ޔޫނުސް. 3. އަނެއް ފަހަރުވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް އަމުރުފުޅު ކުރެއްވިއެވެ. ”ނީނަވާއަކީ ބޮޑު ރަށެއް. އެރަށަށް ގޮސް އެ ރަށުގެ މީހުންނަށް ތިމަންކަލާނގެ ފަރާތްޕުޅުން އިންޒާރުގެ ޚަބަރު އިއްވާށޭ.“ ދެން ޔޫނުސްގެފާނު އެ އަމުރުފުޅަށް ތަބާވެ އެރަށަށް ދިއުމަށް ހިންގަވައި ވަޑައިގަތެވެ. ނީނަވާއަކީ ވަރަށް ބޮޑު ރަށެކެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ތިން ދުވަސް ހޭދަވިއެވެ. އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ. ”ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.“ ނީނަވާގެ އަހުލުވެރިން މާތްﷲގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ. އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ. ރަސްގެފާނަށް މި ޚަބަރު އިވިވަޑައިގަތުމުން ތަޚުތުން ފައިބައިވަޑައިގެން އިއްޒަތުގެ ހެދުންކޮޅު ބާލުއްވައި ކިއްތާނީގެ ދެރަ ހެދުމެއް ތުރުކުރައްވައި އަޅިއާއި ކިލާހުރި ބިމުގައި އިށީނދެވަޑައިގެންނެވިއެވެ. ދެން ކޮއިލުތެރޭން ރަސްގެފާނާއި ބޮޑުން މި ފަދައިން އަމުރު މަޢުރޫފު ނެރުއްވައިފިއެވެ. ”އެއްވެސް މީހަކު އަދި އެއްވެސް ގެރިބަކަރި ޖަނަވާރަކުވިޔަސް މިއަދުން ފެށިގެން ކައިބޮއި ހަދައިގެން ނުވާނެއެވެ. ހުރިހާ އެންމެންވެސް މޮޅިސާލު ލާށެވެ. މިކަމުން ޖަނަވާރެއްވެސް އިސްތިސްނާއެއް ނެތެވެ. އަދި އެންމެހައި ވިޔާނުދާ ފާފަތަކުން ދުރުވެ މާތް ﷲއަށް އަޑުން އަޑުނަގާ ދުޢާ ދެންނެވުންމަތީގައި ތިބޭށެވެ. ފަހަރުގައި ﷲގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.“ ދެން މާތްﷲ މި މީހުން އެގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.