ޔޫނުސް. 2. ދެން ޔޫނުސްގެފާނު އެ މަހުގެ ބަނޑުތެރޭގައި ލެއްވި ހިނދު މިފަދައިން ދުޢާފުޅު ކުރެއްވިއެވެ. ”މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު. އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު. އިނބަރަސްކަލާނގެ މި އަޅާ ކަނޑުލެއްވި ހިނދު ފޮނުއަރައިގެން ކެކެމުން އައި ބިޔަ ރާޅުތަކުގެ ހޮޅިދަށުވެ ފުންކަނޑުގެ އެންމެ ފުންމިނަށް މިއަޅާ ގެނބިގެން ދިޔަ. އެހިނދު މިއަޅާއަށް ހީކުރެވުނު. އިނބަރަސްކަލާނގެ ބައްލަވާވޮޑިގަތުމުގެ ދަށުން މިއަޅާ މި ބޭރުވީތާއޭ. އެހެނަސް އެ މަތިވެރި ބައިތުލް މަޤްދިސަށް މިއަޅާ އަލުން ގެންދަވާނެކަމުގެ އުންމީދު މިއަޅާ ގެއްލުވައެއް ނުލަން. ކެކިގެން އުތުރިއަރަމުން އައި ލޮނުގަނޑު އައިސް ވަށާލައި މިއަޅާގެ ނޭވާ ހާސްކޮށްލި. މޫދުވިނަތައް އައިސް މިއަޅާގެ ބޮލުގައި އޮޅާލި. ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު، މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު، އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު. މިއަޅާގެ ދިރިހުރުމުގެ ހުޅުކޮޅު ކަނިވެ މަރު ގާތްވެގެން އައި ވަގުތު އިނބަރަސްކަލާގެ މަތިން ހަނދުމަވެ ދުޢާ ދެންނެވީމު. އިނބަރަސްކަލާގެ މަތިވެރި ދަރުބާރުން އެދުޢާ އައްސަވައި އިޖާބަ ކުރެއްވީމު. އަގެއް ނެތް ބުދުތަކަށް އަޅުކަންކޮށް އުޅޭ މީހުން އެތިބެނީ އޯގާވެރި ކަލަކަށް ފުރަގަސްދީގެން. އެހެނަސް މިއަޅާ އިނބަރަސްކަލާނގެއަށް މަދަހަ ސަނާގެ ޤުރުބާނީއެއް ހަރުއަޑުން ހުށަހަޅަން. މިއަޅާގެ ނަދުރު ފުއްދާހުށީން. މިއަޅާއަށް ދިންނެވުން ލިބުން އޮތީ އިނބަ ރަސްކަލާނގެ ކިބަފުޅުން.“ އެހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.