ހަރުބަސްތައް. 5. ދަރިފުޅާއެވެ! އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ކަލޯ ކަނުލައި އަހައިފިނަމަ، ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ. ވަގުފިރިން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ. އެކަމަކު އެންމެފަހުން އެއިން ލިބޭނީ ހިތި ޒަހަރެކެވެ. އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ. އެހެނީ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފައެވެ. އޭނާއަކަށް އެމަގެއް ނޭނގެއެވެ. މަގޭ ދަރިފުޅާއެވެ. އަހަރެން މި ބުނާއެއްޗެއް ކަނުލައި އަހާށެވެ. އެ އަންހެންމީހާއާ ދުރުހެލި ވާށެވެ. އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ. ކަލޯ އެތަނަށް ގޮސް އުޅޭނަމަ ކަލޯގެ އަގުވެއްޓި ހިނގައިދާނެއެވެ. ކޮންމެވެސް ރަޙުމެއްނެތް ބައެއްގެ އަތްދަށުވެ ކަލޯގެ ޙަޔާތް ބަރުބާދު ވެދާނެއެވެ. ކަލޯ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށަށް ހިނގައިދާނެއެވެ. އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ. އޭރުން ކަލޯ ބުނާނެއެވެ. ”ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ. ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ. އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ. މިހާރު އަހަރެން މިވަނީ މީސްތަކުންގެ ކުރިމަތީ އަގުވެއްޓި އިނދަޖެހިފައެވެ.“ ފެން ބޯންވާނީ އަމިއްލަގޭ ވަޅުންނެވެ. ހުރިހާ ލޯތްބެއް ދޭންވާނީ އަމިއްލަ އަނބިމީހާއަށެވެ. ދިމާވި ކޮންމެ އަންހެނަކީ ފެންބޯ ފެންއާރެއްގެ ގޮތުގައިވެ ނުގަންނާށެވެ. ތިމާގެ ފެންއާރުން ފެންދޭންވާނީ އަމިއްލަ އަނބިމީހާ އަށެވެ. ހިލޭ އަންހެނުންނަކަށް ނޫނެވެ. ކަލޯގެ ޅައުމުރުގައި އިން އަނބިމީހާގެ ގާތުން އުފަލާއި އަރާމު ހާސިލު ކުރާށެވެ. އޭނާއަކީ ފުއްލާއެއް ފަދަ ބަނިޔާދަން ކުއްޖެކެވެ. އޭނާގެ ކިބައިން އޭރު ލިބުނު ފުން ލޯބި ލިބިގަނެ އޭނާގެ ގާތުން އުފާ ލިބިގަންނާށެވެ. ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ. އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ހުރިހާ ކަންތަކަށް ބައްލަވާ ވޮޑިގަންނަވައެވެ. ފާހިޝު ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީވެސް ހަމަ އެމީހުންނެވެ. އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.