮހާލީ ކީއްވެގެންތޯ މީހަކު ސުވާލު ކޮށްފިނަމަ ބުނޭ. ’މާތްސާހިބާ އެ ހިމާރަށް އެދިގެންވެޔޭ. އަދި ލަސްތަކެއްނުވެ އަނބުރާ އެ ހިމާރު ފޮނުވައިދޭނަމޭ.‘“ އެގޮތުން، އަސްޙާބީން އެ އަވަށަށް ދިޔައިރު ގެއެއްގެ ދޮރު ކައިރީގައި މަގަށް ފެންނަ ގޮތަށް ބަނދެފައިވާ ޅަ ހިމާރެއް އެބޭކަލުންނަށް ފެނުނެވެ. އެހިނދު އެބޭކަލުން އެ ހިމާރު މޮހަން ތިއްބާ ދުށް މީހުން އެބޭކަލުންނާއި ސުވާލުކުރިއެވެ. ”ތިޔަބައިމީހުން ތިޔަ ޅަ ހިމާރު މޮހެލަނީ ކީއްކުރަން؟“ އެބޭކަލުން އީސާގެފާނު އިރުޝާދުދެއްވި ފަދައިން ޖަވާބު ދިނެވެ. އަދި އެބައިމީހުން ހިމާރު ގެންދިޔުމުގެ ހުއްދަ ދިނެވެ. އެބޭކަލުން އެ ޅަ ހިމާރު އީސާގެފާނުގެ އަރިހަށް ގެނައެވެ. އަދި އެބޭކަލުންގެ ސާލުތަކުން ހިމާރުގެ ބުރަކަށި މަތީގައި ވަށައިގެން އެޅުމުން އީސާގެފާނު އެ ހިމާރުގެ މައްޗަށް އަރާވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވި މަގުމަތީގައި ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ސާލުތައް ފަތުރަމުން ގެންދިޔައެވެ. އެހިނދު އަނެއް ބަޔަކު ގަސްތަކުން ކެނޑި އޮފިތައް މަގުމަތީގައި ފަތުރަމުން ގެންދިޔައެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިނގާފައި ދިޔަ މީހުންނާއި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ މީހުންތައް އަޑުހަރުކޮށް ގޮވަމުން ދިޔައެވެ. ”ޙަމްދާއި ސަނާ ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެކަލާނގެ ނަންފުޅުން ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދެ! އަހަރެމެންގެ ކާބަފައިކަލުން ދާއޫދުގެފާނުގެ އަންނަން އޮތް ރަސްކަމަށް ރަޙުމަތް ލައްވާނދެ! އެންމެހާ ޙަމްދާއި ޘަނާއެއް ޙައްޤުވަނީ މަތީއުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެއަށް!“ އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވުމަށް ފަހު ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އަދި ވަށައިގެންވީ އެންމެހާ ތަކެއްޗަށް ބައްލަވާލެއްވިއެވެ. ނަމަވެސް އެވަގުތަކީ ދުވަހުގެ ލަސް ވަގުތެއް ކަމަށް ވާތީ، އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި ބެތާނިޔާ އަށެވެ. އޭގެ އަނެއް ދުވަހު އެބޭކަލުން ބެތާނިޔާއިން އެނބުރި އައި މަގުމަތީގައި އީސާގެފާނު ބަނޑުހައިފުޅުވިއެވެ. އެހިނދު އެކަލޭގެފާނަށް މާދުރު ނޫން ހިސާބެއްގައި ހުރި ފަތްތަކުން ފުރިފައިވާ ވައްތީނި ގަހެއް ފެނިވަޑައިގެން އެ ގަހުގައި ވައްތީނި އަޅާފައި ހުރިތޯ ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެގަހާ ކައިރިވެ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ މުޅިގަސް ފަތުން ފުރިފައިވީތަނެވެ. ސަބަބަކީ އެއީ ވައްތީނި މޫސުމަށް ނުވުމެވެ. އެހިނދު އީސާގެފާނު އެ ވައްތީނިގަހަށް ވިދާޅުވިއެވެ. ”ތިޔަގަހުގެ ވައްތީނި އެއްވެސް ފަރާތަކަށް މިއަދަށް ފަހު ކާކަށް ނުލިބޭނެ!“ އަދި އަސްޙާބީންނަށް މިބަސްފުޅުގެ އަޑު އިވުނެވެ. އެބޭކަލުންނާއިއެކު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އެހިނދު ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ގަނެވިއްކަން ތިބި އެންމެން ނެރެ ބޭރުކޮށްލައްވާ ފައިސާމާރުކުރަން ތިބި މީހުންގެ މޭޒުތަކާއި ކޮތަރު ވިއްކަން ތިބި މީހުންގެ ގޮނޑިތައް އެފުށްމިފުށަށް ޖެއްސެވިއެވެ. އަދި އެއްވެސް މީހަކަށް ބައިތުލްމަޤްދިސްގެ ހަރިންމަ ތެރެއަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުދަލެއް ވެއްދުމަށް ހުރަސް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނު މީސްތަކުންނަށް އުނގަނަވައިދެއްވަން ފެއްޓެވިއެވެ. ”ލިޔެވިގެންވީ މުޤައްދަސް ފަތްފުށްތަކުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ، ’ތިމަންކަލާނގެ ގެކޮޅަކީ އެންމެހާ ޤައުމުތަކުގެ މީސްތަކުންގެ ދުޢާކުރުމުގެ ގެކޮޅުކަމުގައޭ.‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ ހާއްޔަކަށް ހަދައިފި.“ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ. އިރު އޮއްސުމާއެކު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެތަނުން ނުކުމެވަޑައިގެން ރަށުތެރެއަށް ވަޑައިގަތެވެ. އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެބޭކަލުން މަގުގައި އޮތްގޮތަށް ވަޑައިގެންނެވި ހިނދު، އެބޭކަލުންނަށް ވައްތީނި ގަސް ފެނިވަޑައިގަތެވެ. މުލުން ފެށިގެން މުޅި ގަސް ވަނީ މަރުވެފައެވެ. މިކަން ހިނގިގޮތް ހަނދާންވެ އީސާގެފާނަށް ޕަތަރަސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ނިކަން ބައްލަވާލައްވާ. ކަލޭގެފާނު ބަދުބަސް ވިދާޅުވި ވައްތީނިގަސް އެވަނީ މަރުވެފަ!“ އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާނގެ އަށް އީމާންތެރިވޭ. އަހަރެން ބުނަންތަ؟ ތިޔަބައިމީހުން މި ފަރުބަދައަށް ’އޭގެ އަމިއްލަ ޒާތުގައި މުލުންލުހިގެންގޮސް ކަނޑަށް ވެއްޓިބަލާށޭ.‘ ބުނެވިދާނެ. އެމީހެއްގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި އެމީހާ ބުނާ ބުނުމާއި އެއްފަދައިން ކަންތައްވާނެ ކަމުގެ އީމާންތެރިކަން އެމީހާގެ ހުންނަން ޖެހޭނެ. އެހެން ކަމުގައިވާނަމަ މާތްރަސްކަލާނގެ އެމީހަކަށްޓަކައި އެފަދަ ކަންތައްތައް ކޮށްދެއްވާނެ. އެހެންވީމާ، ތިޔަބައިމީހުންނަށް އަހަރެން ބުނަން، މާތްރަސްކަލާނގެއަށް ދުޢާކުރުމުގައި އެދި ދަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް ލިބިފައިވާ ކަމުގައި ގަބޫލުކުރޭ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ދުޢާ ޢިޖާބަ ކުރައްވާނެ. ތިޔަބައިމީހުން ތެދުވެ ދުޢާކުރާހިނދު އެއްވެސް މީހަކާމެދު ނުރުހުންތެރިވާ އެއްވެސްކަމެއް އޮތަސްވެސް އެމީހަކަށް މަޢާފުކުރޭ. އޭރުން އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެ. ތިޔަބައިމީހުން އެހެން މީހުންގެ ކުށްތަކަށް މަޢާފު ނުދޭނަމަ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުވެސް ތިޔަބައިމީހުންގެ ފާފަތައް ޢަފޫ ނުކުރައްވާނެ.“ އެހެން ފަހަރެއްގައި އެބޭކަލުން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އަދި އީސާގެފާނު ބައިތުލްމަޤްދިސްގެ ތެރޭގައި ހިންގަވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޖަމާޢަތުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ބުންޏެވެ. ”މިހުރިހާ ކަމެއް ކުރުމަށް ކަލެއަށް އޮތީ ކޮން ޙައްޤެއް؟ އެ ޙައްޤު ކަލެއަށް ދިނީ ކޮންފަރާތަކުން؟“ އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”އަހަރެން ތިޔަބައިމީހުންގެ ކައިރިން އަހަން ބޭނުމީ އެންމެ ސުވާލެއް، އަދި ތިޔަބައިމީހުން އެ ސުވާލަށް ޖަވާބު ދީފިނަމަ މި އަމަލުކުރުމަށް އަހަރެންނަށް ލިބިދީފައިވާ ޙައްޤު ތިޔަބައިމީހުންނަށް އަންގައިދޭނަން. އަހަންނަށް ބުނެދީބަލަ. ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނެވުމުގެ ޙައްޤު ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެތަ؟ ނޫނީ އިންސާނެއްގެ ފަރާތުންތަ؟“ އެބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް މިފަދައިން މަޝްވަރާކޮށް ވިސްނަމުން ގެންދިޔައެވެ. ”ކީކޭ އަހަރެމެން ބުނާނީ؟ އަހަރެމެންގެ ޖަވާބުގައި އެއީ މާތްރަސްކަލާނގެ ކަމުގައި ބުނެފިނަމަ އެކަލޭގެފާނު ބުނާނެ. ’އެހެންވީއިރު ތިޔަބައިމީހުން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެންހޭ؟‘ މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ. އެހެންވެ، އެބައިމީހުން އީސާގެފާނަށް ޖަވާބު ދިނެވެ. ”އަހަރެމެންނަކަށް ނޭނގެ.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަހެން ކަމުގައިވާނަމަ އަހަރެން މިކުރާ ކަންތައްތައް ކުރުމުގެ ޙައްޤު އަހަރެންނަށް ދިން ފަރާތެއްވެސް ނުބުނާނަން.“