ހަރުބަސްތައް. 1. މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ. ހަރުބަސްތަކަކީ މީހާގެ ބުއްދި ތަނަވަސްކޮށްދީ ނަފްސުގެ ކޮންޓްރޯލް ހިފެހެއްޓުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި މީގައިވާ ފުން މާނަތަކުގައި ގިނަގުނަ ނަސޭހަތްތަކެއް އެކުލެވިފައި ވެއެވެ. މި ހަރުބަސްތަކުން ދުރުވިސްނި ހެވާއި ނުބަޔާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ. މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކުވެސް އިލްމުހުރި މީހަކަށް ވެދެއެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ. ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ. ހަރުބަހުން މީހުން ބުނެއުޅޭ މާނަ ފުން ބަސްތައް ދެނެގަނެވެއެވެ. އަދި އޮޅުންނުފިލާ އަރަތެއް ފަދަ ބަސްތައް ފަހުމުވެދެއެވެ. އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ. ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ. އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ. ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ. އެމީހުން ބުނެފާނެއެވެ. ”އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ! އެމީހުން މިއަދު އެތިބީ ގަދަވެ ހެޔޮ ހާލުގައެވެ. އެކަމަކު އަހަރެމެން ކުރާކަންތައް ކޮށްނިމޭއިރު އެމީހުން ތިބޭނީ ކަށްވަޅުގައެވެ. އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ. ކަލޭ އަހަރެމެންނާ ބައިވެރިވެއްޖެނަމަ ކަލެއަށް ވެސް ބައި އަޅާދޭނަމެވެ.“ ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ. އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ. ދޫނިތައް ބަލަންތިއްބާ މަޅިޖެހުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ އެމީހުން އެއްބައިވެގެން ގޮސް މީހަކު މަރާލައެވެ. އެކަމަކު އެންމެފަހުން އެމަޅީގައި ޖެހޭނީވެސް އެމީހުންނެވެ. ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތްދޮވެލާށެވެ. މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ. އެކަމަނާގެ އަޑު ބާޒާރު މަތީގައިއާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ. ”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަންމަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟ ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ. އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ. އަހަރެން މިދޭ އިންޒާރުތަކަށް ކަލޭމެން އަޅައެއް ނުލައެވެ. އަހަރެން ދޭ ނަސޭހަތުގެ އަޑެއް ނޭހިއެވެ. ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ. ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. ކަލޭމެންނަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ. އަހަރެން ދޭ އިންޒާރުތަކުގެ އަޑު ނާހައި ކަލޭމެން ދިނީ ބީރު ކަންފަތެކެވެ. އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ. ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ. އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“