މަރުކުސް ލިޔުއްވި އިންޖީލު. 1. މިއީ މާތްރަސްކަލާނގެ ދަރިކަލުން، އީސާ އަލްމަސީޙުއާ ބެހޭ ހެޔޮޚަބަރުފުޅެވެ. މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެންވަނީ: ”ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު. މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން ނަބީބޭކަލަކު ގޮވާލައްވަމުން ދާނެ. ’މާތްރަސްކަލާނގެއަށްޓަކާ ތައްޔާރުވެ، އެކަލާނގެއަށްޓަކާ ސީދާ މަގެއް ތައްޔާރު ކުރޭ.‘“ އެގޮތުން ޔަޙުޔާގެފާނު އެކަހެރި ހިސާބެއްގައި ހުންނަވައިގެން މީސްތަކުން ތައުބާގެ ހިނެވުމުން ހިނަވައިދެއްވައި އެކަންތައް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. ޖުދެއާކަރައިގެ ސަރަހައްދުންނާއި ޖެރޫސަލަމުން އެތައްބައިވަރު މީހުންނެއް ޔަޙުޔާގެފާނުގެ އަރިހަށް އައެވެ. އަދި އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެބައިމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ. ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވި ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅަކާ އެކު އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަމުން ގެންދެވީ ގޮއްފުޅަނތްގާއި ރޯ މާމުއިއެވެ. މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އަހަރެން ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނަވަމުން މި ގެންދަނީ ފެނުން. ނަމަވެސް އެކަލޭގެފާނު ތިޔަބައިމީހުން ހިނަވާނީ މާތްރޫޙުފުޅުން.“ މިއަށް ފަހު، ގަލީލީގެ ނާޒަރަތުން އީސާގެފާނު ޔަޙުޔާގެފާނުގެ އަރިހަށް ވަޑައިގަންނަވާ އަދި އުރުދުން ކޯރުގައި ޔަޙުޔާގެފާނުގެ އަރިހުން ތައުބާގެ ހިނެވުމުން ހިނައިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފެންގަނޑުތެރެއިން މައްޗަށް އަރާ ވަޑައިގެންނެވި ހިނދު އުޑު ހުޅުވިގެން ދިޔައެވެ. އަދި ހުދު ކޮތަރެއް ފަދައިން މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތެވެ. އެހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެހިނދު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނު ސަހަރާގެ ތެރެއަށް ގެންދެވިއެވެ. އެތަނުގައި އެކަލޭގެފާނު ސާޅީސް ދުވަސް ވޭތު ކުރެއްވިއެވެ. މި ދުވަސްތަކުގައި އެކަލޭގެފާނު ލައްވާ ފާފައެއް ކުރެއްވުމަށް ޝައިތާނާ ވަސްވާސް ދިނެވެ. ވަލު ޖަނަވާރުތައް މި ސަހަރާގައި ވިއެވެ. އެހެނަސް މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ. ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެއްވުމަށް ފަހު އީސާގެފާނު މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ގަލީލީގައި އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”އެންމެ އެކަށީގެންވާ ވަގުތު މިވަނީ އައިސްފަ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅު އައުންވަނީ ކައިރީގަ! ތައުބާވޭ! ހެޔޮޚަބަރުފުޅަށް އީމާންވޭ!“ އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މަސްވެރިންގެ ދެމީހަކު ފެނިވަޑައިގަތެވެ. އެއީ ޝަމްއޫނު އާއި އޭނާގެ ކޮއްކޮ އަންދުރާއި އެވެ. އޭރު އެދެމީހުން ތިބީ މަސްހިފުމަށްޓަކައި ދައު އެއްލައިގެންނެވެ. އީސާގެފާނު އެ ދެ މީހުންނަށް ވިދާޅުވިއެވެ. ”އަހަންނާއިއެކުގައި އާދޭ، އަދި މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެގޮތް ދަސްކޮށްދޭނަން.“ ދެން އެ ދެބެއިން ވަގުތުން ގެންގުޅުނު ދައުތައް ދޫކޮށްލާފައި އެކަލޭގެފާނާއި އެކުގައި ކުރިޔަށް ދިޔައެވެ. ކުޑަތަންކޮޅެއް ކުރިއަށް ވަޑައިގެންނެވި ތަނާހެން އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގަތެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެމީހުން ތިބީ އެބައިމީހުންގެ ދޯނީގައި ދައުތައް މަރާމާތު ކުރުމަށެވެ. އީސާގެފާނަށް އެދެބެއިން ފެނިވަޑައިގަތުމާއެކު އެ ދެބެއިންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އެމީހުން ވަގުތުން އެމީހުންގެ ބައްޕަ ޒަބަދީ އާއި މަހަށް ދިއުމަށް ގެނެވިފައި ތިބި ފަޅުވެރިން މަސްދޯނީގައި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ. އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތާ މެދު މީސްތަކުން ޙައިރާންވިއެވެ. އެކަލޭގެފާނު އުނގަންނަވައި ދެއްވީ ދީނީ ދަންނަބޭކަލުންގެ ގޮތުގައި ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ. ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ. ”އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!“ އީސާގެފާނު އެ ނުބައި ރޫޙަށް އަމުރު ކުރެއްވިއެވެ. ”އަނގަ މަޑުކޮށް އޭނާގެ ހަށިގަނޑުން ނުކުމޭ!“ އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ. އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!“ އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ. އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާވެސް ގެންދެވިއެވެ. އޭރު ޝަމްއޫނުގެ މައިދައިތައަށް ހުންޖެހި ބަލި އެނދުގައި އޮތެވެ. އީސާގެފާނު އެގެއަށް ވަޑައިގަތުމާއެކު ޝަމްއޫނު އެކަލޭގެފާނަށް މައިދައިތަގެ ބަލި ޚަބަރު ދެއްވިއެވެ. ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ. އިރުއޮއްސެނިކޮށް އީސާގެފާނުގެ އަރިހަށް ތަފާތު ބަލި ޖެހިފައިވީ މީހުންނާއި ޖިންނި މޮޔަވެފައިވީ މީހުން މީސްތަކުން ގެނައެވެ. އެކަލޭގެފާނު ހުންނަވާ ގެކޮޅު ކުރިމައްޗަށް އަވަށުގެ އެންމެން އެއްވިއެވެ. ތަފާތު ބަލި ޖެހިފައިވީ މީސްތަކުންގެ ބަލި ހެޔޮ ކުރައްވާ ޖިންނި މޮޔަވެފައިވީ މީހުން އެކަމުން ރަނގަޅު ކޮށްދެއްވިއެވެ. އެ ޖިންނިތަކަށް ވާހަކަ ދެއްކުމުގެ ހުއްދައެއް ލިބިގެން ނުވިއެވެ. ސަބަބަކީ އެ ތަކެއްޗަށް އެކަލޭގެފާނު އެނގިގެންވުމެވެ. ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ. އެއަށް ފަހު ޝަމްއޫނު އާއި އޭނާގެ ބައެއް އެކުވެރިން އެކަލޭގެފާނު ހޯއްދަވަމުން ގެންދެވިއެވެ. އަދި އެބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން އެކަލޭގެފާނަށް ދެންނެވިއެވެ. ”އެންމެހާ މީސްތަކުން ކަލޭގެފާނު އެބަ ހޯއްދަވާ.“ އެހެނަސް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އަހަރެމެން މިތާނގެ ވަށައިގެންވާ އަވަށްތަކަށް ދާންޖެހޭ. އަހަރެން އެ އަވަށްތަކުގައި ވެސް ވަޢުޡު އިއްވައިދޭންޖެހޭ. އެއީ އަހަރެން އައި ސަބަބު ކަމަށް ވާތީ.“ އެގޮތުން އެކަލޭގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި ވަޢުޡު އިއްވައި ދެއްވާ ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކުރައްވަމުން ގެންދެވިއެވެ. ޖުޒާމުބަލި ޖެހިފައިވާ ފިރިހެނަކު އީސާގެފާނުގެ އަރިހަށް އައިސް ކަކޫމައްޗަށް ތިރިވެ އާދޭސް ދެންނެވިއެވެ. ”ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެއެވިދާނެ.“ މި މީހާ އާއިމެދު އެކަލޭގެފާނު ހަމްދަރުދީވެ ވަޑައިގެން އީސާގެފާނުގެ އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”އަހަރެން އެދެން. ސާފުވެ ތާހިރުވޭ!“ އެހިނދު އެމީހާގެ ބަލި ފަސޭހަވެ އަދި އޭނާ ތާހިރުވެގެން ވިއެވެ. ދެން އީސާގެފާނު އެމީހާއަށް ގަދައަށް އިންޒާރު ކުރައްވާ ފޮނުއްވާ ލައްވަމުން ވިދާޅުވިއެވެ. ”އަޑުއަހާ، މި ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެހެނަސް ސީދާ ގޮސް ތިބާ އިމްތިޙާނު ކުރުމަށްޓަކާ އިމާމަކަށް ހަށިގަނޑު ދައްކާ. އެއަށް ފަހު ތިބާގެ ބަލިން ރަނގަޅުވެ ތާހިރުވެއްޖެކަން މީސްތަކުންނަށް ސާބިތުކޮށްދިނުމުގެ ގޮތުން މޫސާގެފާނު އަމުރުކުރެއްވި ޤުރުބާންތައް ކުރޭ.“ ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުންވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.