ހަރުބަސްތައް. 8. ބުއްދި ކަމަނާގެ އަޑު އަހާށެވެ. އެކަމަނާގެ އަޑު ގަދަވަމުން ދާން ފަށައިފިއެވެ. އެ އަޑު ކޮންމެ ހަތަރު އަނގޮޅިއަކުން އިވޭނެއެވެ. ކޮންމެ ފަރުބަދައެއްގެ އުހުން ވެސް އިވޭނެއެވެ. އެ އަޑު ބޮޑު ދޮރާއްޓެއްގެ ކުރިމަތީގައި ހުންނާނެއެވެ. އެ އަޑު ހަރުއަޑުން ގޮވާނެއެވެ. ”އަހަރެން މިގޮވަނީ މިބިންމަތީގައި ތިބިހާ ބަޔަކަށެވެ. ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ. ނިކަން އަޑުއަހާށެވެ. އަހަރެން މިބުނަނީ އަގުހުރި ބަސްތަކެވެ. ތެދުބަސްތަކެވެ. އަހަރެންގެ އަނގަ އަބަދުވެސް ބުނަނީ ތެދުބަސްތަކެވެ. ދޮގުބަސްތައް މަގޭ ތުންފަތަކަށް ކެތެއް ނުވެއެވެ. އަހަރެން ބުނާ ހުރިހާ އެއްޗަކީ ހަމަ ޙައްޤު ތެދެވެ. ޙަޤީޤަތާއި ޚިލާފު އޮޅުވާލުމުގެ ބަހެއް ނުބުނަމެވެ. ކަލޭމެންގެ ކިބައިގައި ކިރިޔާވެސް ވިސްނުމެއް ހުރިނަމަ އަހަރެން މިބުނަނީ ތެދެއްކަން ސާފުކޮށް އޮޅުމެއްނެތި އެނގިގެންދާނެއެވެ. ރިހީގެ ބަދަލުގައި އިރުޝާދުތަކުގައި ހިފާށެވެ. ރަނުގެ ބަދަލުގައި އިލްމުގައި ހިފާށެވެ. އަހަރެން މީ ޙިކުމަތެވެ. އަހަރެން ހުރިހާ ޖަވާހިރަކަށް ވުރެން އަދި ހިތްއެދޭ ކޮންމެ އެއްޗަކަށް ވުރެންވެސް އަގުބޮޑެވެ. އަހަރެންމީ ޙިކުމަތެވެ. އަހަންނާއެކު ތަންދޮރުދަތުން ވެއެވެ. އަހަންނަށް ކަންތައް ކުރަންވީ ރަނގަޅުގޮތާއި މޮޅުގޮތްތައް އެނގެއެވެ. މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ. އަހަރެން ގަސްތުކުރާ ކަންތައް ކޮށް ނިންމަމެވެ. އަހަރެންގެ ހަމަބުއްދި ހުރެއެވެ. އަހަރެން ގަދަފަދައެވެ. ރަސްކަލުން އަމުރުމައުރޫފު ހިންގަނީ އަހަރެންގެ އެހީގައެވެ. އަދި އަދުލުވެރިކަމާއެކު ނިޔާކަނޑައަޅަނީ އަހަރެންގެ ބޭނުން ހިފައިގެންނެވެ. މި ބިންމަތީގައި ތެދުވެރި ކޮންމެ ވެރިޔަކުވެސް އަމުރު ހިންގަނީ އަހަރެންގެ އެހީގައެވެ. އަހަރެން ދެކެ ލޯބިވާ އެންމެން ދެކެ އަހަރެން ލޯބިވަމެވެ. އަހަރެން ހޯދާ މީހަކަށް އަހަރެން ފެންނާނެއެވެ. އަހަރެން ކަލޭމެންނަށް ދެމިގެންދާ މުއްސަނދިކަންދީ އިއްޒަތްތެރިކޮށްދީ އަދި ކާމިޔާބާއި ޝަރަފުވެރިކަން ދެމެވެ. އަހަރެންގެ ކިބައިން ކަލޭމެންނަށް މިލިބޭ ތަކެތި އެންމެ މޮޅު ރަނާއި އެންމެ ސާފު ރިއްސަށް ވުރެން މާ އަގުބޮޑެވެ. އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ. އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ. މާތްރަސްކަލާނގެ ހުރިހާ އެއްޗެއް އުފެއްދެވުމުގެ ކުރީގައި އަހަރެން އެކަލާނގެއާއެކުގައި ވީމެވެ. އަހަރެން މީ އެކަލާނގެ އެންމެ ކުރީގައި އުފެއްދެވި އެއްޗެވެ. އަޒަލުގައި މިކަންތައް ހިނގީ މިގޮތަށެވެ. އަހަރެން އުފެއްދެވީ ދުނިޔެވެސް އުފެއްދެވުމުގެ ކުރީގައެވެ. އަހަރެން އުފަންވި އިރަކު ކަނޑެއް، ކޯދުލައިއަރާ ފެނުގެ ފައްވާރާއެއް ނެތެވެ. ފަރުބަދަތައް ބެހެއްޓެވުމުގެ ކުރީގައިވެސް އަހަރެން އުފައްދަވާފައި ވެއެވެ. މިކަން ހިނގީ މާތްކަލާނގެ ބިމާއި ބިމުގެ ދަނޑުފަނގުތަކާއި ހިރަފުސްވެސް އުފެއްދެވުމުގެ ކުރީގައެވެ. މާތްކަލާނގެ އުޑުތައް އުފައްދަވައި ކަނޑުތަކުގެ މަތީގައި އުދަރެސް ފެތުރުއްވި އިރުވެސް އަހަރެން ހުރީމެވެ. އެކަލާނގެ އުޑުމަތީގައި ވިލާތައް ބެހެއްޓެވި އިރުވެސް އަހަރެން ހުރީމެވެ. އަދި ކަނޑުގެ ފުނުން ފެން އެރުއްވި އިރުވެސް އަހަރެން ހުރީމެވެ. އަދި ކަނޑުގެ ލޮނުގަނޑު ވަކިވަރަކަށް ވުރެން އުސް ނުވުމަށް އަންގަވައި ބިމުގެ ބިންގާ އެޅުއްވި އިރުވެސް އަހަރެން ހުރީމެވެ. އެހުރިހާ ކަމެއް އެކަލާނގެ ކުރެއްވި އިރު އަހަރެން ހުރީ އާރުކާޓީއެއްގެ ގޮތުގައެވެ. އަހަރެން އެކަލާނގެއަށް އުފާލިއްބައިދޭން ހުރީމެވެ. އެކަލާނގެ ދުނިޔެ އުފެއްދެވި އިރު އެތަނުގައި ހުރެވުނީތީ އަހަރެން ކިހާ އުފަލެއްވާނެ ހެއްޔެވެ؟ ދުނިޔެގައި އާދަމުގެދަރިން ލެއްވީތީ އަހަރެން ކިހާ އުފާވާނެ ހެއްޔެވެ. ވީމާ މަގޭ ދަރިންނޭވެ. އަހަންނަށް ސަމާލުކަން ދޭށެވެ. އަހަރެން ބުނާގޮތް ހެދުމުން ކަލޭމެންނަށް އުފާ ލިބޭނެއެވެ. ކަލޭމެންނަށް މި ދަސްކޮށް ދެވުނުކަންތައް ރަނގަޅަށް ބަލައިގަނެ އެގޮތުގެ މަތިން ބުއްދިވެރި ކަންކަމަށް ސަމާލުކަން ދޭށެވެ. އަދި ކޮންމެ ދުވަހަކު އައިސް އަހަރެން ބުނާ އެއްޗެއް އަޑުއަހަން އަހަރެންގެ ގޭދޮށުގައި އިންތިޒާރުގައި ތިބޭށެވެ. އޭރުން ކަލޭމެންނަށް އުފާވެރިކަން ލިބޭނެއެވެ. އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ. އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފުރަތު ކުރާމީހާ ލޯބި ކުރަނީ މަރަށެވެ.“