މަރުކުސް. 3. އެހެން ދުވަހެއްގައި އީސާގެފާނު ދީނީ މަރުކަޒަށް ވަދެވަޑައިގެންނެވިއެވެ. އެދުވަހު އެއް އަތް ވާވެފައިވާ ފިރިހެނަކު އެތަނުގައި ހުއްޓެވެ. އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ. އީސާގެފާނު އެ ބަލިމީހާއަށް ވިދާޅުވިއެވެ. ”ތެދުވެ މިތާ ކުރި ކުރިމައްޗަށް އާދޭ!“ އެއަށް ފަހު އެމީހުންނާ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހެއްގައި އަހަރެމެންގެ ޤާނޫނު ހުއްދަ ކުރަނީ ކޮންކަމެއް ކުރުމަށް؟ އެހީތެރިވެ ދިނުމަށްތަ؟ ނޫނީ އަނިޔާވެރި ވުމަށްތަ؟ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްތަ؟ ނޫނީ އެ ފުރާނައެއް ނެތިކޮށްލުމަށްތަ؟“ ނަމަވެސް އެމީހުން އެއްވެސް އެއްޗެއް ނުބުނެއެވެ. އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތުވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ. މިކަމާއި ގުޅިގެން ފަރީސީން ދީނީ މަރުކަޒުން ނުކުމެގެން ގޮސް ހެރޮދު އަށް ތާއީދު ކުރާ މީހުންނާއި ހަމަ ވަގުތުން ބައްދަލުކޮށް އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކާ މަޝްވަރާކުރިއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ. މީސްތަކުން ގިނަވެ ތޮއްޖެހުނު ހިނދު އެކަލޭގެފާނަށް ދޯނި ތައްޔާރު ކޮށްދެއްވުމަށް އެދި އަސްޙާބީންނަށް ވިދާޅުވިއެވެ. އެއީ މީސްތަކުން އެތަނުގައި ފިތިބާރުވެފައިވުމުން ދުރުގައި ހުންނެވުމަށެވެ. އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ. އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ އަވަލާފައިވާ މީސްތަކުންނަށް އެކަލޭގެފާނު ފެންނަ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ހަޅޭއްލަވައި ގޮވަމުން ދިޔައެވެ. ”ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން!“ ނަމަވެސް އީސާގެފާނު އެ ޖިންނިތަކަށް އެކަލޭގެފާނީ ކޮން ބޭކަލެއްކަން ނުބުނުމަށް ހަރުކަށިކަމާއެކު އިންޒާރުދެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ބައެއް އަސްޙާބީންނަށް އެކަލޭގެފާނާއި އެކުގައި ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެއަށް ފަހު އެބޭކަލުންގެ ތެރެއިން ބާރަ ބޭކަލުން އެކަލޭގެފާނުގެ މަންދޫބުންގެ ގޮތުގައި ހޮއްވެވިއެވެ. އެއީ އެބޭކަލުން އެކަލޭގެފާނާއި އެކުގައި ވުމަށާއި މީސްތަކުންގެ ކައިރިއަށް އުނގަންނައި ދިނުމަށްޓަކައި އެބޭކަލުން ފޮނުވުމަށް އެކަލޭގެފާނު އެދިވަޑައިގަތުމުންނެވެ. އަދި ޖިންނި އަވަލާފައިވާ މީހުންގެ ތެރޭން އެ ޖިންނި ފައްސައި ފޮނުވާލުމުގެ ބާރުވެރިކަން އެބޭކަލުންނަށް އެކަލޭގެފާނު ދެއްވިއެވެ. އެކަލޭގެފާނު ހޮއްވެވި ބާރަ މަންދޫބުންނަކީ: ޝަމްއޫނު (ޕަތަރަސްގެ ނަމުން އީސާގެފާނު ނަން ދެއްވީ މީނާ އަށެވެ.) ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އަދި އޭނާގެ ކޮއްކޮ ޔޫޙަންނާއަށް ބުވާ ނަރްޖިސްގެ ނަމުން ނަން ދެއްވިއެވެ. (އޭގެ މާނައަކީ ހޮނު ގުގުރިއެއްފަދަ ފިރިހެނުންނެވެ.) އަންދުރާއި، ފިލިޕު، ބަރުތުލޫމު، މައްތާ، ތޯމާސް، ހަލްފާހުގެ ދަރި ޔާމިޒު، ތައްދާވުސް އާއި، ދީނާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވިއެވެ. އެއަށް ފަހު އީސާގެފާނު އެކަލޭގެފާނު ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެ ކަލޭގެފާނު ހުންނެވި ގޭ ދޮށަށް މިފަހަރުވެސް އެތައް ބައިވަރު މީހުންނެއް އެއްވިއެވެ. މިހެންވުމުން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ކާނޭ ވަގުތު ލިބިގެން ނުވިއެވެ. އަދި މީސްތަކުން އެކަލޭގެފާނާއި ދިމާލަށް ”އޭނާ ވަނީ ބުއްދި ފިލައިގެންގޮސްފަ!“ ކަމުގައި ބުނަމުން ގެންދާ ޚަބަރު އެކަލޭގެފާނުގެ އާއިލާއަށް ލިބުމުގެ ސަބަބުން އެމީހުންގެ ބެލުމުގެދަށަށް އެކަލޭގެފާނު ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ. ޖެރޫސަލަމުން އައި ދީނުގެ ދަންނަބޭކަލުން ބުނަމުން ދިޔައެވެ. ”އޭނާއަށް ވަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން ބާރުލިބިފަ! އޭނާ ޖިންނީގެ ބާރުގެ ދަށުގައި ވީ ފަރާތްތައް ރަނގަޅު ކުރަމުން ގެންދަނީ އެބާރުގެ އެހީލިބިގެން.“ މިހެން ވުމުން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި މި މާނަފުން ވާހަކަތަކުން މިސާލު ދައްކަވައި މުޚާތަބު ކުރެއްވިއެވެ. ”ޝައިތާނާ އޭނާގެ ރަސްކަމާ ދެކޮޅު ވާނެތަ؟ ނުވާނެ! ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަމެއް ރޫޅި ހިނގައިދާނެ. އަދި އާއިލާއެއްގެ ތެރޭގައި ބައިބައި ވުން އުފެދިއްޖެ ނަމަ އެ އާއިލާއެއްވެސް ރޫޅިދާނެ. އެހެންވީމާ، ޝައިތާނާ ބައިބައިވެ ޝައިތާނާއާ ހަނގުރާމަ ކޮށްފިނަމަ އެއީ އޭނާގެ ނިމުމަށް ވާނެ. ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދަލެއް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައިހުރި މުދަލާއި ތަކެތި ގެންދެވިދާނެ. އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ހުރިހާ ފާފަތަކެއް އަފޫކުރެވޭނެ. އަދި ދުލުން ބުނެވޭ މުރުތައްދު ބަސްތައްވެސް ޢަފޫ ކުރެވޭނެ. ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާ މެދު މުރުތައްދު ވުމަކަށް މަޢާފެއް ނުލިބޭނެ. ސަބަބަކީ އެއީ ނިމުމެއް ނުވާ ފާފައެއް.“ އީސާގެފާނު މިފަދައިން ވިދާޅުވި ސަބަބަކީ މީސްތަކުންގެ ތެރެއިން ބަޔަކު އެކަލޭގެފާނާއި މުޚާތަބުކުރައްވާ އެކަލޭގެފާނަށް ނުބައި ރޫޙެއްގެ ބާރު ލިބިވަޑައިގެންފައިވާ ކަމުގައި ބުނުމުންނެވެ. އެއަށް ފަހު އީސާގެފާނުގެ މަންމާފުޅާއި ކޮއްކޮމެން އެތަނަށް ވަޑައިގަތެވެ. އެބޭފުޅުން އެގޭގެ ބޭރުގައި ތިއްބަވައިގެން އެކަލޭގެފާނަށް އެޚަބަރާއިގެން މީހަކު ފޮނުއްވިއެވެ. އީސާގެފާނުގެ އަރިހުގައި ވަށައިގެން އިށީނދެ ތިބި މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ މާންމާފުޅާއި ފިރިހެން ކޮއްކޮމެންނާއި އަދި އަންހެން ކޮއްކޮމެން ބޭރުގައި ތިއްބަވައިގެން ކަލޭގެފާނަށް އެދިލައްވާ.“ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މަންމައަކީ ކާކު؟ އަދި އަހަރެންގެ ކޮއްކޮމެންނަކީ ކޮންބައެއް؟“ އެކަލޭގެފާނުގެ ވަށައިގެން އިށީނދެ ތިބި އެންމެހާ މީސްތަކުންނާއި ދިމާލަށް ބައްލަވާލައްވާ ވިދާޅުވިއެވެ. ”ބަލާބަލަ! މިތަނުގައި މިތިބީ އަހަރެންގެ މަންމަ އާއި ކޮއްކޮމެން! މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާ ކޮންމެ މީހަކީ އަހަރެންގެ ފިރިހެން ކޮއްކޮއެއް ނޫނީ އަހަރެންގެ އަންހެން ކޮއްކޮއެއް ނޫނީ އަހަރެންގެ މަންމައެއް.“