ހަރުބަސްތައް. 3. ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ. ކަލޯ މި ބަސްތައް އަހައިފިނަމަ ކަލޯއަށް އުފާވެރި ދިގު އުމުރެއް ލިބިގެންދާނެއެވެ. ވަފާތެރި ކަމާއި ހިތްހެޔޮކަން ދޫކޮށް ނުލާށެވެ. މިކަންތައް ކަރުގައި ހާރެއްހެން އަޅާށެވެ. އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ. މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްﷲ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެންވެސް ކަލޯއާ ރުހޭނެއެވެ. މާތްރަސްކަލާނގެއަށް ހިތުގެ ފުންމިނުން އިތުބާރު ކުރާށެވެ. ތިމާއަށް މާބޮޑަށް އެނގޭކަމަށް ހީނުކުރާށެވެ. ދަރިފުޅާއެވެ! އަބަދު ވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ. ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ. މިހެން ހެދުމުން ކަލޯގެ ސިއްޙަތު ރަނގަޅުވެ ދުޅަހެޔޮ ކަން ލިބޭނެއެވެ. މާތްރަސްކަލާނގެއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަލޯއަށް ލިބޭ ތަނަވަސްކަމަކާއި ފައިދާގެ ތެރޭ ހިމެނޭ އެންމެ މޮޅު އެއްޗަކުން ބައިއަޅައި އެކަލާނގެއަށް ވެދުން ކުރާށެވެ. އޭރުން ގޮވާމާއި މޭބިސްކަދުރުން ކަލޯގެ ގުދަންތައް ފުރި އިތުރުވެގެން ދާނެއެވެ. ދަރިފުޅާއެވެ! މާތްރަސްކަލާނގެ ކަލޯ ތަރުބިއްޔަތު ކުރުމަށް އަދަބެއް ދެއްވިޔަސް އެކަލާނގެއަށް ފުރަގަސް ނުދޭށެވެ. އެކަލާނގެ އެ ދެއްވި އިންޒާރަކަށް ފުރިހަމަޔަށް ސަމާލުކަން ދޭށެވެ. އެހެނީ އެކަލާނގެ ލޯބިވާ އެންމެންމެ އެކަލާނގެ ތަރުބިއްޔަތު ކުރައްވައެވެ. އެއީ ބަފާ ފަޚުރުވެރިވާ ދަރިންވެސް ތަރުބިއްޔަތު ކުރާ ފަދައިންނެވެ. ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ. ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ. ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެންވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއްވެސް ނުވެއެވެ. ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ. ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ. ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ. މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ. ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ. ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ. އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެވެ. އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ. އޭރުން ހިތްދަތިކަމެއް ނެތި ކަލޯއަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ. ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ. އެހެނީ މާތްރަސްކަލާނގެ ކަލޯއަށް ރައްކާތެރިކަން ދެއްވާނެކަން ހަނދާން ކުރާށެވެ. ކަލޯއަށް ވީވަރަކުން އެންމެންނަށް އެހީތެރިވެވޭތޯ ބަލާށެވެ. މިއަދު ކޮށްދެވެން އޮތްކަމެއްގައި އަވަށްޓެރިޔާ ގާތު މާދަމާ އަންނާށޭ ނުބުނާށެވެ. ކަލޯ އިތުބާރު ކުރާ އަވަށްޓެރިޔާއާ މެދު ހީލަތްތެރި ރޭވުންތައް ނުރާވާށެވެ. ކަލޯއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ. އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ. އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ. ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ. މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ. ކަލޯއަކީ ބުއްދިވެރި ގޮތުގައި އުޅޭ މީހެއްނަމަ މީހުން ކަލޯއަށް ތާރީފު ކުރާނެއެވެ. އެކަމަކު ގޮތްދޫނުކުރާ މޮޔައެއްހެން އުޅޭ މީހެއް ނަމަ، މީހުންގެ މަލާމާތް ލިބޭނެއެވެ.