ހަރުބަސްތައް. 31. މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ. ”އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ. ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ. އޭ ލަމޫއީލް އެވެ. ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ. ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ. އެމީހުން ރާބުއިމުން ޤާނޫނު ހަނދާނެއް ނުހުރެއެވެ. މުހުތާދަށް ބޭނުންވެފައިވާ މީހާއާމެދު އިންސާފުން ކަންތަކެއް ނުކުރެވެއެވެ. ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ. ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ. އެއީ އެމީހުންގެ ފަޤީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ. އަމިއްލައަށް ބަސް ބުނަން ކުޅަދާނަކަން ނެތް މީހުންގެ މަތިން ބަސް ބުނެދޭށެވެ. އެހީތެރިކަމެއް ނެތް މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭށެވެ. އާނއެކެވެ. ފަޤީރު މީހާގެ ކޮޅަށް ވަކާލާތު ކޮށްދޭށެވެ. އެމީހުންނަށް އިންސާފު ހޯދާ ދޭށެވެ.“ ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ. އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ. އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ. އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ. އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ. ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ. ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ. އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ. އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ. އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ. އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ. އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ. އޭނާ ފަޤީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ. ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ. އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ. ލާނީ ރީތި ފަށުވި ލިބާހެވެ. ބޭރުން އަޅާނީ ދަނބުކުލައިގެ ފޭރާމެކެވެ. އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ. އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ. އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ. އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ. ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ. އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ. ”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“ ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ. އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.