ހަރުބަސްތައް. 23. ވެރިމީހާއާ އެކު ކެއުމުގައި ބައިވެރިވާއިރު ކާން ގެނެސްފައި ހުންނަ ތަކެއްޗަށް ސަމާލުކަން ދޭށެވެ. ކަލޭ ކާހިތުން ހުއްޓަސް އެކަމުގެ މައްޗަށް ބާރުފޯރުވާށެވެ. ތަނުގައި ހުންނަ ހުރިހާ މީރު ކާތަކެއްޗަށް ދަހި ނުލަވާށެވެ. އެއީ ވެރިމީހާ ޖަހާފައި ހުރި މަޅިއަކަށް ވެސް ވެދާނެއެވެ. މުއްސަނދިވާހިތުން ތެޅިނުފޮޅޭށެވެ. ފުދޭވަރު ވުމުން އެކަން ދަންނަން ވާނެއެވެ. އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ. ދަހިވެތި މީހުންނާއެކު ކައިބޮއި ނަހަދާށެވެ. އެމީހުންނަށް މީރުވާތަކެއްޗަށް ދަހިވެތި ނުވާށެވެ. އެމީހުން އަބަދުވެސް އެތަކެތީގެ އަގަށް ބަލާނެއެވެ. ”ކާށޭ، ބޯށޭ“ އެމީހުން ބުނާނެއެވެ. އެކަމަކު އެއީ އެމީހުން ހިތް އެދިގެން ބުނާ އެއްޗެއް ނޫނެވެ. އެހެންނޫނީ ކަލޭ ކޭ އެތިކޮޅު ހޮޑަށް ދުއްވާލަން ޖެހިދާނެއެވެ. އަދި ކަލޭ ކީ ހާ ސަނާތައް ބޭކާރުވެދާނެއެވެ. މޮޔައިންގެ ގާތު ހެޔޮބަސްތައް ބުނާނެކަމެއް ނެތެވެ. ކިތަންމެ ދެކޮޅުޖެހޭ ވާހަކައެއް ބުންޏަސް އެމީހުން ދޭނީ ފުރަގަހެވެ. އަވަށްޓެރިޔާގެ ގޯތީގައި ހުރި އިންފާރުގެ ތެރެއަށް ގަދަވެ ނުގަންނާށެވެ. އާރެއްބާރެއްނެތް ޔަތީމެއްގެ ބިން އަތުލައި ނުގަންނާށެވެ. އެމީހުން ދިފާއު ކުރައްވާނީ މާތްރަސްކަލާނގެއެވެ. އެމީހުން ކަލެއާ ކުރިމަތި ކުރާ ޝަކުވާތަކަށް އެކަލާނގެ ރައްދު ދެއްވާނެއެވެ. ނަސޭހަތްތައް ރަނގަޅަށް ހިތުގައި ހަރުލައްވާށެވެ. އިލްމުގެ ބަސްތައް ރަނގަޅަށް ކަނުލައި އަހާށެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވާށެވެ. އެކުދިންނަށް އަދަބެއް ދިނުމަކުން މަރެއް ނުވާނެއެވެ. އެއާ ޚިލާފަށް އަދަބު ދީގެން ތަރުބިއްޔަތު ކުރުމުން އެކުދިން މަރުން ސަލާމަތްވާނެއެވެ. ދަރިފުޅާއެވެ. ކަލޯގެ ހިތުގައި ވިސްނުންތެރިކަން އަށަގެންފިނަމަ އަހަރެންގެ ހިތް އުފަލުން ފޮޅޭނެއެވެ. ކަލޯ ހެޔޮބަސް ބުނާއަޑު އިވުމުން އަހަރެންގެ ހިތުގެ ފުންމިނުން އުފާ ފާޅުކުރާނަމެވެ. ފާފަވެރިން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އަބަދުވެސް މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާށެވެ. މިކަމުން ކަލޯއަށް އަލި މުސްތަޤްބަލެއް ލިބޭނެއެވެ. ކަލޯ ނާއުންމީދުވާކަށް ނުޖެހޭނެއެވެ. މަގޭ ދަރިފުޅާއެވެ. އަޑުއަހައި ބުއްދިވެރިވާށެވެ. ކަލޯގެ ހިތް ތެދުމަގުގެ މަތީ ދަމަހައްޓާށެވެ. ރާބޯމީހުންނާ ގާތްކަން ނުބަހައްޓާށެވެ. އަބަދު ކެއުމައިގެން އުޅޭ މީހުންނާއެކު ކައިބޮއި ނަހަދާށެވެ. އެހެނީ އެމީހުން އެދަނީ ތަދުމަޑުކަމާ ދިމާއަށެވެ. އެމީހުންގެ ނިދި ގިނަވެ، ލާން ޖެހޭނީ ވީދިފައި ހުންނަ ބާހެދުމެވެ. ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ. ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ. ޞާލިޙު ދަރިންގެ ބަފާ އުފާވާންވީ ސަބަބެއް އެބައޮތެވެ. ބުއްދިވެރި ދަރިންތަކެއް ލިބުމަކީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ ވީއިރު ބަފަޔަށާއި މައިމީހާއަށް އުފާވެރިކަން ގެނެސްދޭށެވެ. އޭރުން ކަލޯ ބަނޑުއަޅާ ވިހޭ މައިމީހާ ކިހާ އުފަލެއް ވާނެހެއްޔެވެ؟ އޭ ދަރިފުޅާއެވެ! ކަލޯގެ ހިތް އަހަންނަށް ދޭށެވެ. އުފަލާއެކު މަގޭ ނަމޫނާގައި ހިފާށެވެ. ކަސްބީ އަންހެނާއަކީ ނުރައްކާތެރި ދަންތުރައެކެވެ. ފާޖިރު އަންހެނާއާ ގުޅުން ހިންގުމަކީ ހިމަ ވަޅުގަނޑަކަށް ވެއްޓުންފަދަ ނުރައްކާތެރި ކަމެކެވެ. ވަގަކުހެން އޭނާ ފިލާ ހުންނާނެއެވެ. އޭނާގެ އުފަލަކީ ގިނަ ފިރިހެނުން މަޅީގައި ޖައްސައި އެމީހުންގެ އަނބިންނަށް ބޭވަފާތެރި ކުރުވުމެވެ. ވޭނުގައި ހުރީ ކާކުހެއްޔެވެ؟ މޮޅިވެރިކަންމަތީ ހުރީ ކާކުހެއްޔެވެ؟ އަބަދު އަރާރުންވަނީ ކާކުހެއްޔެވެ؟ އަބަދު ޝަކުވާ ކުރަނީ ކާކުހެއްޔެވެ؟ ކަމަކާ ނުލާ ޒަޚަމްވެފައި ހުރީ ކާކުހެއްޔެވެ؟ ދެލޯ އަނގުރު އަލިފާންހެން ރަތްވެފައި ހުރީކާކުގެ ހެއްޔެވެ؟ އެއީ ރާބޯ ތަންތަނުގައި ގިނައިރު ހޭދަކުރާ މީހާއެވެ. އަދި ތަފާތު ރަލުގެ ރަހަ ބަލަން މަޑުކުރާ މީހާއެވެ. ރާ ތައްޓަށް ނުބަލާށެވެ. އޭގައިވާ ރަތްކުލަ ފެނި އެތަށީގެ ވިދުވަރަށް ނުހެއްލޭށެވެ. އެ ބޯއިރު އަރުތެރޭން ދެމިގެންދާ އޮމާންކަން ހިތަށް ނުގެންނާށެވެ. އެންމެފަހުން އެވިހަގަދަ ހަރުފައެއްހެން ދަތްއަޅައި ވިހަލާފާނެއެވެ. އޭރުން ކަލޯގެ ސިކުނޑިއަށް އޮޅުންބޮޅުން ވެފައިވާ މަންޒަރުތައް ފެންނާނެއެވެ. ކަލޯ ކޮސް ގޮވާނެއެވެ. ކަނޑުގައި ދަތުރުކުރަމުންދާ މީހެއް ހެން ހޫރެމުން ކަލޯ ހިނގާނެއެވެ. ހެލޭ ކުނބެއްގައި އެލިގެން ހުންނަ މީހެއްގެ ގޮތަށެވެ. ދެން ކަލޯ ބުނާނެއެވެ. ”އެމީހުން ތިމަން ގައިގައި ޖެހިއެވެ. އެކަމަކު ތިމަންނައަކަށް ތަދެއް ނުވިއެވެ. އެމީހުން ތިމަން ތަޅާ ތިރިކުރިއިރު ވެސް އެކަމެއް ނޭނގުނެވެ. އަނެއްކާވެސް ރާތައްޓެއް ބޯން ތިމަންނައަށް ހޭވެރިކަން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟“