ހަރުބަސްތައް. 13. ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ. ހެޔޮ މީހުން ބުނާބަސްތަކުން އެމީހުންނަށް އިނާމު ލިބެއެވެ. މަކަރުވެރި ރޭވުންތެރީން ހައިވެފައިވާނީ ގަދަބަދަވި ކަންތައް ކުރުމަށެވެ. ދޫ ރައްކާތެރި ކުރާމީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ. ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއްވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ. ރަނގަޅު މީހާ ދޮގުތައް ދެކެ ނަފްރަތު ކުރެއެވެ. ނުބައިމީހާ އޭނާގެ މައްޗަށް ލަދުވެތިކަން ގެނެސްގަނެ އަގުވެއްޓިދެއެވެ. ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ. އެކައްޗެއްވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާއެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ. މުއްސަނދިމީހާ ދިރިހުރުމަށްޓަކައި އަގެއް ދައްކަން ޖެހިދެއެވެ. ފަޤީރުމީހާކަށް އެފަދަ ބިރެއް ކުރިމައްޗެއް ނުވެއެވެ. ހެޔޮމީހުން ބައްތިއެއް ފަދައިން އަލިގަދަކޮށް ދިއްލިފައި ހުރެއެވެ. ނުބައިމީހާގެ ބައްތި ލަސްތަކެއް ނުވެ ނިވިދާނެއެވެ. ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ. ނުރަނގަޅު ގޮތަށް ހޯދާ ފައިސާ އެތިއެތިކޮޅުން ގެއްލި ހުސްވެއެވެ. އެތިއެތިކޮޅުން ހެޔޮގޮތުގައި ހޯދާފައިސާ ދުވަހެއް ދުވަހަކަށް ދާނީ ގިނަވަމުން ގުނަވަމުންނެވެ. އުންމީދު ގެއްލުނީމާ ހިތް ފުނޑުފުނޑުވެއެވެ. ހިތުގެ ބޭނުން ފުދުމަކީ ޙަޔާތުގެ ގަހުގެ މޭވާ ލިބުން ފަދައެވެ. ހެޔޮ ނަސޭހަތަށް އިންކާރު ކުރާމީހާ އެދަނީ މުސީބާތާ ދިމާއަށެވެ. ހެޔޮބަސް އަހާމީހާއަށް ކާމިޔާބީ ހާސިލުވާނެއެވެ. ޙިކުމަތުގެ އިރުޝާދަކީ ދިރިއުޅުމުގެ ފައްވާރާއެވެ. އެއިން ފެން ބޯ މީހާއަށް ޙަޔާތުގައި ނުރައްކަލެއް ނެތެވެ. ބުއްދިވެރިކަން ހައިބަތު ގެނެސްދެއެވެ. އިތުބާރު ނެތް މީހާ އެދަނީ ހަލާކާ ދިމާއަށެވެ. ހަމަ ވިސްނުމެއް ހުންނަމީހާ ކަންތައް ކުރާނީ ވިސްނައިގެންނެވެ. މޮޔަމީހާ އޭނާގެ ޖާހިލުކަމުގެ ފޮނިބައިސާ ކަނޑައެވެ. މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ. ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ. ހެޔޮގޮތުގައި ހިތްއެދޭ އެއްޗެއް ހޯދުމަކީ ލިބޭ އުފަލެކެވެ. މޮޔައިން ވިޔާނުދާ މަގުން އެއްކިބާވާކަށް ހިތެއް ނޭދޭނެއެވެ. ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ. ފާފަވެރިންގެ ފަހަތުން މުސީބާތް އާދެއެވެ. ހެޔޮކަންމަތީ ތިބުމުން ލިބޭނީ ފައިދާއެވެ. ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ. ފަޤީރު މީހާގެ ދަނޑުގައި ގިނަ އަދަދެއްގެ ގޮވާން އަޅާފައި ހުރެދެއެވެ. އެކަމަކު ނުބައި މީހުން އެތަކެތި ޙައްގަކާ ނުލައި އަތުލައިގަނެއެވެ. ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ. ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.