ހަރުބަސްތައް. 21. ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ. ތިމާ ބަލާބެލުމަށް ތިމާގެ އުޅުން ރަނގަޅު ކަމަށް ފެނިދެއެވެ. އެކަމަކު ކަލޭގެ ހިތް ދެނެވޮޑިގަންނަވަނީ މާތްރަސްކަލާނގެއެވެ. މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ. ބޮޑާ ބެލުންތަކާއި ކިބުރުވެރި ހިތްތަކާއި ފާހިޝް އަމަލުތަކީ ހުސް ފާފައެވެ. ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ. ދޮގުވެރި ދުލަކުން އުފައްދާ ތަނަވަސްކަން އާތްވަށް އަރައިގެން ދެއެވެ. އަދި އެއީ މަރުގެ އަނދަވަޅެކެވެ. ނުބައި މީހާގެ ނުބައި ނުލަފާކަން އޭނާ ހަލާކު ކޮށްލައެވެ. އެއީ އެމީހުން އިންސާފުން ކަންތައް ނުކުރާތީއެވެ. ކުށްވެރިޔާ ދަތުރުކުރާނީ ގުދުލާފައި އޮންނަ މަގުންނެވެ. ކުށެއް ނެތް މީހާ ދަތުރުކުރާނީ ސީދާމަގުންނެވެ. ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަންވެސް މާ ހިތަށް ފަސޭހައެވެ. ނުބައި މީހުން ކުރަން ބޭނުންވާނީ ނުބައި ކަންތަކެވެ. އެމީހުންގެ އަވަށްޓެރިންނަށް އެމީހުންގެ ހެވެއް ނުލިބެއެވެ. މީހުންނަށް ޖެއްސުން ކުރާ މީހާއަށް އަދަބު ލިބޭތަން ފެނުމުން ނުވިސްނޭ މީހުންނަށް އިބްރަތް ލިބެއެވެ. ބުއްދިވެރިއަކަށް ބުނެދިނުމުން އޭނާ އެކަންތައް ވިސްނައިގަނެއެވެ. ޞާލިޙުވަންތަ ކަލާނގެއަށް ވިޔާ ނުދާ މީހެއްގެ ގޭގައި ކަންތައް ހުންނަ ގޮތް އެނގިވޮޑިގަންނަވައެވެ. އެކަލާނގެ އެގެއަކަށް މުސީބާތް ގެންނަވައެވެ. ފަޤީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ. ސިއްރުން ދެވޭ ހަދިޔާއަކުން ރުޅިއައިސް ހުންނަ މީހާގެ ރުޅިވެރިކަން މަތަވެދެއެވެ. ކުށެއް ނެތް މީހާއަށް ސަރިއަތަކީ އުފަލަކެވެ. ކުށްވެރިޔާ ބިރުން ފިތްކެނޑެއެވެ. ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ. އުފާ ހޯދަން އުޅޭމީހާ ވާނީ ފަގީރެވެ. ރަލާއި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހާ މުއްސަންޖެއް ނުވެއެވެ. ނުބައި މީހުންނަށް އަދަބު ލިބޭނީ ހެޔޮ މީހުންނަށް ސަލާމަތްކަން ދިނުމަށެވެ. އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުންވެސް މާރަނގަޅެވެ. ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ. ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ. ބުއްދިވެރިޔާ ވަރުގަދަ ރަށް ފަތަޙަ ކޮށްލައެވެ. ތަޅާނުލެވޭނެ ކަމަށް ހީކުރި ކިއްލާ ފުނޑުފުނޑު ކޮށްލައެވެ. ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ. ބޮޑާކަމާއެކު މަލާމާތް ކުރާމީހާ އަކީ ހައްދެއްނެތްހާ ކިބުރުވެރިއެކެވެ. ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ. ކަންނެތް މީހުން އަބަދުވެސް ތަކެއްޗަށް ދަހިވެތިވެއެވެ. އެކަމަކު ހެޔޮމީހުން ބޭނުންވަނީ ތަކެތި ދިނުމަށެވެ. ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ. ދޮގު ހެކިވެރިންގެ އަނގަ ބަންދުކޮށްލެވެއެވެ. އެކަމަކު އިތުބާރު ކުރެވޭ މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ. ނުބައި މީހާ އޮޅުވާލައިގެން ކުރިއަރައިގެން ދެއެވެ. އެކަމަކު ހެޔޮމީހާ ކަންތައް ކުރާނީ ކުރިއަށް ވިސްނައިގެންނެވެ. އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ. ހަނގުރާމައަށް އަސް ތައްޔާރު ކޮށްލެވިދާނެއެވެ. އެކަމަކު ނަސްރު ލިބުން އޮތީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.