މަރުކުސް. 10. ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ. ފަރީސީނުގެ ބަޔަކުވެސް އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ އަޖުމަ ބެލުމުގެ ގޮތުން މި ސުވާލު ކުރިއެވެ. ”ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރުމަކީ ހުއްދަ ކަމެއްތަ؟“ ރައްދު ޖަވާބު ދެއްވުމުގައި އީސާގެފާނު އެބައިމީހުންނާއި މި ސުވާލު ކުރެއްވިއެވެ. ”މޫސާގެފާނު ތިޔަބައިމީހުންނަށް ގެނެސްދެއްވި ޤާނޫނު އަންގައިދެއްވަނީ ކޮން ގޮތަކަށް އަމަލު ކުރުމަށް؟“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”މޫސާގެފާނު އަންގަވަނީ ފިރިހެނާ ރަސްމީގޮތުން ވަރީގެ ލިޔުންތައް ލިޔުމަށް ފަހު އަންހެނާ ވަރިކޮށް ފޮނުވާލެވިދާނެ.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މޫސާގެފާނު ގެނެސްދެއްވި ތައުރާތުގައި އެ އަމުރުފުޅު ބަޔާން ކުރެއްވީ ތިޔަފަދަ ހިތްހަރުކަށި ފަރާތްތަކަށް. ނަމަވެސް މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްﷲ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި. މިކަމުން އަންގައި ދެއްވަނީ މި ސަބަބަށްޓަކައި ފިރިހެނަކު ވެސް އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަނބިމީހާ އާއި އެއްބައިވަންތަ ކަމުގެ ގުޅުމަކުން ގުޅެންޖެހޭނެ. އަދި އެ ދެމަފިރިންމެ އެއް ހަށިގަނޑެއް ފަދައިން ގުޅިގެންވޭ. އެއީ ދެ ހަށިގަނޑެއް ނޫން. ނަމަވެސް އެއް ހަށިގަނޑެއްމެ. އެހެނީ މާތްރަސްކަލާނގެ ދެ ފަރާތެއް އެއް ފަރާތެއް ކަމުގައި ލެއްވި. ވީމާ، އެއްވެސް މީހަކު އެ ދެމަފިރިން ވަކި ކޮށްގެން ނުވާނެ!“ އީސާގެފާނު އަސްޙާބީންނާއި އެކުގައި ގެއަށް ވަޑައިގެންނެވުމަށް ފަހު އެބޭކަލުން އެކަލޭގެފާނަށް ވަރި އާއި ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެބޭކަލުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”އެއްވެސް ފިރިހެނަކު އޭނާގެ އަނބިމީހާ ވަރިކުރުމަށް ފަހު އެހެން އަންހެނަކާއި ކައިވެނި ކުރިނަމަ އެމީހާ އަށް ކުރީގެ އަނބިމީހާއަށް ބޭވަފާތެރިވެވި އެކުރެވެނީ ޒިނޭއެއް. އަދި ހަމަ މިގޮތުގެ މަތިން އަންހެނަކު އޭނާގެ ފިރިމީހާގެ ކައިރިން ވަރިވެގެން ގޮސް އެހެން ފިރިހެނަކާ އިނދެފިނަމަ އެ ފިރިހެނާ އާއި އެކުގައި އެ އަންހެނާއަށް ވެސް އެ ކުރެވެނީ ޒިނޭ.“ މީސްތަކުން އީސާގެފާނުގެ އަރިހަށް އެބައިމީހުންގެ ތުއްތު ކުދިންތައް ގެނައެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅު އެ ކުދިންގެ ގައިގައި ބީއްސަވައިލައްވާ އެ ކުދިންނަށް ރަޙުމަތް ލެއްވުމަށް އެދިގެންނެވެ. ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނަށް އެކަން ހުއްޓުމަށް އެންގިއެވެ. އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެންވަނީ މި ކުދިން ފަދަ މީސްތަކުންނަށް. ބުނަންތަ؟ މިކުދިން މާތްކަލާނގެ ރަސްކަންފުޅު ލިބިގަންނަ ފަދައިން ލިބިނުގަންނަ މީހަކަށް އެރަސްކަންފުޅު ލިބިއެއް ނުގަނެވޭނެ.“ ދެން އެކަލޭގެފާނު އެކުދިން އުރާލައްވާ އެކުދިންނަށް ރަޙުމަތް ލެއްވުމަށް އެދި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވައިލެއްވިއެވެ. އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުމެއް ނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟“ އީސާގެފާނު އެ ފިރިހެނާއަށް ވިދާޅުވިއެވެ. ”އަހަރެންނާއި ދިމާލަށް ހެޔޮލަފާ ކަމުގައި ތިޔަބުނީ ކީއްވެ؟ ހެޔޮލަފާ ވެގެންވަނީ ހަމައެކަނި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް ތިބާއަށް ވެސް އެނގިގެންވޭ: މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ތިޔަބައިމީހުންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި. އަނެކުންގެ ޙައްޤުތަކަށް އަރައި ނުގަންނާތި. އަދި ތިޔަބައިމީހުންގެ މައިންބަފައިންނަށް ޤަދަރު ކުރާތި.“ އެ ފިރިހެނާ އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވެދެއްވި އެންމެހާ އަމުރުފުޅުތަކަކީ އަޅުގަނޑު ކުޑަ ދުވަހުއްސުރެން ފަރުވާތެރިކަމާއެކު އިޙުތިރާމްކޮށް އަޅުގަނޑު ކުރަމުން އަންނަ ކަންތައްތައް.“ އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަޤީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.“ އީސާގެފާނު މިފަދައިން ވިދާޅުވި އަޑު މި ފިރިހެނާއަށް އިވުމުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި ނުހަނު ދެރަވެ ހުރެ ހިނގައްޖެއެވެ. ސަބަބަކީ މި ފިރިހެނާއަކީ މުއްސަނދި މީހެއް ކަމުގައި ވީތީއެވެ. އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި ދިމާލަށް ބައްލަވާލައްވައި މިފަދައިން ވިދާޅުވިއެވެ. ”މުއްސަނދިންނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަކީ ކިހާ އުނދަގޫ ކަމެއް!“ އެކަލޭގެފާނުގެ މި ބަސްފުޅުތަކުން އެންމެހައި އަސްޙާބީން ޝޯޚުވިއެވެ. އެހެނަސް އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”މަގޭ ދަރިވަރުންނޭ! މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަކީ ކިހާ އުނދަގޫ ކަމެއް! އެއީ މުއްސަނދި މަހުޖަހަނަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަށް ވުރެން ތިނޯހެއްގެ ފަގައިގެ ތެރެއިން ޖަމަލެއް ދިއުންވެސް އެއަށް ވުރެން ފަސޭހަ ކަމަކަށް ވާނެ.“ މިވާހަކަފުޅުން އީސާގެފާނުގެ އަސްޙާބީންނަށް އިތުރަށް ޙައިރާންކަން ކުރިމަތި ކުރުވިއެވެ. އަދި އެއްބޭކަލަކު އަނެއް ބޭކަލަކަށް ބުނެވުނެވެ. ”އެހެންވީމާ ނަރަކައިން ސަލާމަތް ވާނީ ކާކު؟“ އީސާގެފާނު އެބޭކަލުންނަށް ބައްލަވަން ހުންނަވާފައި ވިދާޅުވިއެވެ. ”މިއީ އިންސާނުންނަށް ނުކުޅެދިގެންވާ ފަދަ ކަމެއް. ނަމަވެސް މާތްރަސްކަލާނގެ ކިބަފުޅަށް އެއްވެސް ކަމެއް ނުކުޅެދިގެންނުވޭ. އެކަލާނގެއީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ.“ އެހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ. އަޅުގަނޑުމެން ކަލޭގެފާނާއި އެކުގައި ވުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވާނަމަ ވީހައި ތަކެއްޗެއް ދޫކޮށްލިން.“ އީސާގެފާނު ވިދާޅުވިއެވެ. ”ގަބޫލުކުރޭ! އެއްވެސް މީހަކަށް އަހަންނަށްޓަކައި ނުވަތަ ހެޔޮޚަބަރުފުޅަށްޓަކައި އެމީހާގެ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިން ނުވަތަ ދަނޑުފަގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކަށް މިދުވަސްތަކުގައި ސަތޭކަގުނަ ގެދޮރާއި އަޚުންނާ އުޚުތުންނާ މައިންނާ ދަރިންނާ ދަނޑުފަގާ ލިބޭނެ. އަދި ފަހުން އަންނަން އޮތް ދުވަސްތަކުގައި ނިމުންނުވާ ދިރިހުރުން ވެސް ލިބޭނެ. އެކަމަކު މިހާރުގެ މިދުވަސްތަކުގައި އޭނާ ނާއިންސާފީތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެމެ. ނަމަވެސް މިހާރު ކުރީބަރީގައި ތިބި މީހުން ފަހު ދުވަހުގައި ތިބޭނީ ފަހަތުބަރީގައި. ފަހަތުބަރީ ތިބިމީހުން ތިބޭނީ ކުރީބަރީގައި.“ އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި އީސާގެފާނު ހުންނެވީ އާރުކާޓީއެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނުގެ އަސްޙާބީން މިކަމުން ޙައިރާންކުރުވިއެވެ. އެހިނދު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ އެންމެން ތިބީ ބިރުންނެވެ. އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި މީސްތަކުންނާއި އެއްފަރާތްވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނާއިމެދު ކަންތައްތައްވާނެ ގޮތުގެ ވާހަކައިން އެބޭކަލުންނަށް އަންގަވައިދެއްވިއެވެ. އެބޭކަލުންނާ މުޚާތަބު ކުރައްވާ އެކަލޭގެފާނު ވިދާޅުވިއެވެ. ”ވިސްނާ! އަހަރެމެން މިދަނީ ޖެރޫސަލަމަށް. އެތަނުގައި އިންސާނާގެ ދަރިކަލުން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޙަވާލުކުރެވޭނެ. އަދި އެބައިމީހުން އޭނާ މަރާލުމަށް ޙުކުމް ކުރާނެ. އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރާނެ. އެބައިމީހުން އޭނާއަށް މަލާމާތްކޮށް ހީނހަދައި އޭނާ ގަޔަށް ކުޅުޖަހާނެ. އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތަޅުމަށް ފަހު މަރާލާނެ. އަކަމަކު ތިންދުވަސްފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.“ ދެން ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނު ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ކަމެއް އެބައޮތް.“ ”އެއީ ކޮންކަމެއް؟“ އީސާގެފާނު އެ ދެބެއިންގެ ކައިރިން އެއްސެވިއެވެ. އެ ދެބެއިން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”ކަލޭގެފާނުގެ މަތިވެރި ރަސްކަންފުޅުގެ ތަޚުތުގައި އިށީނދެ ވަޑައިގެން އިންނަވާއިރު، އަޅުގަނޑުމެން ކަލޭގެފާނުގެ އަރިއަހުގައި ވުމަށް އެދެމު. ކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި އެކަކު. އަދި ވައަތްޕުޅުފަރާތުގައި އަނެކަކު.“ އީސާގެފާނު އެ ދެބެއިންނަށް ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭމެ. އަހަރެން ބޯން މިއުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟ އަދި އަހަރެން މިގަންބާލެވޭ ވޭނުގެ ތެރެއަށް ތިޔަބައިމީހުންނަށް ގެނބެވިދާނެތަ؟“ އެ ދެބެއިން ޖަވާބު ދެއްވިއެވެ. ”އަޅުގަނޑުމެންނަށް ކުރެވޭނެ.“ އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”ހަމަ ޔަޤީނުންވެސް އަހަރެން ބޯނެ ވޭންދެނިވި ތަށިން ތިޔަބައިމީހުން ވެސް ބޯން ޖެހޭނެ. އަދި އަހަރެން ފެތިގެންދާނެ ހިތާމަ އާއި ވޭންދެނިވި ކަނޑަށް ތިޔަބައިމީހުންވެސް ފެތިގެންދާނެ. ނަމަވެސް އަހަރެންގެ ކަނާއަތް ފަރާތުގަ އާއި ވައަތް ފަރާތުގައި ބައިންދާނީ ކާކުކަން ޚިޔާރު ކުރުމުގެ ޙައްޤެއް އަހަރެންނަކަށް ލިބިގެންނުވޭ. މާތްރަސްކަލާނގެ އެތަންތަން ތައްޔާރު ކުރައްވާފައި ވަނީ އެކަލާނގެ ޚިޔާރު ކުރައްވާ ބަޔަކަށް.“ މިވާހަކަތައް އަނެއް ދިހަ އަސްޙާބީންނަށް އިވި ޔާމިޒާއި ޔޫޙަންނާ ދެކެ އެބައިމީހުން ވަރަށް ރުޅިއައެވެ. އެހެންވެ، އީސާގެފާނު އެ އެންމެ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް އެނގޭތަ؟ ދުނިޔޭގެ ގައުމުތަކުގައި މީސްތަކުންގެ ވެރިކަމަށް އަރާ މީހުން އެމީސްތަކުންގެ މައްޗަށް ގަދަބާރު ހިންގާނެ. އަދި އެމީހުންގެ އިސް ވެރިން ހިތުހުރިހާ ގޮތެއް އެމީސްތަކުންނާ މެދު ހަދާނެ. ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އެކަން އޮތީ އެގޮތަކަށް ނޫން. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރި މީހަކަށް ވުމަށް އެދޭނަމަ އޭނާއަށް ޖެހޭނީ އެހެންމީހުންގެ ޚާދިމަކަށް ވާން. އަދި އެންމެ އިސް ދަރަޖަ ހޯދަން އެދޭމީހާ ޖެހޭނީ ދެންތިބި އެންމެންގެ އަޅަކަށް ވާން. އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި މުޅި ޙަޔާތް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.“ އެއަށް ފަހު އީސާގެފާނާއި އަސްޙާބީން ޖެރިކޯ އަށް ވަޑައިގެންނެވުމަށް ފަހު އެއަވަށުން އެބޭކަލުން ފުރާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ މީސްތަކުން އައެވެ. އެ އަވަށުގެ މަގެއްގެ އެއްފަރާތުގައި ލޯފަން ސަލާންޖަހާ މީހެއް ކަމުގައިވާ ތިމޭހުގެ ފިރިހެންދަރި ބަރުތިމޭހު ވިއެވެ. އޭނާއަށް ނާޒަރަތުގެ އީސާގެފާނު ކަމުގައި އަޑުއިވި އޭނާ ގޮވަން ފެށިއެވެ. ”އޭ އީސާގެފާނު! އޭ ދާއޫދުގެފާނުގެ ދަރިކަލުން! އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ!“ އެތަނުގައި ތިބި ގިނަ މީސްތަކުން އޭނާ ކައިރީގައި ހަޅޭ ނުލަވާ މަޑުން އިނުމަށް ހަރުކަށި ކަމާއިއެކު ބުނަމުން ދިޔައެވެ. ނަމަވެސް އޭނާ ކުރިޔަށް ވުރެ ބާރަށް ގޮވަން ފެށިއެވެ. ”ދާއޫދުގެފާނުގެ ދަރިކަލުން، އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ!“ އީސާގެފާނު ހުއްޓިވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ”އޭނައަށް ގޮވާ.“ އެހެންކަމާއެކު، އެބައިމީހުން އެ ލޯފަންމީހާއަށް ބުންޏެވެ. ”ހިތްވަރުކޮށް މިކޮޅަށް އާދޭ! އެދުރުކަލޭގެފާނު ތިބާއަށް އެބަ ގޮވާލައްވާ!“ އެމީހާ އޭނާގެ ކޯޓުގަނޑު އެއްފަރާތަކަށް އެއްލާލުމަށް ފަހު، ފުންމައިގެން ތެދުވެ އީސާގެފާނުގެ އަރިހަށް އައެވެ. އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ތިބާއަށް ކޮށްދެންވީ ކޮންކަމެއް؟“ ”އެދުރުކަލޭގެފާނު، އަޅުގަނޑުގެ ލޮލަށް އަލުން ފެންނާނެ ގޮތް ހައްދަވާ ދެއްވާ!“ ލޯފަންމީހާ ޖަވާބު ދިނެވެ. ”ދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާ ތިޔަ ވަނީ ރަނގަޅުވެފައި.“ އެހިނދު އޭނާގެ ލޮލުގެ އަލިކަން ލިބިގެން ވިއެވެ. އަދި އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.