ހަރުބަސްތައް. 6. މަގޭ ދަރިފުޅާއެވެ. އެހެން މީހެއްގެ ދަރަންޏަކާ ކަލޯ ހަވާލު ވެއްޖެނަމަ، ކަލޯ ބުނި ބަހުގައި ކަލޯ ތާށިވީއެވެ. ކަލޯ ތިޔަވަނީ އެހެންމީހެއްގެ އަތްދަށުވެފަ އެވެ. ކަލޯއަށް އޮތީ އެންމެ ގޮތެކެވެ. ގޮސް އޭނާއަށް އާދޭސްކޮށް އަވަސްގޮތަކުން އެ އެއްބަސްވުން އުވާލެވޭތޯ ބަލާށެވެ. ކަލޯ ނިދި އަޔަސް މިކަންތައް ކޮށްފައި ނޫނީ ލޮލުފިޔައެއް ނުޖަހާށެވެ. ކަލޯއީ ޝިކާރަވެރިޔާގެ މަޅިން ބޯދަމައިގަންނަ ދޫންޏެއް ހެން ބަޗާށެވެ. ދަލުން ނެއްޓިގެން ދުވާ ފުއްލާއެއް ހެން ފިލައި ރައްކާވާށެވެ. ކަލޭމެންގެ ތެރޭގައި ތިބި ކަންނެތް މީހުން ހިނިތައް އުޅޭގޮތް ބަލަން ދާށެވެ. އެސޮރުމެންގެ ގާތުން ފިލާވަޅު ލިބިގަންނާށެވެ. ހިނިތަކަށް އަމުރުކުރާނެ އަމީރަކު ސަރުދާރަކު އިސްވެރިޔަކު ނުހުރެއެވެ. އެކަމަކު ހޫނުމޫސުމުގައި އެ ސޮރުމެން ފިނިމޫސުމަށް ވާނެ ވަރަށް ކާތަކެތި އެއްކުރެއެވެ. ކަލޭމެން ކަންނެތްކަން މަތީގައި އޮށޯވެ ނިދަން ތިބޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟ ”އަހަރެން ކުޑަ އިރުކޮޅަކަށް ނިދަން ޖައްސާލާނަމެވެ. ކުޑަ އިރުކޮޅަކަށް ބޯދަށަށް އަތް ލައްވާލާނަމެވެ.“ މިހެން ހިތާ ނިދާލާ ވަގުތު ހައިހޫނުކަން އައިސް ފޭރޭ މީހަކު ހެން ކަލޭމެންގެ މައްޗަށް ޖެހިގަންނާނެއެވެ. ލޫޓުވާ މީހަކު ފަދައިން ހަމަލަ ދީފާނެއެވެ. ދޮގުހަދަމުން ހިނގާނީ އަގެއް ނެތް މީހުންނެވެ. އެމީހުން އެހެންމީހުން ލައްވާ ގޯސް ހެއްދުމަށް ލޮލުންނާއި ފައިންނާއި އަތުން ހަނާއަޅައެވެ. އެމީހުންގެ މަކަރުވެރިކަމުން އަބަދުވެސް ރާވާނީ ކޮންމެވެސް ނުލަފާ ވިޔާނުދާ ކަމެކެވެ. އެމީހުން ބޭނުންވާނީ އަބަދުވެސް ފިތުނަ އުފައްދާށެވެ. މިހެންވެ މިފަދަމީހުންގެ މައްޗަށް ކުއްލި މުސީބާތެއް ކުރިމަތިވެ އެމީހުންގެ ދިރިހުރުމުން އަތްދޮވެލަން ޖެހިދެއެވެ. މާތްރަސްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވާ ހަ ގުނަވަނެއް ވެއެވެ. ނޫން ހަތް ގުނަވަނެކެވެ. އެއީ ކިބުރުވެރި ބެލުން ބަލާ ލޯތަކާއި ދޮގުހަދާ ދޫތަކާއި ކުށެއްނެތް މީހުން މަރާ އަތްތަކެވެ. ނުބައިކަންތައް ރާވާ ހިތްތަކާއި ވިޔާނުދާ ކަންތައް ކުރަން ހަލުއިކޮށް ހިނގާ ފައިތަކެވެ. އަދި ދޮގުހެކި އޮއްސާ މީހުންގެ އަނގަތަކެވެ. އާއިލާތައް ރޫޅަމުން ހިނގާ މީހުންގެ ދޫތަކެވެ. ދަރިފުޅާއެވެ. ބަފާ ކުރާ އަމުރާ ޚިލާފު ނުވާށެވެ. އަމާ ދަސްކޮށްދިން ކަންތަކަށް ފަރުވާކުޑަ ނުކުރާށެވެ. ކަލޯއަށް އިވުނު ބަސްތައް ހިތުގައި ހަރުލައްވާށެވެ. ކަރުގައި އަޅާ ހާރެއް ހެން އަބަދު އަޅައިގެން އުޅޭށެވެ. ކަލޯ ހިނގާ ބިނގާވެ އުޅޭއިރު އެބަސްތައް ކަލޯއަށް މަގު ދައްކާނެއެވެ. ކަލޯ ނިދީމާ އެބަސްތައް ކަލޯއަށް ރައްކާތެރިކަން ދޭނެއެވެ. ކަލޯ ހޭލީމާ އެބަސްތައް ކަލޯއަށް ހެޔޮ ނަސޭހަތް ދޭނެއެވެ. އެއަމުރުތަކީ ކަލޯގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއިން ކަލޯ ހިނގާ މަގަށް އަލިކޮށްދީ ކަލޯ ތަރުބިއްޔަތު ކުރެއެވެ. އަދި ވިޔާނުދާ އަންހެނެއްގެ ފަރާތުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އޮމާން ދުލުން ކަލޯ ރައްކާތެރިކޮށް ދޭނެއެވެ. އެފަދަ މީހެއްގެ ރީތިކަމާއި ހިތްދަމައިގަންނަ ކަތި ނަޒަރުތަކުގެ ޖާދޫގައި ނުޖެހޭށެވެ. އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ. ގައިގާ އަލިފާން ރޯ ނުވާނެކަމަށް މީހަކު އަލިފާން ހުޅުގަނޑެއްގައި އޮޅުލާފާނެ ހެއްޔެވެ؟ އަނގުރު އަލިފާންތަކުގެ މަތީގައި ފައިތިލަ ނުފިހޭނެކަމަށް މީހަކު ހިނގާނެ ހެއްޔެވެ؟ މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ. ވަގުންނާ ރުހޭނެ މީހަކު ނުހުރެއެވެ. އެކަމަކު ކާނެ އެއްޗެއްގެ ބޭނުމުގައި ވައްކަން ކުރާ މީހާއަކަށް މީސްތަކުންގެ ނުރުހުމެއް ނުލިބެއެވެ. އެހެނަސް ވައްކަން ކުރަނިކޮށް އަތުލައިގަނެވިއްޖެ ނަމަ، އޭނާ ނެގި އެއްޗެއްގެ ހަތްގުނަ ދައްކަން ޖެހެއެވެ. އެކަމުން އޭނާ އިފްލާސް ވިޔަސް ވެސް މެއެވެ. ޒިނޭ ކުރާމީހާ ހާދަ މޮޔައެވެ. އޭނާ އެހަލާކު ކޮށްލަނީ އޭނާގެ އަމިއްލަ ދިރިއުޅުމެވެ. އޭނާ ޒަޚަމުވެއެވެ. އޭނާގެ އަގުވެއްޓިދެއެވެ. މުޅި އުމުރުގައި އެ ލައްގަނޑު ފިލައިގެން ނުދެއެވެ. ފިރިމީހާ ހަސަދަވެރިވެގެން އަންނަ ރުޅިއަށް ވުރެން ގަދަ ރުޅިއެއް ނޯވެއެވެ. އޭނާ ބަދަލު ހިފާކަށް ވަކި މިންވަރެއް ހައްދެއް ނޯވެއެވެ. ކަލޯއަކަށް އޭނާގެ ރުޅި މަތަ ވާވަރުގެ ބަދަލެއް ވެސް ނުދެވޭނެއެވެ.