ހަރުބަސްތައް. 29. ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ. މާތްރަސްކަލާނގެއަށް ތަބާވާ މީހުން ބާރުވެރިވުމުން މީހުން އުފާ ފާޅުކުރެއެވެ. ނުލަފާ މީހުން ވެރިކަމަށް އައުމުން މީހުން ހިތާމަ ކުރެއެވެ. ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ. އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ. ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ. ރައްޓެހިންނަށް ޚުޝާމަދު ކުރާ މީހާ އެމީހުންގެ ފައިގައި ދަންތުރައެއް ތިއްބައެވެ. ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ. ޞާލިޙު މީހާ ފަޤީރުންގެ ޙައްޤުތައް ރައްކާތެރި ކުރެއެވެ. ނުލަފާ މީހާ އެމީހުންނާ އަޅައެއް ނުލައެވެ. ޖެއްސުން ކުރާ މީހުން މުޅި އަވަށް ހަލަބޮލި ކުރެއެވެ. ބުއްދިވެރިން ރުޅި މައިތިރި ކުރެއެވެ. ބުއްދިވެރިޔަކު އިންސާފުގެ ކުރިމައްޗަށް މޮޔައަކު ގެންގޮސްފިނަމަ އެމީހާ އެކަމާ މަލާމާތް ކުރެއެވެ. އެކަމުން ލިބޭ ފައިދާއެއް ނެތެވެ. ލެޔަށް ފެންބޮވާފައި ހުންނަ މީހާ އަބުރުވެރިން ދެކެ ނަފްރަތު ކުރެއެވެ. އެކަމަކު ހެޔޮ މީހުން ތެދުވެރިންނަށް އެހީތެރިކަން ފޯރުވައެވެ. މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ. ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ. ފަޤީރު މީހާއާއި އަނިޔާވެރިޔާއާ ދެމެދުގައިވާ އެއްގޮތް ކަމެއް އޮވެއެވެ. ދެމީހުންނަށް ވެސް ލޮލުގެ ފެނުން ދެއްވީ މާތްރަސްކަލާނގެއެވެ. ފަޤީރުންނަށް ހަމަހަމަކޮށް ހިތާ ރަސްކަލެއްނަމަ އޭނާގެ ތަޚުތު ދާއިމަށް ދެމިގެންދާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ. ނުބައިމީހުން ވެރިކަމުގައި ތިބޭއިރު ތަނުގައި ޖަރީމާތަކާއި ކުށްކުރުން އިތުރުވެދެއެވެ. އެކަމަކު އެމީހުން ވެރިކަމުން ވެއްޓޭތަން ޞާލިޙުންނަށް ދައްކަވައެވެ. ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން ކަލޭމެންގެ ހިތަށް އުފާވެރިކަން ލިބި ދިރިއުޅުން ހިތްފަސޭހަ ވާނެއެވެ. މަތިވެރިފަރާތުގެ އިރުޝާދުތައް ގަބޫލު ނުކުރާމީހުން އުޅޭނީ ޖަނަވާރުން ފަދައިންނެވެ. އެބަސްތަކަށް ތަބާވާ މީހުން ތިބޭނީ އުފާވެރިކަން މަތީގައެވެ. ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެބަސް އެމީހުން އަޑުއަހާފާނެއެވެ. އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ. ވިސްނާނުލާ ބަސްބުނާ މީހާއަށް ވުރެން މޮޔައަކަށް ވެސް މާ އުންމީދު ބޮޑެވެ. ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ. ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ. ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ. ވަގަކަށް އެހީތެރިވުމުން ގެއްލުން ލިބެނީ ތިމާއަށެވެ. އެހެނީ ތެދުބަސް ބުނަން ހުވާކޮށްގެން ހުއްޓަސް ތެދުބަސް ބުނާކަށް އޭރަކުން ނުކެރޭނެއެވެ. މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ. ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ. ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ. ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.