މަރުކުސް. 7. ޖެރޫސަލަމުން އައި ބައެއް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ ވަށައިގެން އެއްވިއެވެ. އެއީ އެބައިމީހުންނަށް އީސާގެފާނުގެ ބައެއް އަސްޙާބީން ދީނީ އުސޫލުތަކާއި ޚިލާފަށް އެބޭކަލުންގެ އަތް ނުދޮވެ ސުފުރާ ކުރަން ތިއްބާ ފެނުމުންނެވެ. ބަނީއިސްރާއީލު މީހުން، ޚާއްސަކޮށް ފަރީސީން އެބައިމީހުން ކައިބޮއި ހަދާއިރު އާދަކާދައިގެ މަތިން އަތް ދޮންނަން އޮންނަ ޙާއްސަ ގޮތަށް އަތް ދޮވެގެން ނޫނީ ކައި ބޮއި ނުހަދައެވެ. ހަމައެހެންމެ ބާޒާރުން ގެނެވޭ ކެއުމުގެ ތަކެތިވެސް ދޮވެގެންމެ ނޫނީ ނުކައެވެ. އަދި އެބައިމީހުންނާއި ހަމައަށް ވާސިލުވެފައިވާ ތަފާތު އާދަތަކަށް ބަލައިގެން ކުރިޔަށްދެއެވެ. އެމީހުންގެ އުސޫލުތަކުގައި އޮންނަ ގޮތުން ޖޯޑުތަކާއި، ތެލިތަކާއި، އެނދުއަށިތައް ދޮވެ ހަދައެވެ. އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟“ އެބައިމީހުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގައިވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! ތިޔައީ މުނާފިޤު ބައެއް! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ: ’މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ދުރުގައޭ. އެފަދަމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމުގެ މާނައެއް ނެތޭ. ސަބަބަކީ ތިމަން ކަލާނގެ އަމުރުފުޅު އުނގަންނައި ދިނުމުގެ ބަދަލުގައި، އެފަދަމީހުން އުނގަންނައިދޭނީ އެމީހުންގެ އަމިއްލަ ބުނެދިނުންތަކޭ!‘ ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.“ އަދި އީސާގެފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”ކަލޭމެންގެ އަމިއްލަ އާދަކާދަ ހިފެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ އަމުރުފުޅާއި ދެކޮޅުވެރިވި. މޫސާގެފާނު ގެނެސް ދެއްވި މާތްރަސްކަލާނގެ އަމުރުފުޅުގައި ވަނީ: ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ.‘ އަދި ’އެކަކުވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.‘ ނަމަވެސް ކަލޭމެން މީސްތަކުންނަށް އަންގައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް މިފަދައިން ބުނުމަކީވެސް ހުއްދަ ކަމެއް ކަމުގަ. ’އަހަރެންނަށް އެހީތެރި ވެވޭކަށް ނެތޭ. މައިންބަފައިންނަށްޓަކައި އަހަރެންގެ އަތުގައި ހުރި ތަކެތި މާތްރަސްކަލާނގެއަށްޓަކައި ޤުރުބާން ކޮށްފީމޭ.‘ އެފަދަ މީހުން ވަނީ އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިވުމަށް ނުކުޅެދިފަ. ކަލޭމެންގެ އަމިއްލަ އުސޫލުތަކުން މީސްތަކުންނަށް އުނގަންނައިދޭނަމަ މާތްރަސްކަލާނގެ ބަސްފުޅު ކަލޭމެން އުވައިލި ކަމުގައި ބެލެވޭނެ. އަދި މިފަދަ އެތައް ކަމެއް ކަލޭމެން ކުރަމުން ގެންދޭ.“ އެއަށް ފަހު އެއްވެފައިވާ މީސްތަކުންނަށް އައިސް އަޑުއެހުމަށް އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ އެންމެތަކުން އަޑުއަނހައި، ދޭހަވޭތޯ ބަލާ! ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ކާތަކެއްޗަކުންނޫން. ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ބުނާ ބުނުންތަކުންނާއި ތިޔަބައިމީހުންގެ އަމަލުތަކުން. ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!“ އެއްވެފައިވާ މީސްތަކުން ދޫކޮށް އީސާގެފާނު ގޭ ތެރެއަށް ވަދެވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި އެ ވިދާޅުވި މާނަފުން ބަސްފުޅު ޝަރަޙަ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ. ”އެމީހުންނެކޭ އެއްފަދައިން ތިޔަބައިމީހުންނަށްވެސް ދޭހައެއް ނުވިތަ؟“ މިސުވާލު އީސާގެފާނު އެބޭކަލުންނާއި ކުރައްވައި އިތުރަށް ވިދާޅުވިއެވެ. ”ތިޔަބޭކަލުންނަށް އެނގިގެންނުވޭތަ؟ މީހެއްގެ ހަށިގަނޑުން ބޭރުން އެމީހެއްގެ ހަށިގަނޑުގެ ތެރެއަށްދާ އެއްވެސް އެއްޗަކުން އެމީހާ ޙަޤީޤަތުގައި ނުތާހިރެއް ނުވާނެ. ސަބަބަކީ އެތަކެތި ދަނީ އެމީހެއްގެ ހިތަކަށް ނޫން. ނަމަވެސް ބަނޑަށް. އަދި އެތަކެތި ހަޖަމު ވުމަށް ފަހު ހަށިގަނޑުގެ ތެރެއިން ބޭރުވެގެންދޭ.“ (މިހެން ވިދާޅުވެލެއްވުމުން ކެއުމަށް އެކަށޭނަ އެންމެހާ ތަކެތި ކެއުމަކީ ހުއްދަ ވެގެންވާ ކަމެއްކަމުގައި އީސާގެފާނު އިޢުލާނު ކުރެއްވިއެވެ.) އެއަށް ފަހު އީސާގެފާނު އިތުރަށް ވިދާޅުވަމުން ގެންދެވިއެވެ. ”ނަޖިސްވެގެންވަނީ އެމީހާގެ ހިތުން ނުކުންނަ ބަސްތަކާ އަމަލުތައް. އެމީހާގެ ހިތުން ނުކުންނަ ފާޙިޝް ޚިޔާލުތައް، ޖިންސީ ފާފަވެރިކަން، ވައްކަން ކުރުމާއި ފޭރުން، މީހުން މެރުން. ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން. މިހުރިހާ ކަންތައްތަކަކީ އެމީހެއްގެ ހިތުން ނުކުންނަ ކަންތައްތައް. މިފަދަ ކަންތައްތަކަކީ އެމީހާ ނަޖިސްކޮށް އަދި މާތްރަސްކަލާނގެ ކިބަފުޅާއި އެމީހާ އެކަހެރި ކުރުވާނެ ކަންތައްތައް.“ އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ. އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. މި އަންހެނާއަކީ ސޫރިޔާގެ ސަރަހައްދުގައި ވީ ފެނީސިޔާ އަށް އުފަން އަންހެނެކެވެ. އަދި މި އަންހެނާ އަކީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހެއްނޫނެވެ. ޖިންނީގެ އުނދަގުލުގައި ވީ މިއަންހެނާގެ އަންހެންދަރިފުޅު ސަލާމަތް ކޮށްދެއްވުމަށް އެދި އީސާގެފާނުގެ އަރިހުގައި އާދޭސް ދެންނެވިއެވެ. އެހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ފުރަތަމަ ކާނދޭންވާނީ ދަރިންނަށް! އެ ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.“ އެ އަންހެނާ ޖަވާބު ދިނެވެ. ”ތިޔައީ ތެދުފުޅެއް! މާތް ސާހިބާ. އެހެނަސް ކުއްތާތައް މޭޒުގެ ދަށުގައި އޮންނަ ހިނދު އެކުދިންގެ ކާތަށިން ބިންމައްޗަށް އެޅެމުންދާ ކުދި އެތި އެތި ކޮޅުން އެތަކެއްޗަށް ކާންލިބޭ.“ އެއާއެކު އީސާގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”ތިޔަ ދިން ފުރިހަމަ ޖަވާބުގެ ސަބަބުން ގެއަށްދޭ. ކަނބުލޭގެ އަންހެންދަރިފުޅު ޖިންނީގެ އުނދަގުލުން ސަލާމަތް ވެފައިވާތަން ކަނބުލޭގެއަށް ފެންނާނެ.“ އެ އަންހެނާ އެނބުރި ގެއަށް ދިޔައިރު އޭނާގެ އަންހެންދަރިފުޅު އެނދުގައި އޮށޯވެ އޮތެވެ. އަދި ޖިންނީގެ އުނދަގުލުން އެދަރިފުޅު ވަނީ މުޅިން ރަނގަޅުވެފައެވެ. ދެން އީސާގެފާނު ޞޫރުން އެނބުރި ޞައިދޫނަށް ވަޑައިގެންނެވިއެވެ. އެއަށް ފަހު ގަލީލީ ކަނޑުގެ ސަރަހައްދަށް ވަޑައިގަންނަވާ ދެކާޕޮލިސް ސަރަހައްދަށް ވަޑައިގެންނެވިއެވެ. އެހިނދު ބީރު އަދި ވާހަކަ ދެއްކުމަށް ނުކުޅެދިގެންވާ މީހަކު މީސްތަކުން ވެގެން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ މީހާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެބައިމީހުން އެކަލޭގެފާނަށް އާދޭސް ކުރެއްވިއެވެ. ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި އެފިރިހެނާ އެއްފަރާތް ކުރައްވައި އެ ފިރިހެނާގެ ކަންފަތުގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލިފުޅު ލެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ އިނގިލިކޮޅަށް ކުޅު ޖައްސަވާ އެ ފިރިހެނާގެ ދުލުގައި އަތްޕުޅު ލެއްވިއެވެ. އަދި އުޑާ ދިމާލަށް އީސާގެފާނު ބައްލަވާ ފުންނޭވާފުޅެއް ލެއްވުމަށް ފަހު އޭނާގެ ގާތުގައި ”އެއްފަތާ!“ އޭ ވިދާޅުވިއެވެ. މި ބަހުގެ މާނައަކީ ”ހުޅުވޭށެވެ!“ އެހިނދު އެ ފިރިހެނާއަށް އަޑުއިވި، އަދި އެއްވެސް އުނދަގުލެއް ނެތި ފަސޭހަ ކަމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ. އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ. އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!“