ހަރުބަސްތައް. 28. ނުލަފާ މީހުން ފައްސާނުލިޔަސް ދުވެ ފިލައެވެ. ހެޔޮ މީހުން ސިންގާއެއްހާ ހިތްވަރު ގަދައެވެ. ޤައުމުގައި ހަމައެއް ލަމައެއް ނެތިއްޔާ ސަރުކާރު ފަސޭހައިން ވެއްޓެއެވެ. އިލްމާއި ހުނަރާއެކު ވިސްނުންތެރިން ޤައުމަށް މަސަލަސްކަން ގެނެއެވެ. ފަޤީރުންނަށް ދެރަގޮތް ހަދާ ފަޤީރު މީހާ ގޮވާން ގަސްތަކުގެ މައްޗަށް ބަރުކޮށް ވެހޭ ވާރޭ ފަދައެވެ. ޤާނޫނަށް ތަބާނުވާ މީހުން ނުބައި މީހުންނަށް ސަނާ ކިޔައެވެ. ޤާނޫނަށް ބޯލަނބާ މީހުން ނުބައި މީހުންނާ ދެކޮޅު ހަދައެވެ. ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ. ފަޤީރު ތެދުވެރިޔަކަށްވެ ހުރުން ކެހިވެރި މުއްސަންޖަކަށް ވުމަށް ވުރެން ހެވެއެވެ. މާތްރަސްކަލާނގެ ޤާނޫނަށް ބޯލަނބާ ޒުވާނުންނަކީ ބުއްދިވެރި ބައެކެވެ. ނުލަފާ މީހުންނާ ގުޅިގެން އުޅޭ ޒުވާނުންގެ ކިބައިން މައިންބަފައިންނަށް ލިބެނީ ލަދުވެތިކަމެވެ. ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަޤީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ. އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. ރަނގަޅު މީހުން ނުބައިމަގަށް ގެންދާމީހާ އެންމެ ފަހުން ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ތެދުވެރިންނަށް ލިބޭނީ ހެޔޮ ޖަޒާއެވެ. މުއްސަނދިމީހާ ހީކުރަނީ އޭނާއަކީ ނިކަން ބުއްދިވެރިއެއް ކަމަށެވެ. އެކަމަކު ވިސްނުންތެރި ފަޤީރު މީހާއަށް އެމީހުންގެ އެތެރެފުށް ސާފުކޮށް ފެނެއެވެ. މާތްރަސްކަލާނގެ މަގުގައި ތިބި މީހުން ކާމިޔާބު ވުމުން އެންމެން އުފާކުރެއެވެ. ނުބައިމީހުންނަށް ވެރިކަން ލިބުމުން މީހުން ފިލަން ދުވެއެވެ. ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ. ނުބައިކަންތައް ކުރަން ބިރުގަންނަ މީހާއަށް ބަރަކާތް ހުއްޓެވެ. ގޮތްދޫނުކުރާ މީހާ ދާނީ މުސީބާތާ ދިމާއަށެވެ. ނުލަފާ ވެރިޔަކީ ސާރިދޯޅައެއް ނުވަތަ ސިންގާއެއް ފަދައިން ފަޤީރު މީހާއަށް ހުރި ނުރައްކަލެކެވެ. ކަންތައް ފަހުމުނުވާ ވެރިޔާ އޭނާގެ ރައްޔިތުން ފިއްތައެވެ. އެކަމަކު ކަރަޕްޝަނާ ދެކޮޅު މީހާއަށް ދިގު އުމުރެއް ލިބެއެވެ. މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ. ކުށެއްނެތް މީހާ ގެއްލުމެއް ނުލިބި ސަލާމަތްވެއެވެ. ނުބައިމީހާ ވަގުތުން ވެއްޓިދެއެވެ. ބުރަމަސައްކަތް ކުރާމީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ. އިތުބާރުހިފޭ މީހާއަށް މާތްރަސްކަލާނގެ ކިބަފުޅުން މަތިވެރި ބަރަކާތް ލިބެއެވެ. އަވަހަށް މުއްސަނދިވެގަންނަން އުޅޭ މީހާއަށް އޮތީ މުސީބާތެވެ. ހިތްއެދޭ މީހާއަށް ކަންތައް ފަހިކޮށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނަސް ކާއެތިކޮޅަކަށްޓަކައި ކޮންމެފަދަ ކުށެއް ކޮށްފާނެ މީހުންވެސް އުޅެއެވެ. ދަހި މީހުން އަވަސްގޮތަކުން މުއްސަނދިވާން އުޅެއެވެ. އެކަމަކު އެމީހުން އެދަނީ ފަޤީރު ކަމާ ދިމާއަށް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. ފަހުވަގުތު މީހުން ބޭނުންވާނީ ތެދުވެރި ފާޑު ކިޔުމެވެ. ޚުޝާމަދު ކުރުމެއް ނޫނެވެ. މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ. ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ. ތިމާއަށް ފެންނަގޮތް ރަނގަޅުކަމަށް ހީކުރާ މީހާއަކީ މޮޔައެކެވެ. ވިސްނުންތެރިކަމާއެކީ އުޅޭމީހާއަށް ރައްކާތެރިކަން ލިބެއެވެ. ފަޤީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަޤީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. ނުލަފާ މީހާ ބާރުވެރިވުމުން ދެން ތިބި މީހުން ފިލަން ދުވެއެވެ. ނުބައި މީހުންގެ ވެރިކަން ވެއްޓުމުން ތެދުވެރިންނަށް އުފާފާގަތިކަން ލިބެއެވެ.