ހަރުބަސްތައް. 24. ނުބައި މީހުން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އެމީހުންނާ ގުޅިގެން އުޅެން ނޭދޭށެވެ. އެހެނީ އެމީހުންގެ ހިތުގައި ވާނީ އަނިޔާވެރިކަން އުފެއްދުމެވެ. އެމީހުންގެ ބަސްތަކުން އުފައްދާނީ ހައިޖާނެވެ. ޙިކުމަތުން ބިނާ ކުރާ ގެއެއް ވަރުގަދަވާނީ ހެޔޮ ވިސްނުން އެކުލެވުނީމައެވެ. އިލްމު އެކުލެވުމުން ކޮޓަރިތަކުގައި ތަނަވަސްކަމާއި އަގުހުރި ތަކެއްޗާއި މުއްސަނދިކަން އެކުލެވޭނެއެވެ. ބުއްދިވެރިޔާ ގައިބާރުގަދަ މީހާއަށް ވުރެން މަތިވެރިވާނެއެވެ. އިލްމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ދާނެއެވެ. ބުއްދިވެރި ލަފާއާއި ނުލައި ހަނގުރާމައަކަށް ނުދާށެވެ. ކާމިޔާބު ލިބުން އޮތީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައެވެ. ބުއްދިވެރިކަމަކީ މޮޔައިންނަށް ފަހުމުވާ ވަރަށް ވުރެން މާނަ ފުން އެއްޗެކެވެ. މުހިންމު ކަމަކާ މެދު ވެރިން ޖަލްސާ ކުރާއިރު މޮޔައިން ބުނާނެ އެއްޗެއް ނޯވެއެވެ. ނުބައިކަންތައް ރާވާ މީހާއަކީ ކަންތައް ގޯސް ކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވާނެ މީހެކެވެ. ނުބައި ރޭވުން ރާވާ މީހާއަކީ ފާފަވެރިއެކެވެ. ފޮނިވެފަ ހުންނަ މީހާ ދެކެ އެންމެންވެސް ނަފްރަތު ކުރެއެވެ. ބުރަ ބޮޑުވުމުން ދޫދޭ މީހާގެ އަޒުމު ދެރައީއެވެ. ބޭއިންސާފުން މަރާލެވޭ މީހާ ސަލާމަތްކުރުމަށް ފަސްނުޖެހޭށެވެ. މަށަކަށް ނޭނގެއޭ ބުނެ ކަންކަމުން ރެކެން ނޫޅޭށެވެ. އެހެނީ މާތްރަސްކަލާނގެ ހުރިހާ ހިތްތަކެއް ދެނެވޮޑިގަންނަވެއެވެ. އަދި އެކަލާނގެ ހުރިހާކަމެއް ބައްލަވާ ވޮޑިގަންނަވައެވެ. ކަލޯގެ ފުރާނަ ބަލަހައްޓަވާ ފަރާތަށް ކަލޯ އެނގިވޮޑިގަންނަވައެވެ. އެމީހަކު ކުރި އަމަލެއްގެ ޙައްޤު ޖަޒާ އެމީހަކަށް އެކަލާނގެ ދެއްވާނެތެވެ. ދަރިފުޅާއެވެ. މާމުޔަކީ ފައިދާހުރި އެއްޗެކެވެ. މާމުއި ހަތާ އަކީ ފޮނިރަހަ ދޭ އެއްޗެއްވެސް މެއެވެ. ހަމަ އެގޮތަށް ބުއްދިއަކީ ފުރާނައަށް ފޮނިކަން ލިއްބައިދޭ އެއްޗެކެވެ. އެ ހޯދައިގަނެވިއްޖެނަމަ ކަލޯއަށް އަލި މުސްތަގުބަލެއް ލިބޭނެއެވެ. އަދި ކަލޯގެ އުންމީދު ގެއްލިގެނެއް ނުދާނެއެވެ. ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ. ހެޔޮ މީހާ ހަތްފަހަރު ވެއްޓިދާނެއެވެ. އެކަމަކު އޭނާ އަދިވެސް ތެދުވާނެއެވެ. ނުބައިމީހާ އެންމެ ކަމެއް ދިމާވާއިރަށް ބަލިވެގެން ވެއްޓިދާނެއެވެ. އަދާވާތްތެރިޔާއަށް ދެރަގޮތެއް ދިމާވީމާ އުފާފާޅު ނުކުރާށެވެ. އޭނާ ވެއްޓުނީމާ އެކަމާ ނުހޭށެވެ. މާތްރަސްކަލާނގެ އެކަމާ ރުހިވޮޑިއެއް ނުގަންނަވާނެއެވެ. އޭރުން އެކަލާނގެ އޭނާއަށް މެދުވެރި ކުރެއްވި މުސީބާތް އެހެން ދިމާއަކަށް އަނބުރާލައްވާފާނެއެވެ. ނުބައިމީހުންނާމެދު ހަސަދަވެރި ނުވާށެވެ. އެފަދަ މީހުން ކުރާކަންތަކާ އަޅާނުލާށެވެ. އެހެނީ ނުބައި މީހުންނަކަށް މުސްތަގުބަލެއް ނެތެވެ. އެމީހުންގެ ބައްތި ވަނީ އަބަދަށްޓަކައި ނިވިފައެވެ. މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ. އެހެނީ ނުދެނެތިއްބާ އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެދާނެއެވެ. މާތްރަސްކަލާނގެ ކިބަފުޅުންނާއި ރަސްގެފާނުގެ އަރިހުން އަންނާނީ ކޮން މުސީބާތެއްކަން އެނގޭނީ ކާކަށްހެއްޔެވެ؟ މިއީވެސް ބުއްދިވެރި ބަސްތަކެވެ. އަދުލު އިންސާފުގައި ގާތް މީހަކަށް ފަހިވާގޮތަށް ނިޔާކަނޑަނާޅާށެވެ. ނުބައި މީހާގެ ކުށެއް ނެތްކަމަށް ނިޔާކަނޑައަޅާ ފަނޑިޔާރު ދެކެ ޤައުމުތަކުގެ އެންމެން ލަޢުނަތް ލާނެއެވެ. ނުބައި މީހާ ކުށްވެރި ކުރާ ފަނޑިޔާރަށް ތަނަވަސްކަން ލިބި އާންމުންގެ ރުހުން ލިބިގެންދާނެއެވެ. ތެދު ބަހުންދޭ ޖަވާބު ރައްޓެހިކަމުގެ ދޮނެއް ފަދައެވެ. ގެ ޢިމާރާތް ކުރުމުގެ ކުރީގައި ބިންގަނޑު ތައްޔާރުކޮށް ދަނޑުގޮވާން ކުރާށެވެ. ސަބަބެއް ނެތި އަވަށްޓެރިޔާއާ އިދިކޮޅަށް ހެކިބަސް ނުދޭށެވެ. އެމީހުންނާ މެދު ދޮގު ނުހަދާށެވެ. އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ. ކަންނެތް މޮޔަ މީހާގެ ދަނޑުތެރޭން އަހަރެން ހިނގާލަން ދިޔައިމެވެ. އެތަން ވަނީ ކަށިގަސްތަކާއި ވިނަގަސްތައް ހެދި ވަލަކަށްވެފައެވެ. އެދަނޑުވަނީ ފާރު ވެއްޓި ވީރާނާވެފައެވެ. މިތަން ބަލައި ވިސްނާލުމުން އަހަންނަށް އިބުރަތެއް ލިބުނެވެ. ކުޑަކޮށް ނިދާލައި، ކުޑަކޮށް އަރާމުކޮށްލައި، ކުޑަކޮށް އަތްއުރާލުމުން، ހައިހޫނުކަން އައިސް މަގުފޭރޭ މީހަކު ފަދައިން ގަދަވެގަންނާނެއެވެ. ހަތިޔާރާއެކު އައިސް ކަލޯ ލޫޓުވާލާނެއެވެ.