ހަރުބަސްތައް. 14. ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ. ހެޔޮލަފާ ގޮތުގައި ދިރިއުޅޭނަމަ ދައްކަނީ ތިމާ ހުރީ މާތްރަސްކަލާނގެއަށް ބިރުވެތިވުންމަތީގައި ކަމުގައެވެ. އޮޅުވާލުމާއި ހީލަތްތެރިކަމުން ދައްކަނީ އެކަލާނގެއަށް ތިމާ ގަދަރެއް ނުކުރާކަމެވެ. މޮޔައިންގެ މޮޔަބަސްތަކުން އެމީހުންގެ ބުރަކައްޓަށް އަމާޒުވާނީ އެއްތެލެވެ. ބުއްދިވެރިންގެ ބަސްތައް އެމީހުންނަށް ސަލާމަތްކަން ގެނެސްދެއެވެ. ދަނޑުވެރިޔާގެ ގެރިއާ ނުލައި ދަނޑެއް ނުހެއްދެއެވެ. އެކަމަކު ބޮޑު ގެރިއެއް ބޭނުން ކުރުމުން ގިނަ ގޮވާން ހެއްދެއެވެ. ތެދުވެރި ހެކިވެރިޔާ ބުނާނީ ތެދަށެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ. ޙިކުމަތަށް ފުރައްސާރަ ކުރާ މީހާއަކަށް ތަންދޮރެއް ނޭނގެއެވެ. އިލްމު ލިބެނީ ތަންދޮރު އެނގުމުންނެވެ. މޮޔައިންނާ ގައިގޯޅި ނުވާށެވެ. އެމީހުންގެ ކިބައިން ދަސްވާނެ އެއްޗެއް ނޯންނާނެއެވެ. ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ. ކުށެއް އިސްލާހު ކުރަން އުޅޭ މީހާއަށް މޮޔައިން މަލާމާތްކުރެއެވެ. ހެޔޮލަފާމީހާ އެކަން ބަލައިގަނެ އެކަމާ އުފާކުރެއެވެ. އެމީހެއްގެ ހިތުގެ ދަތިހާލު އެނގޭނީ އެމީހަކަށެވެ. ތިމާގެ ހިތުގެ އުފާ ތިމާ ނުދަންނަ މީހަކާ ހިއްސާއެއް ނުކުރެވޭނެއެވެ. މާތްކަލާނގެ މަގުގައި ހުންނަ މީހާގެ ޖިފުޓިގަނޑު އެގޮތުގައި ހުރެއެވެ. އެކަމަކު ނުބައި ނުލަފާމީހާގެ ގަނޑުވަރު ފުނޑުފުނޑު ވެދެއެވެ. ރަނގަޅު މަގެއް ހެން ހީވާމަގެއް ކުރިމަތީގައި އޮވެދާނެއެވެ. އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ. ހުނުމުގެ ފުރަގަހުގައި ހިތްދަތިކަން ފޮރުވިދެއެވެ. އެކަމަކު ހުނުން ހުއްޓުމުން އެ ހިތްދަތިކަން ފާޅުވެދެއެވެ. ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ. އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ. ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފްރަތެވެ. ޖާހިލު މީހާ އަޅާނީ މޮޔަކަމުގެ ހެދުމެވެ. ވިސްނުންތެރިޔާ އަޅާނީ އިލްމުގެ ތާޖެވެ. ނުބައިމީހާ ކަންކަމު އަންނަން ޖެހޭނީ ހެޔޮމީހުންގެ ގާތަށެވެ. ފާފަވެރިޔާ ސަލާންޖަހާނީ ޞާލިޙުންގެ ގެދޮރަށެވެ. ފަގީރެއްގެ ރައްޓެހިންނެއް ނުތިބެއެވެ. މުއްސަނދިމީހާގެ ރައްޓެހިން ބައިވަރެވެ. ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ. ނުބައިކަމަކަށް ރާވާމީހާ ވާނީ ގެއްލިހަލާކެވެ. ހެޔޮކަންތައް ރާވާމީހާއަށް އެހެންމީހުންގެ ލޯތްބާއި ވަފާތެރިކަން ލިބޭނެއެވެ. ހުސް އަނގަތެޅިއަކަސް ބަނޑެއް ނުފުރޭނެއެވެ. ބަނޑު ފުރޭނީ ކަންތައް ކުރީމައެވެ. ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ. ތެދު ހެކިދޭ މީހާ މީސްތަކުންގެ ފުރާނަ ސަލާމަތް ކުރެއެވެ. ދޮގުހެކި ދޭނީ ޚާއިނެކެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާއާއި އޭނާގެ ދަރިންނަށް ރައްކާތެރިކަމުގެ ކިއްލާއެއް ލިބިފައިވެއެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވުމަކީ ދިރުން ލިބޭ ފައްވާރާއެކެވެ. އެކަމުން ތިމާއަށް ވަސްވާހާއި މަރުން ސަލާމަތްކަން ލިބިދެއެވެ. ރަސްކަލެއްގެ އިއްޒަތް ބޮޑުވަނީ އޭނާގެ ރައްޔިތުންގެ އަދަދަށް ބަލާފައެވެ. ރައްޔިތުން ނެތް ރަސްކަލެއްގެ ކިބައިގައި އަގެއް ނެތެވެ. ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. ލިބިހުރި މިންވަރަށް ރުހުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ދަހިވެތިކަމާއި ހަސަދަވެރިކަމަކީ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ ކަމެކެވެ. ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ. ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައިވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ. ވިސްނުންތެރި މީހާގެ ކޮންމެ ވިސްނުމެއްގައި ހެޔޮ ބުއްދި އެކުލެވެއެވެ. މޮޔަމީހާއަކަށް ހަމަ ބުއްދިއެއް ނާދެއެވެ. ޞާލިޙުކަމަކީ ޤައުމަށް ކުރިއެރުން އަންނަ ކަމެކެވެ. ފާފައިން ލިބޭނީ ބަދުނާމެވެ. ބުއްދިވެރި ޚާދިމުންނަށް ރަސްގެފާނު އިނާމު ދެއްވައެވެ. އެރަސްގެފާނުގެ އަގުވައްޓާ މީހާއަށް އަދަބު ދެއްވައެވެ.