ހަރުބަސްތައް. 7. ދަރިފުޅާއެވެ. އަހަރެން މިބުނާ ބަސްތަކަށް ސަމާލުކަން ދޭށެވެ. މިއަމުރުފުޅުތައް ހަނދާން ނައްތާ ނުލާށެވެ. އަހަރެން މިބުނާގޮތް ހަދައިފިނަމަ ކަލޯ ދިރި ހުންނާނެއެވެ. އަހަރެންގެ މި އިރުޝާދުތަކާއި ނަސޭހަތް ކަލޯގެ ލޮލުގެ ކޮއިހެން ރައްކާތެރިކޮށް ބަލަހައްޓާށެވެ. މި ބަސްތައް ކަލޯގެ އަތުގެ އިނގިލިތަކުގައިއާއި ކަލޯގެ ހިތުގެ ފުންމިނުގައި ހަރުލައްވާށެވެ. ބުއްދިއަކީ ކަލޯގެ ދައްތަ ކަމުގައި ބަލާށެވެ. ހަމަވިސްނުމަކީ ކަލޯގެ އެންމެގާތް ރަޙުމަތްތެރިޔާ ކަމަށް ބަލާށެވެ. މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ. އަހަރެންގެ ގޭގެ ކުޑަދޮރުގެ ފަރުދާ ހިއްލާފައި އެއްފަހަރަކު ބޭރު ބެލީމެވެ. އަހަންނަށް ފެނުނީ ހޭނުޖެހޭ ޒުވާނުންތަކެކެވެ. އޭގެ ތެރޭން އެކަކީ އަދި މާ މޮޔަ ސޮރެކެވެ. އެ ވިޔާނުދާ އަންހެނާގެ ގޭދޮށުގައި އެސޮރު މުގޯލި އަޅަމުން ދިޔައެވެ. އޭރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. އެ އަންހެނާ ހުރީ ކަސްބީންގެ ހެދުމުގައެވެ. ހިތުގައި އޮތީ އެންމެ މަގުސަދެކެވެ. މީނާއަކީ އަޑުގަދަ ލަދުކުޑަ އަދި މުޅި މަގުމަތީގައި ގިނަވެގެން އުޅޭ އަންހެނެކެވެ. ގޯޅިގޯޅި ކަންމަތީގައިއާއި ބާޒާރު މަތީ ފިރިހެނުން އަތުއަޅުވަން އުޅޭ އަންހެނެކެވެ. މިއަންހެނާ އައިސް އެސޮރުގެ ކަނދުރާއަށް އަތް މަހާފައި ދޮނެއް ނެގިއެވެ. އަދި ލަދެއްނެތި ބުންޏެވެ. ”މިއަދު އަހަރެން ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ކަތިލައި ނަދުރު ފުއްދުމަށް ތައްޔާރު ކުރި ޖާފަތުގެ ބާކީ ކާނާ ގޭގައި އެބަހުރި. އަހަރެން މި ނުކުތީ ކަލޭ ބަލައިދާން. ނުކުތްތަނުން މިއޮތް ދިމާވީ. އަހަރެންގެ އެނދުގައި އަޅާފައި ހުރީ މިޞްރުން ގެނަސްފައިވާ ކުލަގަދަ ބެޑްޝީޓްތަކެއް. އެ ބެޑްޝީޓްތަކުގައި މީރު ވަސް ދުއްވަން މުއްރިއާއި އޫދުއާއި ފޮނިތޮށީގެ އަތަރު އުނގުޅާފައިވާނެ. ގެއަށްގޮސް އެކަކުއަނެކެއްގެ އަތުތެރޭގައި ލޯބިކުޅައުމުގައި މުޅި ރޭގަނޑު ހޭދަކޮށްލަމާ ހިނގާ. އަހަރެންގެ ފިރިމީހާވީ ދަތުރަކު ގޮސްފަ. އޭނާ ހުރީ ދުރު ހިސާބެއްގާ. އޭނާ ދިޔައީ ގިނަ ފައިސާތަކެއް ހިފައިގެން. މަސް ދެބައި ނުވަނީހެއް ނާންނާނެ.“ މި ފަދަ ފޮނި އެތައް ބަސްތަކަކުން އެ އަންހެނާ އެސޮރު ހައްލާލިއެވެ. ހަމަ ވަގުތުން އެސޮރު އެއަންހެނާގެ ފަހަތުން ހިނގައިގަތެވެ. ކަތިލެވެންދާ ގެރިއެއް ފަދައިންނެވެ. މަޅިގަނޑަކާ ދިމާއަށް ދާ ފުއްލާއެއް ފަދައިންނެވެ. ރުވާފައި ދޫކޮށްލި ތީރު އޭނާގެ ހިތަށް އަމާޒުވިއެވެ. މަޅިފައްޗަކާ ދިމާއަށް ދާ ދޫންޏެއް ފަދައިން އޭނާ ދިޔައެވެ. އޭނާގެ ދިރިއުޅުން ނުރައްކަލަށް ވެއްޓުނުކަމެއް އޭނާ ނުދެނެހުއްޓެވެ. މަގޭ ދަރިފުޅާއެވެ. މި ބުނި ބަސްތައް ދަރިފުޅު ކަނުލައި އަހާށެވެ. އެކަހަލަ އަންހެނެއްގެ މަތިން ހިތަށްވެސް ނާރުވާށެވެ. އެފަދަ އަންހެނެއްގެ ގޭދޮށު މަގަށްވެސް ނާރާށެވެ. މިފަދަ އަންހެނުންގެ މަޅީގައި ޖެހި ގިނަ ބައެއްގެ ޙަޔާތް ބަރުބާދުވެ ގޮސްފައިވެއެވެ. އެއަންހެނާގެ ގެއަށް ދާ މަގަކީ އެއްކޮޅަށް ދެވޭ މަގެކެވެ. އެއީ މަރާދިމާއަށް ދާން އޮންނަ ކުރު ރާސްތާއެކެވެ.