މަރުކުސް. 8. އެދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އަނެއްކާވެސް ގިނަޢަދަދެއްގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައެވެ. އެބައިމީހުންގެ އަތުގައި ކާނޭ އެއްވެސް އެއްޗެއް ނުމެ ނެތްމެއެވެ. އެހެންވެ، އެ މީސްތަކުންނާއި އެކުގައި އީސާގެފާނު ހުންނަވާ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަމު. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިބައިމީހުންގެ އަތުގައި މިހާރު ކާނޭ އެއްވެސް އެއްޗެއް ނުމެނެތްމެ. މީގެ ތެރެއިން ބައެއް މީހުންނީ މި ހިސާބާއި ވަރަށް ދުރުގައި ދިރިއުޅޭ ބައެއް. އެބައިމީހުން ބަނޑުހައި ވެގެންވާ ޙާލުގައި އަހަރެން އެމީހުން ފޮނުވާލައިފިނަމަ އެބައިމީހުންގެ ދަތުރުމަތީގައި ހޭނެތިގެން ވެއްޓިދާނެ.“ އަސްޙާބީން ދެންނެވިއެވެ. ”މިއީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއް. މި ހުރިހާ މީހުންނަށް ކާންދިނުމަށްޓަކައި މިތަނުން ކާބޯތަކެތި ހޯދަނީ ކިހިނެއް؟“ އީސާގެފާނު އަސްޙާބީން ކުރެން އެއްސެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށި؟“ އެކަލޭގެފާނުގެ އަސްޙާބީން ޖަވާބު ދެއްވިއެވެ. ”ހަތް ބޯރޮށި.“ އެތަނުގައި ތިބި މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ހަތް ރޮށި ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު އެ ރޮށިތައް ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އަދި އެކަލޭގެފާނުގެ އަސްޙާބީންގެ އަތުގައި ވީ މަދު މަސްކޮޅު ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާން ދެއްވުމަށް އެންގެވިއެވެ. އެންމެހައި މީސްތަކުން ބަނޑުބޮޑު ވާންދެން އެ ތަކެތިން ކެއެވެ. އަދި އެތަނުގައި ހަތަރުހާސް މީހުން ތިއްބެވެ. އެއަށް ފަހު މީސްތަކުންނަށް ނުކެވި ބާކީ ހުރި ތަކެތި އަސްޙާބީން ނެގިއިރު ހަތް ވަށިގަނޑުގެ ތަކެތި ނެގުނެވެ. އެއަށް ފަހު އީސާގެފާނު މީސްތަކުން ފޮނުވާލެއްވިއެވެ. އަދި ހަމަ އެއާއެކު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކުގައި ފަޅުގައިވާ ދޯންޏަށް އަރާވަޑައިގެންނެވުމަށް ފަހު ދަލްމަނޫތާ ސަރަހައްދަށް ފުރާވަޑައިގެންނެވިއެވެ. ފަރީސީންނަށް އީސާގެފާނު ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އެބައިމީހުން އައިސް ޒުވާބުދެއްވިއެވެ. އެބައިމީހުންގެ އެދުމަކަށް ވެގެންވީ އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟުރަތުން ވަޑައިގެންނެވި ބޭކަލެއްތޯ އަޖުމަބެލުމެވެ. އެގޮތުން އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟުރަތުން ވަޑައިގެންނެވި ބޭކަލެއްކަން އަންގައި ދިނުމުގެ ގޮތުން އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދެކުމަށް ބާރުލާ އެދެމުން ދިޔައެވެ. އީސާގެފާނު ފުން ނޭވާފުޅެއް ލެއްވުމަށް ފަހު ވިދާޅުވިއެވެ. ”މިޒަމާނުގެ މީސްތަކުން މުޢުޖިޒާތީ ޢަލާމާތަށް އެދެނީ ކީއްވެ؟ އަހަރެން ތިޔަބައިމީހުންގެ ގާތު ބުނަންތަ؟ ތިޔަފަދަ ބަޔަކު ޢަލާމާތަކުން ސާބިތު ކުރާނެ އެއްވެސް ކަމެއް ނެތް!“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ކަނޑު ހުރަސް ކުރައްވާ ކަނޑުގެ އަނެއް ފަރާތަށް ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރާވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނުގެ އަސްޙާބީންނަށް ހަނދާން ނެތި ކާނޭ އެއްޗެއް ނުގެންދެވެއެވެ. އަދި ދޯނީގައި އެބޭކަލުން ވީހިނދު ކެއުމަށްޓަކައި ބޯރޮށީގެ އެއް ރޮށި ފިޔަވައި އިތުރު އެއްޗެއް އެބޭކަލުންގެ އަތުގައިނުވެއެވެ. ”ރަނގަޅަށް ވިސްނާ، އަދި ފަރީސީންނާއި ހެރޮދު ރަސްގެފާނުގެ ކަމީރާއި މެދު ތިޔަބައިމީހުން ރައްކާތެރިވޭ.“ އީސާގެފާނު އެބޭކަލުންނަށް އިންޒާރާއެކު ލަފާދެއްވިއެވެ. މި ވިދާޅުވުމާއި ގުޅިގެން އެއްބޭކަލަކު އަނެއް ބޭކަލަކާއި މަޝްވަރާކުރަމުން ގެންދިޔައެވެ. ”އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.“ އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން، އެބޭކަލުންގެ ގާތުގައި އެކަލޭގެފާނު އެއްސެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ މަޝްވަރާ ކުރަނީ ކީއްވެ؟ ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ނޫނީ ތިޔަބައިމީހުންގެ ހިތްގާވެ، ތިޔަބައިމީހުންނަށް ވިސްނިގެންނުވިތަ؟ ތިޔަބައިމީހުންނަށް ލޯ ދެއްވި. ތިޔަބައިމީހުންނަށް ނުފެންނަނީ ކީއްވެ؟ ތިޔަބައިމީހުންނަށް ކަންފަތް ދެއްވި. ކީއްވެ އެކަންފަތުން އަޑުނާހަނީ؟ ފަސް ބޯރޮށި ފަޅިކޮށް ފަސްހާސް މީހުންނަށް ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ ތިޔަބައިމީހުން ބާކީ ހުރި ތަކެތި ނަގައި ކިތައް ވަށިގަނޑު ފުރާ އެޅިންތަ؟“ އެބޭކަލުން ޖަވާބު ދެއްވިއެވެ. ”ބާރަ.“ ”އަދި ހަތް ބޯރޮށި ފަޅި ކޮށް ހަތަރުހާސް މީހުންނަށް ކާންދިނުމަށް ފަހު، ބާކީ ހުރި ތަކެތި ނަގައި ކިތައް ވަށިގަނޑު ފުރާ ތިޔަބޭކަލުން އެޅިން؟“ އެބޭކަލުން ޖަވާބު ދެއްވިއެވެ. ”ހަތެއް.“ ”އެހެންވީއިރު، މިހާރުވެސް ތިޔަބޭކަލުންނަށް އެނގިގެން ނުވިތަ؟“ އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ބެތުސައިދާ އަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ބަޔަކު ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ ލޯފަން މީހާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެމީހުން އާދޭސް ކުރިއެވެ. އީސާގެފާނު އެ ލޯފަންމީހާގެ އަތުގައި ހިއްޕަވައިގެން އެ އަވަށުގެ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ލޯފަންމީހާގެ ލޮލަށް ކުޅު ޖައްސަވައި އަދި ކުޅުޖެއްސެވި ތަނުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވުމަށް ފަހު އެމީހާއަށް ވިދާޅުވިއެވެ. ”މިހާރު ތިބާއަށް އެއްވެސް އެއްޗެއް ފެނޭތަ؟“ އެ މީހާ ވަށައިގެން ބަލާލައިފައި ބުންޏެވެ. ”އާދެ. އަޅުގަނޑަށް މިހާރު މީސްތަކުން ފެނޭ، އެކަމަކު އެމީހުންވަނީ ވަށައިގެން ހިނގާ ގަސްތަކެއްހެން.“ އީސާގެފާނު ދެވަނަ ފަހަރަށް އެމީހާގެ ލޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވިއެވެ. މިފަހަރު އެމީހާ ގަދައަޅައި ބަލައިލިއެވެ. އަދި އެމީހާގެ ލޮލުގެ ފެނުން އަނބުރާ ލިބި އޭނާއަށް ސާފުކޮށް ހުރިހައި އެއްޗެއް ފެނިގެން ދިޔައެވެ. އީސާގެފާނު އެމީހާއަށް އަމުރު ކުރައްވައި އޭނާގެ ގެއަށް ފޮނުވާލެއްވިއެވެ. ”އަވަށު ތެރެއަށް އަނބުރާ ނުގޮސް ގެއަށްދޭ.“ ދެން އީސާގެފާނާއި އަސްޙާބީން ކައިސަރިއާ ފިލިއްޕީގެ ސަރަހައްދުގައިވާ އަވަށްތަކަށް ވަޑައިގަތެވެ. އެ ސަރަހައްދަށް ވަޑައިގަންނެވި މަގުމަތީގައި އެކަލޭގެފާނު އަސްޙާބީން ކުރެން އެއްސެވިއެވެ. ”މީސްތަކުން އަހަރެންނާއި މެދު ބުނަނީ އަހަރެންނަކީ ކާކުކަމަށް؟“ ”ބައެއް މީހުން ބުނަނީ ކަލޭގެފާނީ ޔަޙުޔާގެފާނު ކަމަށް. އަނެއް ބަޔަކު ބުނަނީ ކަލޭގެފާނީ އިލްޔާސްގެފާނު ކަމުގައި. އަދި ބައެއް ފަރާތްތަކުން ކަލޭގެފާނީ ކޮންމެވެސް ނަބީބޭކަލެއް ކަމުގައި ބުނޭ.“ އަސްޙާބީން ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟“ އީސާގެފާނު އެބޭކަލުން ކުރެން އެއްސެވިއެވެ. ޕަތަރަސް ޖަވާދިނެވެ. ”ކަލޭގެފާނީ އަލްމަސީޙު.“ ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މީސްތަކުންނަށް މި ވާހަކަ ބުނެނުދިނުމަށް އިންޒާރުކޮށް އަމުރުކުރެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިންދުވަސްފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.“ އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ. ނަމަވެސް އީސާގެފާނު އަނެއް ފަރާތަށް އެނބުރި ވަޑައިގަންނަވައި، އެކަލޭގެފާނު އަސްޙާބީންނާއި ދިމާއަށް ބައްލަވައިލެއްވުމަށް ފަހު، ޕަތަރަސްއަށް އަޑުލައި ވިދާޅުވިއެވެ. ”އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ކަލޭގެ ވިސްނުން ތިޔަހުރީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައަކުން ނޫން. ނަމަވެސް އިންސާނީ ތަބީޢަތާ އެއްގޮތަށް!“ ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށާއި އަސްޙާބީންނަށް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އަހަރެންނަށް ތަބާ ވުމަށް އެދޭނަމަ އެމީހެއްގެ އަމިއްލަ އެދުންތަކާ މެދު ވިސްނުމުގެ ބަދަލުގައި ފުރާނަ ދޫކޮށްލުމަށް ތައްޔާރުގައި ވާންޖެހޭނެ. އެއީ ސަލީބެއްގައި އޮވެ ނިމިދިއުން ކަމުގައި ވިޔަސްމެ. އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އެދޭ މީހުންނަށް ޙަޤީޤަތުގައި އެބައިމީހުންގެ މުޅި ޙަޔާތް ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކައި އަދި ހެޔޮޚަބަރުފުޅަށްޓަކައި ތިޔަބައިމީހުންގެ ފުރާނަ ދޫކޮށްފިނަމަ ތިޔަބައިމީހުންގެ ފުރާނަ ތިޔަބައިމީހުންނަށް ސަލާމަތް ކުރެވޭނެ. މީހަކުގެ ޙަޔާތް ގެއްލިއްޖެ ނަމަ މުޅި މި ދުނިޔެއިން އޭނާއަށް ޙާސިލުވާނެ އެއްޗެއް އޮންނާނެތަ؟ ހަމަ ޔަޤީނުންވެސް ނުއޮންނާނެ! އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް އެދެވޭ މިންވަރަކަށް އަގު އަދާއެއް ނުމެ ކުރޭ. މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައި ދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.“