ހަރުބަސްތައް. 10. މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ. ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ. މާތްރަސްކަލާނގެއަށް ކިޔަމަންވާ މީހާ ބަނޑުހައިވިޔަކަ އެކަލާނގެ ނުދެއްވާނެއެވެ. އެކަމަކު ނުބައިނުލަފާމީހާ ދެވިހިފާވާ ކަންތައްތައް އެކަލާނގެ ކޮށެއް ނުދެއްވައެވެ. ކަންނެތްކަން މީހާ ފަޤީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ. ގޮވާމުގެ ދުވަސްވަރު ގޮވާން ކުރާނީ ބުއްދިވެރި ދަރިއެކެވެ. އެދުވަސްވަރު ނިދަން އޮތުމަކީ ވިޔާނުދާކަމެކެވެ. ހެޔޮމީހާއަށް ތާރީފާއި ބަރަކާތް ލިބެއެވެ. ނުބައިމީހާގެ ބަސްތަކުގައި އޭނާގެ ނުބައި ނިޔަތް ފޮރުވިފައި ހުރެއެވެ. ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ. ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ. ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ. އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ. ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ. ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ. ތަންދޮރު އެނގޭ މީހާގެ ދުލުން ބޭރުވާނީ ބުއްދިވެރި ބަސްތަކެވެ. މޮޔައިންނާ ކުރިމަތިވާނީ ލަޓިބުރީގެ ވޭނެވެ. ބުއްދިވެރިޔާ ހުރިހާ ކަމެއް ދަނެގަންނާނެ އެވެ. މޮޔަމީހާ ހިތުހުރި ގޮތަކަށް ބުނާ ބަސްތަކުން ކުރިމަތިވާނީ މުސީބާތްތަކެވެ. މުއްސަނދިކަން އެއީ މީހާގެ ކިއްލާއެވެ. ހައިހޫނުކަން ފަޤީރުމީހާ ހަލާކަށް ހުށަހަޅުވައެވެ. ޞާލިޙުކަމުގެ އުޖޫރައަކީ ރަނގަޅު ދިރިއުޅުމެކެވެ. ނުބައިކަމުގެ އުޖޫރައަކީ ޢުޤޫބާތެވެ. ތިމާ އިސްލާހު ކުރުމުން އެކަން ބަލައިގަންނާށެވެ. އޭރުން ކަލޭގެ ދިރިހުރުން އާރާސްތު ވާނެއެވެ. އިސްލާހު ނުވާމީހާ މަގުން އެއްކިބާވެދާނެއެވެ. ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ. ބަސް ގިނަވި ވަރަކަށް ކުށްބަސް ބުނެވޭނެއެވެ. ބުއްދިވެރިޔާގެ ބަސް މަދުވާނެއެވެ. ހެޔޮމީހާގެ ބަސްތަކުގައި ސާފު ރިހިހާ އަގުހުރެއެވެ. ވިޔާނުދާ މީހާގެ ފިކުރަކު އަގެއް ނުހުރެއެވެ. ހެޔޮމީހެއްގެ އިރުޝާދުތަކުން މީސްތަކުންނަށް ފައިދާ ލިބެއެވެ. މޮޔައިން ބުނާ ބަސްތަކުން އެމީހުން ހަލާކުވެ ނެތިދެއެވެ. މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ. މޮޔައިން ކުރާހިތްވާނީ ގޯސް ކަންތަކެވެ. ވިސްނުންތެރިން ކުރާހިތްވާނީ ބުއްދިވެރި ކަންކަމެވެ. ނުބައިމީހާ އެންމެ ބިރުގަންނަ ކަންތައް އޭނާއާ ކުރިމަތި ވާނެއެވެ. އެކަމަކު ހެޔޮމީހާއަށް އޭނާ އެދޭ ރަނގަޅު ކަންތައް ފަހިވެގެން އަންނާނެއެވެ. ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ. ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވެ ވާށެވެ. އޭރުން ކަލޭގެ އުމުރު ދިގުވާނެއެވެ. ނުބައިކަންތައް ކުރާމީހާގެ އުމުރު ކުރުވާނެއެވެ. މާތްރަސްކަލާނގެއަށް އުންމީދުކުރާ މީހާގެ ދިރިއުޅުން އުފާވެރިވާނެއެވެ. ނުބައިމީހާއަކަށް އުންމީދެއް ނޯވެއެވެ. ތެދުވެރިގޮތުގައި އުޅޭމީހާ މާތްރަސްކަލާނގެ ރައްކާތެރި ކުރައްވައެވެ. އެކަމަކު ނުބައިމީހާ ނެތިކޮށްލައްވަ އެވެ. ޞާލިޙުކަން މަތީ ހުންނަ މީހާއަށް އަބަދުވެސް ރައްކާތެރިކަން ލިބެއެވެ. ނުބައިމީހާ ރަށުން ބޭރުކޮށްލެވެއެވެ. ޞާލިޙުން ބުނާނީ ޙިކުމަތުގެ ބަސްތަކެވެ. ކެހިވެރި ބަސްތައް ބުނާ މީހާގެ އަނގަ ބަންދުކޮށްލެވެއެވެ. ޞާލިޙުންގެ ދުލަށް ހެޔޮބަސްތައް އާދެއެވެ. ނުބައިމީހާގެ ދުލުން ބޭރުވާނީ ގެއްލުން ހުރި ބަސްތަކެވެ.