މަރުކުސް. 2. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައިވަރު މީހުންނެއް އެ ގޭދޮށަށް އެއްވުމުން މުޅިތަން ފުރިބާރުވެފައިވިއެވެ. އެންމެ ކުޑަމިނުން މައިދޮރުގެ ކުރިމަތީގައި އެއްވެސް ޖާގައެއް ނެތެވެ. އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށް ވަޢުޡު އިއްވަވައި މާތްކަލާނގެ ބަސްފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ. އެވަގުތު ވާބަލި ޖެހިފައިވާ ފިރިހެނަކު އަށިގަނޑަކަށް ލައިގެން ހަތަރު މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. ނަމަވެސް މީސްތަކުން ތޮއްޖެހިފައި ވުމުގެ ސަބަބުން އެ ހަތަރުމީހުންނަށް ވާބަލިޖެހިފައިވީ އެފިރިހެނާ އެކަލޭގެފާނުގެ އަރިހަށް ނުގެންދެވުނެވެ. އެހެންވީމާ އީސާގެފާނު ހުންނެވި ދިމާލަށް ސީދާވާގޮތަށް ފުރާޅުމަތީގައި ބާގަނޑެއް ހަދައިގެން އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް އަށިގަނޑެއްގެ މަތީގައި އެމީހާ ތިރިކުރިއެވެ. މިބައިމީހުންގެ އީމާންތެރިކަން ފެނިވަޑައިގެން ވާގިނެތިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”މަގޭ ދަރިފުޅާ، ތިބާގެ ފާފަތައް ފޮހެވިއްޖެ.“ އެތަނުގައި އިށީނދެ ތިބި ދީނުގެ ބައެއް ދަންނަބޭކަލުންގެ ހިތަށް އެރިއެވެ. ”ކުފުރުގެ ބަސްތައް ބުނެ މިގޮތަށް ގޮންޖަހަން މީ ކާކު؟ ހަމައެކަނި ފާފަފުއްސެވޭނެ ފަރާތަކީ މާތްރަސްކަލާނގެ!“ އީސާގެފާނަށް އެބައިމީހުންގެ ހިތަށް އެރި އެއްޗެހި ވަގުތުން އެނގިވަޑައިގަނެ އެމީހުންނާއި ދިމާލަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިކަމާމެދު ތިޔަހެން ވިސްނަނީ ކީއްވެ؟ ވާބަލި ޖެހިފައިވާ މި ފިރިހެނާ އާއި ދިމާލަށް ބުނަން ފަސޭހައީ މި ދެގޮތުންކުރެ ކޮން ގޮތެއް، ’ތިބާގެ ފާފަތައް ފޮހެވިއްޖޭ‘ ނޫނީ ’ތެދުވެ، އަށިގަނޑު ހިފައިގެން ގެއަށްދާށޭތަ؟‘ މި ދުނިޔޭގައި އިންސާނާގެ ދަރިކަލުންނަށް މީސްތަކުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިދީފައިވާކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!“ ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!“ އަނެއްކާވެސް ގަލީލީ ކަނޑުގެ އައްސޭރިފަށަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ މީހުން އައެވެ. އަދި އެމީހުންނަށް އެކަލޭގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް އެކަލޭގެފާނު ހިންގަވަމުން ގެންދެވި ހިނދު އަލްފައިއަސްގެ ފިރިހެންދަރި، ލާވީ އޭނާ ޓެކްސް ނަގަން އިންނަ ކޮށިގަނޑުގައި އިންދާ އެކަލޭގެފާނަށް ފެނިވަޑައި ގެންނެވިއެވެ. އަދި އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާ އެކު އާދޭ!“ އެހިނދު ލާވީ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ. އީސާގެފާނާއި އަސްޙާބީން ލާވީގެ ގެއަށް ވަޑައިގެން ފަރީއްކުޅުއްވިއެވެ. އެ ފަރީއްކޮޅުގައި ގިނަ ޢަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އެހެނިހެން ފާފަވެރިން އެބޭކަލުންނާ އެކުގައި ބައިވެރިވިއެވެ. އަދި އޭގެ ގިނަބަޔަކު އީސާގެފާނަށް ތަބާ ވެސް ވިއެވެ. ޓެކްސް ނަގާ މީހުންނާއި އަދި މި ފާފަވެރިންނާއި އެކުގައި އީސާގެފާނު ފަރީއްކުޅުވަމުން ގެންދަވާތަން ފެނިގެން ފަރީސީ މަޒުހަބުގެ ދަންނަ ބޭކަލުން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”މިފަދަ މީހުންނާއެކު އޭނާ އެއްސުފުރާ މަތީ ކައިބޮއި އެ ހަދަނީ ކީއްވެ؟“ އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.“ ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީ މަޒުހަބު މީހުން ރޯދަހިފައި އުޅުނެވެ. މީހުން އީސާގެފާނު ކުރެން އެއްސެވެ. ”ބައެއް މުނާސަބަތުތަކުގައި ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީން ވެސް ރޯދަ ހިފާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟“ އީސާގެފާނު ޖަވާބުދެއްވިއެވެ. ”ކައިވެނީގެ ވަލީމަތެއްގައި ވީ މެހުމާނުން ސުފުރާ ނުކޮށް ދާނެ ކަމުގައި ހީކުރަމުތަ؟ ހަމަ ޔަޤީންވެސް ނުދާނެ! އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހުމާނުންނާއި އެކުގައި ވީހިނދު އެމީހުން ނުކައިނުތިބޭނެ. އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ ދުވަސް އައުމުން އެމީހުން ނުކައި ރޯދަ ހިފާނެ. އެއްވެސް މީހަކު އާ ފޮތިކޮޅެއް ނުދޮވެ ބާ ހެދުމެއްގައި ހުންނަ ބާގަނޑަކު ނާޅާނެ. އެހެން ހަދައިފިނަމަ އާ ފޮތިކޮޅު ކުރުގެޅި ބާ ހެދުމުގައި މަރާމާތު ކުރިތަން އިތުރަށް ހަލާކުވާނޭތީވެ. އަދި ހަމައެފަދައިން އެކަކުވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. އޭގެ ބަދަލުގައި ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް.“ ސަބަތުގެ ދުވަހެއްގައި އީސާގެފާނު ގޮވާން ދަނޑެއްގެ ތެރެއިން ހިންގަވާ ވަޑައިގެންނެވިއެވެ. އަސްޙާބީން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. އަދި އަސްޙާބީން އެ ގޮވާން ދަނޑުން ގޮވާން ބިނދެގެން ކަމުން ދިޔައެވެ. އެހެންވެ، ފަރީސީނުގެ ބަޔަކު އެކަލޭގެފާނަށް ސުވާލު ކުރިއެވެ. ”ނިކަންދެކެބަލަ، ސަބަތުގެ ދުވަހެއްގައި ކުރުން މަނާ ކަންތައް ކަލޭގެ އަސްޙާބީން ކުރަނީ ކީއްވެ!“ އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟ އަބިޔާތަރުގެ އުއްތަމަ އިމާމު ކަމުގެ ދުވަސްވަރުގައި ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެ ވަޑައިގެންވީ ހިނދު އެކަލޭގެފާނު މާތްރަސްކަލާނގެ މުގައްދަސް ފޭލިގެކޮޅަށް ވަދެވަޑައިގެންނެވި. އަދި މާތްރަސްކަލާނގެއަށް ހުށަހެޅުމަށްޓަކައި ވާ ބޯރޮށި ދާއޫދުގެފާނު ނަންގަވާ އެކަލޭގެފާނުގެ އެކުވެރިންނަށް ދެއްވައި އެ ހުރިހާ ބޭކަލުން އެ ރޮށިން ފަރީއްކުޅުއްވި. އެހެނަސް އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ބޯރޮށި ކެވޭނީ ހަމައެކަނި އިމާމުންނަށް.“ އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން. އެހެންވީމާ، އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.“