ހަރުބަސްތައް. 22. މުއްސަނދިކަމަށް ވުރެން އަބުރު ރައްކާތެރިކުރަން އިސްކަންދޭށެވެ. މީސްތަކުންގެ އިޙްތިރާމު ރަނާ ރިއްސަށް ވުރެން އަގުބޮޑެވެ. މުއްސަނދި މީހާއާއި ފަޤީރު މީހާއާ އެއްގޮތް އެއްކަމެއް ވެއެވެ. އެއީ އެ ދެމީހުންވެސް އުފެއްދެވީ މާތްރަސްކަލާނގެ ކަމެވެ. ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ހިތްތިރިކަމާއެކު ޙަޤީޤަތުގައި ބިރުވެތިވާ މީހާއަށް މުއްސަނދިކަމާއި ޝަރަފާއި ދިގު އުމުރު ލިބެއެވެ. ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ. ދަރިންނަށް ތަރުބިއްޔަތުދީ ރަނގަޅު މަގު ދައްކާށެވެ. އޭރުން އެމީހުން ބޮޑެތިވީމާ އެ މަގުން ހިނގާނެއެވެ. މުއްސަނދި މީހާ ފަޤީރުންގެ އަމުރުވެރިންނަށް ވާ ފަދައިން ފަހުންދޭން އަތުލާ މީހާ ދިންމީހާގެ ދަށުވާނެއެވެ. ނާއިންސާފުވާ މީހާއަށް ނުރައްކަލާ ކުރިމަތިވާނެއެވެ. އެމީހުންގެ ބިރުދެއްކުމުގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ. ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަޤީރުންނަށް ކާންދޭ ބައެކެވެ. ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ. ސާފު ހިތަކުން އޯގާވެރި ބަސްތައް ބުނާ މީހަކު ވާނީ ރަސްގެފާނުގެ ގާތް ރައްޓެއްސަކަށެވެ. ތަންދޮރު ދަންނަ މީހުންނަށް މާތްރަސްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އެކަމަކު ދޮގުވެރިޔާގެ ކެހިވެރި ނުބައި ރޭވުންތައް އެކަލާނގެ ހަލާކުކޮށްލައްވައެވެ. ކަންނެތް މީހާ ބުނެތެވެ. ”އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.“ ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އަނގައަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ނުރުއްސަވާ މީހުން އެއަނދަވަޅަށް ވެއްޓެއެވެ. ޒުވާންކުދިންގެ ހިތުގައި ވާނީ މޮޔަކަންތަކެވެ. އެކަމަކު އަދަބުދީ ތަރުބިއްޔަތު ކުރުމުން އެ މޮޔަކަން ފިލައިދެއެވެ. ފަޤީރުންނަށް ދަތިކޮށް ނުވަތަ މުއްސަނދިންނަށް ހަދިޔާ ދީގެން ފައިދާނަގާ މީހާ ނިމިގެންދާނީ ފަޤީރުކަން މަތީގައެވެ. ބުއްދިވެރިންގެ ބަސްތައް ކަނުލައި އަހާށެވެ. އަދި އަހަރެން މިދަސްކޮށްދޭ ކަންތައް ހަރުލައްވާށެވެ. އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ. އަހަރެން މިއަދު ކަލެއަށް މި ބަސްތައް ދަސްކޮށް ދެމެވެ. އާނއެކެވެ. ކަލެއަށެވެ. އެއީ ކަލޭ ލައްވާ މާތްރަސްކަލާނގެއަށް ވަކީލު ކުރުވުމަށެވެ. އަހަރެން ތިރީސް ހަރުބަސް ކަލެއަށް ލިޔެދީފީމެވެ. މިއިން ކޮންމެ ބަހެއްގައި އިލްމާއި ހެޔޮ ނަސޭހަތް އެކުލެވިފައިވެއެވެ. އޭރުން ކަލޭ ތަނަކަށް ފޮނުވާ މީހެއްގެ ގާތަށް އެނބުރި އައިސް ތެދުބަސްތަކުން އެމީހުންނަށް ކިޔާދީ ޖަވާބު ދެވޭނެއެވެ. ފަގީރެއްގެ އަތުން އެއްޗެއް ވަގަށް ނެގެން އޮތަސް ނުނަގާށެވެ. އަދި ފަނޑިޔާރުގޭގައި މިސްކީނެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ. އެހެނީ އެމީހުންނަށް ރައްކާތެރިކަން ދެއްވަނީ މާތްރަސްކަލާނގެއެވެ. އެމީހުންނަށް ގެއްލުންދޭ މީހާއަށް އެކަލާނގެ ގެއްލުން ދެއްވާނެތެވެ. ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ. އޭރުން އެމީހުންގެ ގޮތްތައް ކަލެއަށް ދަސްވެ ކަލޭގެ ދިރިހުރުމަށް ނުރައްކާވެދެއެވެ. އެހެން މީހަކު ދޭން އޮންނަ ދަރަންޏެއް ބޮލުގައި ނާޅާށެވެ. އެލާރި ކަލެއަށް ދެވެން ނެތިއްޔާ އެމީހުން ކަލޭ ނިދާފައި އޮތްވާ ކަލޭގެ އެނދުވެސް ގެންގޮސްފާނެއެވެ. އަވަށްޓެރިޔާއަށް އޭނާގެ ދަރިކޮޅުން ވާރުތަ ކޮށްފައިވާ ގޯތީގެ އިމުން ބައެއް އަތުލައި ނުގަންނާށެވެ. ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާމީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.