ހަރުބަސްތައް. 12. އުނގެނިގަތުމަށް ލޯބިވާމީހާ ތަރުބިއްޔަތުކުރުން ބަލައިގަންނާނެއެވެ. ފާޑު ކިއުންތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ. މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ނުބައިކަންތަކުން ރައްކާތެރިކަމެއް ނުލިބެއެވެ. ޞާލިޙުކަން މަތީ ހުންނަމީހާ ފުނަށް މޫފައިބާފައި ހުރި ގަހެއް ފަދައެވެ. ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ. ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ. ނުބައިމީހުންގެ ނަސޭހަތަކީ މަރުގެ ދަންތުރައެކެވެ. ޞާލިޙުންގެ ބަސްތަކަކީ ދިރިހުރުން ލިބިދޭ މަގުތަކެވެ. ނުބައިމީހާ ނެތިވެ ދިއުމުން އެ ނިމުނީއެވެ. އެކަމަކު މާތްރަސްކަލާނގެ މަގުގައި ތިބޭ ބައެއްގެ އާއިލާ އެގޮތުގައި ދެމި ތިބޭނެއެވެ. ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ. މަތިވެރި މީހެއްގެ ގޮތްދައްކައިގެން ހުރެމެ ކާނެ އެއްޗެއް ނެތް މީހާއަށް ވުރެން، ގެންގުޅޭނެ ޚާދިމަކު ހުރި އާދައިގެ މީހަކުވެސް މާ ރަނގަޅެވެ. ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ. ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ. ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ. ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ. މޮޔައިން ހީކުރާނީ ތިމާމެން ވަރެއް ނެތްކަމުގައެވެ. އެކަމަކު ހެޔޮވިސްނޭ މީހުން އެހެންމީހުންގެ ނަސޭހަތް އަޑުއަހައެވެ. ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ. ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ. ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ. ތެދަކީ ދާއިމަށް ދެމިގެންދާނެ އެއްޗެކެވެ. ދޮގުތައް އިސާހިތަކު ފަޅާއަރާފާނެއެވެ. ހީލަތްތެރިޔާގެ ހިތުގައިވާނީ ގެއްލުންދެނިވި ރޭވުންތަކެވެ. ސުލްޙަވެރިކަން ގެންނަން ރާވާ މީހާ ހުންނާނީ އުފަލުގައެވެ. މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ. ދޮގުވެރިޔާދެކެ މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ތެދުވެރިންނަކީ އެކަލާނގެއަށްވާ އުފާފުޅެކެވެ. ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ. ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ. ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ. ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ. ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ. ޞާލިޙުކަމަކީ ދިރިހުރުމާ ދިމާއަށް ދާ މަގެވެ. ނުބައިކަމުގެ މަގުން ދެވެނީ މަރާ ދިމާއަށެވެ.