ހަރުބަސްތައް. 2. ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ. ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ. އާނއެކެވެ! އިލްމަށް ސަލާންޖަހާށެވެ. ހިލްމަށް އެދި އާދޭސް ކުރާށެވެ. ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ. އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްﷲގެ އިލްމުން އިލްމު ދަސްވާނެއެވެ. ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީވެސް އެފަރާތްޕުޅުންނެވެ. ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ. އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ. އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެއެވެ. އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ. ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ. އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ. އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުންދާ މީހުންނެވެ. އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ. އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ. ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ. އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްﷲ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ. އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ. އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ. ކަލޯއަކަށް ދިރިހުރުމެއް އަނބުރާ ނުލިބޭނެވެ. ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ. އެހެނީ ޞާލިޙު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ. އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ. ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.