ހަރުބަސްތައް. 9. ޙިކުމަތުގެ ކަމަނާ ގެއެއް އަޅައި އެގޭގައި ހަތް ތަނބު ޖަހައިފިއެވެ. އެކަމަނާ ޖަނަވާރެއް ކަތިލައި އޭގެ މަހާއި މޭބިސްކަދުރުދިޔަ ގެނެސް ބޮޑު ޖާފަތެއް ތައްޔާރު ކޮށްފިއެވެ. އޭނާގެ ޚާދިމާ މެދުވެރިކޮށް އަވަށުގެ އެންމެ އުސްހިސާބުން ދައުވަތު ފޮނުއްވިއެވެ. ”ހުރިހާ ޖާހިލުންނަށް ދައުވަތު ދެވިއްޖެ.“ އޭނާ އެމީހުންނަށް ބުންޏެވެ. ”ކަލޭމެން އެންމެން އައިސް މި މަސްކައި އަހަރެން މި ތައްޔާރު ކުރި މޭބިސްކަދުރުދިޔަ ބޮއި ހަދާ. ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.“ އަނގަހަޑި މީހަކަށް ނަސޭހަތެއް ދޭ މީހާއާ ކުރިމަތިވާނީ ހަޑި ހުތުރު ބަސްތަކެވެ. ނުލަފާ މީހަކުގާތު ހެޔޮ އެއްޗެއް ބުނާ މީހާއަށް ލިބޭނީ އަނިޔާއެކެވެ. ފޮނިކަނޑާ މީހަކު އިސްލާހު ކުރަން އުޅެފިއްޔާ އޭނާ ކަލޭ ދެކެ ކުރާނީ ނަފްރަތެވެ. ބުއްދިވެރި މީހާ ކަލޭދެކެވާނީ ލޯތްބެވެ. ހެޔޮ ވިސްނުމެއް ހުރި މީހެއް ނަމަ އޭނާ އެއަށް ވުރެން ހެޔޮވިސްނުން ހޯދާނެއެވެ. ހެޔޮ މީހާއަށް ބުނެދޭ އެއްޗަކުން އޭނާ އިތުރު ކަންތައް އުނގެނޭނެއެވެ. މާތްރަސްކަލާނގެ ދެކެ ބިރުވެތިވުމަކީ ޙިކުމަތުގެ ބިންގަލެވެ. މުޤައްދަސް ފަރާތް ދެނެގަނެވުމުން ތިމާއަށް ތަންދޮރު ދެނެގަނެވެއެވެ. އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ. ހެޔޮ ވިސްނުމަކީ ކަލޭމެންނަށް މަންފާ ހުރި ކަމެކެވެ. ފޮނިކެނޑުމުން ލިބޭނީ ގެއްލުމެވެ. މޮޔަކަމަކީ އަޑުގަދަ ޖާހިލު ލަދުކުޑަ އަންހެނެއް ކަހަލަ އެއްޗެކެވެ. އޭނާ އިންނާނީ ގޭދޮރުމަތީގައި އަވަށުގެ އެންމެ އުސް ފަރުބަދަމަތީގައެވެ. ހިނގާފައި ދާހާ އެންމެންނަށް އޭނާ ގަދައަޑުން ގޮވަމުންދާނެއެވެ. ”ކަލެއަކީ މޮޔައެއްނަމަ މިތަނަށް އަންނާށެވެ. ވަގަށްނަގާ ފެނުގައި ފޮނި ރަހައެއް ހުރެއެވެ. ވަގަށްނަގާ ކާތަކެތީގައި މީރު ރަހައެއް ހުރެއެވެ.“ އެކަމަކު އޭނާގެ އަތްދަށުވާ މީހާއަށް އެގެއަށް ވަދެވެނީ މަރުވާން ކަމެއް ނޭނގެއެވެ. އޭނާގެ މެހުމާނުން ތިބީ ކަށްވަޅުތަކުގެ ފުނުގައެވެ.