ހަރުބަސްތައް. 18. ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ. މޮޔައިން ކަންތައް އޮޅުން ފިލުވާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވާނީ އެހެންމީހުންނަށް މޮޅު ޚިޔާލު ދިނުމަށެވެ. ނުބައިކަންތައް ކުރުމުން ފަޟީޙަތްވެ ލަދުގަތުން ނޫން ކަމެއް ނުވެއެވެ. ބުއްދިވެރި ބަސްތަކަކީ ފުން ކަނޑެކެވެ. ޙިކުމަތްތެރި ބަސްތަކަކީ ކޯރެއްގެ ފެންހާ ތާޒާ އެއްޗެކެވެ. ކުށްވެރިޔާ މިނިވަންކޮށް އަދި ކުށެއް ނެތް މީހާއަށް އިންސާފު ހޯދައި ނުދިނުމަކީ ގޯހެކެވެ. މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ. މޮޔައިންގެ އަނގަޔަކީ އެމީހުންގެ ހަލާކެވެ. އެމީހުން ތާށިވަނީ އެމީހުންގެ ތުންފަތުންނެވެ. ދެބަކުޓުވުމުގެ ބަސްތައް ނިކަން މީރުވާނެއެވެ. އެ ބަސްތައް އަނގަޔަށް ވިރި ބަނޑުތެރެއަށް ފައިބައެވެ. ކަންނެތް މީހާއެކޭ ފަނާކުރާ މީހެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ސާލިހަކަށް ރައްކާތެރިކަން ލިބިގެންވެއެވެ. މުއްސަނދިމީހާ ހީކުރަނީ އޭނާގެ ފައިސާއަކީ ދިފާއެއް ކަމަށެވެ. އެމީހުން ހީކުރަނީ އޭގެ އެހީގައި ރައްކާތެރިކަން ލިބޭނެކަމަށެވެ. ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ. ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ. ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ. ވިސްނުންތެރިން ދަސްކުރުމަށް ތައްޔާރުގައި ތިބެއެވެ. އެމީހުންގެ ކަންފަތް އިލްމަށް ހުޅުވައިގެން ތިބެއެވެ. ހަދިޔާއަކީ ދޮރު ހުޅުވައިދޭ އެއްޗެކެވެ. ހަދިޔާތައް، މުހިންމު މީހުންނާ ތިމާ ކައިރިކޮށްދެއެވެ. ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ. ބާރު ގަދަ ދެމީހެއްގެ ދެމެދު ކުރެވޭ ޒުވާބެއް ގުރުއަތުލައިގެން ހުއްޓުވިދާނެއެވެ. ނުރުހިފައި ހުރި ރައްޓެއްސަކު ރުއްސުން ރަށްބޭރު ބޮޑުފާރު ތަޅާލުމަށް ވުރެން އުނދަގުލެވެ. ދެ ރައްޓެހިންގެ ދެމެދު ކުރެވޭ ޒުވާބަކުން ދަގަނޑުބަންދު އެޅި ދޮރެއްގެ ދެފަރާތުގައި ދެމީހުން ގައިދުވެދެއެވެ. ބުއްދިވެރި ބަސްތަކެކޭ މީރު ކާނާއެކޭ އެއްގޮތެވެ. ރަނގަޅު ބަސްތަކުން ބަނޑުފުރުމުން ލިބޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ. އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ. ފަޤީރުމީހާ ދެރަވެ އާދޭސް ކުރާއިރު މުއްސަނދިމީހާ ހަރުކަށި ޖަވާބުދެއެވެ. ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.