ހަރުބަސްތައް. 25. މިއީ ސުލައިމާނުގެފާނު ވިދާޅުވި ހަރުބަސްފުޅުތަކެކެވެ. މި ބަސްފުޅުތައް ލިއުއްވީ ޔަހޫޛާގެ ރަސްގެފާނު ހަޒްގިޔާގެ ކާތިބުންނެވެ. ކަންކަން ފާޅު ނުކުރުމުން ﷲ އަށް ޢިއްޒަތް ލިބި ވޮޑިގަންނަވައެވެ. ކަންތައް ފާޅު ކުރުމުން ރަސްގެފާނަށް ޝަރަފު ލިބިވަޑައިގަންނަވެއެވެ. އުޑުގެ އުސްމިނެއް ކަނޑުގެ ފުންމިނެއް ނޭނގޭ ފަދައިން ރަސްގެފާނުގެ ހިތްޕުޅުގައި ވަނީ ކޮންކަމެއްކަން ވެސް މީހަކަށް ނޭނގޭނެއެވެ. ރިހީގައިވާ ދަމިލަ ފިލުވާލުމުން އަތްކަން ކުރާމީހަކު ރީތި ގަހަނާއެއް ހަދަން ކަމު ހިނގައިދެއެވެ. ނުބައިމީހާ ރަސްގެފާނުގެ ދަރުބާރުން ނެރޭށެވެ. އެގޮތަކީ ރަސްގެފާނުގެ ރަސްކަން ދެމިހުންނަނީ އަދުލުވެރި ވުމުގެ މައްޗަށެވެ. ރަސްގެފާނުގެ ދަރުބާރުގައި ހިމެނިގަތުމަށް ބާރު ނާޅާށެވެ. ނުވަތަ ބޮޑެތިމީހުންގެ ދަރަޖަ ލިބިގަތުމަށް ގަދަނާޅާށެވެ. ޖާފަތަށް ގޮވަންދެން އިންތިޒާރު ކުރުން އެންމެންގެ ކުރިމަތީގައި ލަދުގައި ބެދުމަށް ވުރެން ރަނގަޅެވެ. ތިމާއަށް ކަށަވަރުވަންދެން ހުންނާށެވެ. އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ. އަވަށްޓެރިޔާއާ ދެބަސްވުމެއް ހިނގާއިރު އޭނާގެ ސިއްރުތައް އެހެން މީހުންނަށް ނާންގައި ހައްލު ކުރާށެވެ. އެހެން ނޫނީ ނެތިމޮށޭ މީހެއްގެ ނަންލިބި މީހުންގެ ކުރިމަތީގައި ކަލޭގެ އަގު ވެއްޓިދާނެއެވެ. ރަނގަޅު ވަގުތުގައި ބުނެލާ ހެޔޮ ބަހެއް ރިހި ވަށިގަނޑެއްގައި ހުންނަ ރަން އާފަލުތަކެއް ފަދައެވެ. ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫންވެސް ރަނުގެ ގަހަނާއެއް ފަދައެވެ. އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ. ހަދިޔާއެއް ގެނައުމަށް ވަޢުދުވެފައި ނުގެނައުމެކޭ ވިލާގަނޑެއް ނަގައި ވައިޖެހި ވާރޭ ނުވެހުމެކޭ ތަފާތެއް ނެތެވެ. ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ. މާމުއި ކަލެއަށް މީރުހެއްޔެވެ؟ އެވެސް މާގިނައިން ނުބޯށެވެ. ނޫނީ ކަލޭ ބަލިވެދާނެއެވެ. އަވަށްޓެރިޔާގެ ގެޔަށް މާގިނައިން ނުވަންނާށެވެ. އެހެން ނޫނީ ކަލެއަށް އެގެއިން ކިޔާ މަރުހަބާ އުނިވާން ފަށާފާނެއެވެ. ދޮގު ހެކިބަހަކީ ކަނޑި އެތިފަހަރެއް ނުވަތަ މުގުރެއް ނުވަތަ ތީރެއް ފަދަ އެއްޗެކެވެ. މުސީބާތެއްގައި އިތުބާރެއް ނެތް މީހަކަށް ބަރޯސާވެގެން އުޅުމެކޭ ބިނދިފައިވާ ދަތަކުން ހަފަން އުޅުމެކޭ ނުވަތަ ކޮރު ފަޔަކުން ހިނގަން އުޅުމެކޭ ތަފާތެއް ނެތެވެ. ހިތްދަތިވެފައިވާ މީހާއަށް އުފާވެރި ލަވަތައް ކިޔާ ދިނުމެކޭ، ފިނި ދުވަހަކު އޭނާ ލާފައި ހުރި ކެހެރި ހެދުން ބޭލުވުމެކޭ، ނުވަތަ ފާރުގަނޑެއްގައި ރާހުތް އުނގުޅުމެކޭ އެއްފަދައެވެ. ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ. އޭރުން އެމީހުންނަށް ހީވާނީ އެމީހުންގެ ބޮލަށް އަނގުރު އަލިފާން އެޅީހެންނެވެ. ކަލޭ ކުރި ހެޔޮ ކަންތަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ. އަނގަ ހުއްޓާނުލާ ކުދިކިޔާ އަންހެނަކާއެކު ހިތްގައިމު ގެޔަކު ދިރިއުޅުމަށް ވުރެން ފުރާޅު މައްޗަށް އަރައި އެކަނި އިންނަންވެސް މާ ހިތަށް ފަސޭހައެވެ. ދުރުން އަންނަ ހެޔޮ ޚަބަރެއް ފެންބޮވައިގެންފައި ހުންނަ މީހަކަށް ލިބޭ ފިނިފެން ތައްޓެއް ފަދައެވެ. ހެޔޮ މީހާ ނުބައި މީހެއްގެ ބަހަށް ލެނބުމެކޭ ތާޒާ ފައްވާރާއެއް ނުވަތަ ފެންއާރެއް ކިލާވުމެކޭ އެއްފަދައެވެ. މާގިނައިން މާމުއި ބުއިން ރަނގަޅެއް ނޫނެވެ. ތިމާ އަމިއްލައަށް ޝަރަފު ހޯދައިގަންނަން އުޅުންވެސް ރަނގަޅެއް ނޫނެވެ. ނަފްސުގެ މައްޗަށް ބާރު ނުފޯރާ މީހާއެކޭ ބޮޑުފާރު ތަޅާލެވިފައިވާ ރަށެކޭ އެއްފަދައެވެ.