ހަރުބަސްތައް. 30. މިއީ ޔާގަތުގެ ދަރި އަޖޫރުގެ ކިބައިން ވާރިދު ވެފައިވާ އިލާހީ ބަސްފުޅުތަކެކެވެ. މިއަޅާ މިވަނީ ބަލިކަށިވެފައެވެ. މާތްކަލާނކޯއެވެ! މިއަޅާ މިވަނީ ބަލިކަށިވެ އަޖޫޒު ވެފައެވެ. އޭ މާތްކަލާނކޯއެވެ! މިއަޅާއަކީ އިންސާނެކޭ ކިޔާވަރަށް ވުރެން މާ ގަމާރު މީހެކެވެ. މިއަޅާގެ ހަމަބުއްދިއެއް ނެތެވެ. މިއަޅާ ކިބަޔަކު ޙިކުމަތެއް ބުއްދިއެއް ނެތެވެ. މިއަޅާއަކަށް މާތްވެގެންވާ ފަރާތެއް ވެސް ނޭނގެއެވެ. މާތްރަސްކަލާނގެ ނޫން ފަރާތަކަށް އުޑަށް އަރާވޮޑިގަންނަވައި ބިމަށް ފައިބާ ވޮޑިއެއް ނުގަނެވޭނެއެވެ. ވައިރޯޅި އެފަރާތެއްގެ އަތްޕުޅު ތެރޭގައި ހިފަހައްޓަވަނީ ކޮންފަރާތަކުން ހެއްޔެވެ؟ ރަޖާގަނޑެއްހެން ކަނޑު އޮޅާލައްވަނީ ކޮންފަރާތަކުން ހެއްޔެވެ؟ މިއޮތް ފުޅާ ދުނިޔެ އުފެއްދެވީ ކޮން ފަރާތަކުން ހެއްޔެވެ؟ އެކަލާނގެ އާއި އެކަލާނގެ ދަރިކަލުންގެ ނަންފުޅު އެނގެންޏާ ނިކަން ބުނެބަލާށެވެ! މާތްﷲ އެންގެވި ހުރިހާ ބަސްފުޅުތަކެއްވެސް ތެދެވެ. އެކަލާނގެ ކިބަފުޅުން ވާގިއެދިގެން އަންނަ މީހާއަށް އެކަލާނގެ ރައްކާތެރިކަން ދެއްވައެވެ. މާތްރަސްކަލާނގެ ބަސްފުޅުގެ ތެރެއަށް ބަސްތައް އިތުރު ނުކުރާށެވެ. އެހެންނޫނީ އެކަލާނގެ ކަލެއަށް ކޯފާވެވޮޑިގެން ދޮގުވެރިއެއްގެ ގޮތުގައި ކަލޭ ބޭޒާރު ކުރައްވާފާނެއެވެ. އޭ މާތްރަސްކަލާނކޯއެވެ! މިއަޅާ މަރުވުމުގެ ކުރީގައި ދެކަމަކަށް އެދެމެވެ. އެކަންތައް ފުއްދަވާ ދެއްވާފާނދޭވެ. ފުރަތަމަ ކަމަކީ ދޮގެއް ހެދުމަށް މިއަޅާއަށް މެދުވެރި ނުކުރައްވާފާނދޭވެ. ދެވަނަކަމަކީ މިއަޅާ ފަޤީރު ނުކުރައްވާނދޭވެ! އަދި މުއްސަނދިވެސް ނުކުރައްވާނދޭވެ! މިއަޅާއަށް ކިރިޔާ ބޭނުންތައް ފުދޭވަރަށް ދެއްވާފާނދޭވެ! މިއަޅާ މުއްސަނދި ވެއްޖެނަމަ މިއަޅާ އިނބަރަސްކަލާނގެއަށް އިންކާރުކުރެވި މިހެން ބުނެވިދާނެއެވެ. ”މާތްރަސްކަލާނގެއަކީ ކާކުހެއްޔެވެ؟“ މިއަޅާ ފަޤީރު ވެއްޖެނަމަ މިއަޅާއަށް ވައްކަން ކުރެވިދާނެއެވެ. އޭރުން އިނބަރަސްކަލާނގެ މާތް ނަންފުޅަށް ހުތުރު އެރުވުނީއެވެ. ނޯކަރެއްގެ ޝަކުވާ ވެރިމީހާގެ ގާތު ނުކުރާށެވެ. އެހެންނޫނީ އޭނާ ކަލެއަށް ލަޢުނަތް ލާނެއެވެ. އޭގެ އަގު ކަލޭ އަދާ ކުރަން ޖެހިދާނެއެވެ. ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ. އެމީހުންނަށް އެމީހުން ފެންނަނީ ނިކަން ތާހިރު ބައެއްގެ ގޮތުގައެވެ. އެކަމަކު އެއީ ފެންނުވަރާ ނަޖިސް ބައެކެވެ. އެމީހުން ބޮޑާކަމާއެކު ވަށައިގެން ބަލައެވެ. ކިބުރުވެރިކަމާއެކު ކަޅިއުކައެވެ. އެމީހުންގެ ދަތްތައް ކަނޑިތަކެއް ފަދައެވެ. ފޭރާދަތްތައް ވަޅިތަކެއް ފަދައެވެ. އެމީހުން ބިންމަތީގައި ތިބި ފަޤީރުންނާއި އިންސާނުންގެ ތެރޭން ބޭނުން ޖެހިފައި ތިބި މީހުންތައް ކައި ހަފުސް ކޮށްލައެވެ. ދަހިވެތިކަން ލޭބޯ ފަންޏެއް ފަދައެވެ. އޭގައި ލޭބޯ ދެ އަނގަ ހުރެއެވެ. ކޮންމެ އަނގަޔަކުން ގޮވައެވެ. ”ގިނައިން ދޭށެވެ!“ ހިތްނުފުރޭނެ ތިނެއްޗެއް ވެއެވެ. ނޫން ހަތަރެއްޗެއް ވެއެވެ. މައްޔިތުން ގިނަވެ ކަށްވަޅުގެ ހިތެއް ނުފުރެއެވެ. ދަރިން ނުލިބޭ އަންހެނާގެ ރަހިމު ދަރިން ލިބި ހިތެއް ނުފުރޭނެވެ. ހަނަފަސް ސަހަރާއަށް ފެން ލިބި ހިތެއް ނުފުރެއެވެ. އަނދަމުންދާ އަލިފާން ވެސް އެފަދަ އެވެ. މިއިން އެއްޗެއް ”ދެން ހެވޭ، ހޯހޯއޭ“ އެއްނުބުނާނެއެވެ. ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ. އަހަރެން ހައިރާންވާ ތިންކަމެއް އެބަވެއެވެ. ނޫން ހަތަރު ކަމެކެވެ. ބާޒުތައް އެހާ މަތީގައި އުދުހެނީ ކިހިނެއްހެއްޔެވެ؟ ހަރުފަތައް ގާގަލުގެ ތެރޭގައި ލޫދި ދެމެނީ ކިހިނެއް ހެއްޔެވެ؟ އޮޑިފަހަރު ކަނޑުގައި ދުއްވަނީ ކިހިނެއްހެއްޔެވެ؟ ފިރިހެނަކު އަންހެނަކު ދެކެ ލޯބިވަނީ ކިހިނެއްހެއްޔެވެ؟ ޒިނޭކުރާ އަންހެނާ އޭނާ ގާތަށް އަންނަ ފިރިހެނާ ކާލައިގެން އަނގަ ފުހެލައެވެ. ދެން ފެންވަރާލައިގެން އައިސް އެއަންހެނާ ބުނެއެވެ. ”ދެން މިއީ އެވަރު ބޮޑު ކަމެއް ތަ؟“ ތިން ކަމަކުން ބިންގަނޑު ތެޅިގަނެއެވެ. ނޫން ހަތަރު ކަމެއް އެބިމަކަށް ތަހައްމަލެއް ނުކުރެވެއެވެ. އެއީ އަޅަކު ރަސްކަމަށް އައުމެވެ. މޮޔައަކު ކާނެ ވަރަކަށް ކާން ލިބުމެވެ. ލޯތްބެއް ނުލިބިފައި އިންނަ އަންހެނާއަށް ފިރިޔަކު ލިބުމެވެ. ގެންގުޅޭ އަންހެން ކުއްޖާ އަނބިމީހާގެ މަޤާމަށް އައުމެވެ. ބިންމަތީގައި ކުޑަ އެކަމަކު ބުއްދި ހުރި ހަތަރު އެއްޗެއް ވެއެވެ. އެއީ ހިނިތަކެވެ. އެއީ ބަލިކަށި އެއްޗެކެވެ. އެކަމަކު އެސޮރުމެން ހޫނު މޫސުމުގައި ކާތަކެތި އެއްކުރެއެވެ. އެއީ ވިބާރު މީދާތަކެވެ. އެއީވެސް ބަލިކަށި އެއްޗެއްސެވެ. އެކަމަކު އެއެއްޗެހި ހިލަތަކުގެ ތެރޭގައި ގެދޮރު ހަދައެވެ. އެއީ ގޮއްފުޅަނތްގެވެ. އެތަކެތީގެ މައްޗަށް ރަސްކަލަކު ނުހުރެއެވެ. އެކަމަކު އެތަކެތި ނިކަން ތަރުތީބުކޮށް ކަންތައް ކުރެއެވެ. އެއީ ހޯނެވެ. އެއީ ހިފަން ފަސޭހަ އެއްޗެކެވެ. އެކަމަކު އޭތި ރަސްގެފާނުގެ ގަނޑުވަރަށް ވެސް ވަދެއެވެ. ހިނގާފައި ދާއިރު ބަލާހިތްވާ ކަހަލަ ތިނެއްޗެއް ވެއެވެ. ނޫން ހިނގުން ރީތި ހަތަރެއްޗެއްވެއެވެ. އެއީ ސިންގާއެވެ. ޖަނަވާރުތަކުގެ ރަސްގެފާނެވެ. އޭތި އެއްވެސް އެއްޗަކަށް މަގުދީ އެއްފަރާތަކަށް ނާރައެވެ. އެއީ ގިތެލާއި ގުންފައިޖަހާފައި ހިނގާ ހާލާއި ލަޝްކަރުގެ ކުރީގައި ހުރެ ހިންގަވާފައި ވަޑައިގަންނަވާ ރަސްގެފާނެވެ. ކަލެއަކީ ނުބައި ކަމެއް ރާވާފައި އެކަމާ ފަޚުރުވެރިވާ މޮޔައެއް ނަމަ ލަދުގަނެ އަނގަމަތީ އަތްއަޅާށެވެ! ގެރިކިރު ހިލުމުން ބަޓަރު އުފެދޭ ފަދައިން ނޯށްމަތީ ޖެހުމުން ލޭ އަންނަ ފަދައިން ރުޅިގަނޑެއް ހިލުވާލުމުން ތަޅާފޮޅުންގަނޑެއް އުފެދޭނެއެވެ.