2 ޞަމޫއީލް. 23. މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްރަސްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ މާތްރަސްކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ. ”މާތްރަސްކަލާނގެ ރޫޙުފުޅު އަހަރެން މެދުވެރިކޮށް މި ލަފުޒުތައް އިއްވެވިއެވެ. އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’އިސްރާއީލުންގެ ހިލަ‘ އަހަންނަށް އެންގެވިއެވެ. ’އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ. މާތްރަސްކަލާނގެއަށް ބޯލަބައި ބިރުވެތިވެ ވެރިކަން ކުރާ މީހާ އަކީ، ވިލާތައްނެތް ފަތިހަކު އަރައިގެން އަންނަ އިރު ފަދަ މީހެކެވެ. ވާރޭ ވެހުމުގެ ފަހުން ދީފައިވާ އަވި ފަދަ މީހެކެވެ. އެ ވާރޭ ވެހި ބިންގަނޑު ތެމި ވިނަ ހެދިގެން އާދެއެވެ.‘ މާތްﷲ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ. އެކަލާނގެ އަހަރެންނާމެދު ދާއިމީ ޢަހުދެއް ކަށަވަރު ކުރެއްވިއެވެ. މާތްރަސްކަލާނގެ އެކުރެއްވި މުއާހިދާއިން ދެއްވާފައިވާ ޔަޤީންކަން ހުރިހާ ދިމާއަކުން ހެޔޮކަން ބޮޑުވެފައި ރައްކާތެރިއެވެ. އެހެން ކަމުން އަހަންނަށް ކޮންމެ ކަމެއްގައި ފަތަޙަ ލިބޭނެކަން ޔަޤީން ވެފައިވެއެވެ. އަހަރެން އެދި ދަންނަވާ ކޮންމެ ކަމެއް އެކަލާނގެ ކޮށް ދެއްވާފައިވެއެވެ. އެކަމަކު ނުބައި މީހުންނަކީ އުކާލެވޭ ކަށި ގަސްތަކެއް ފަދަ ބައެކެވެ. މީހަކަށް އެއަކު އަތެއް ނުލެވޭނެއެވެ. މީހަކު އޭގައި އަތްލިޔަސް އޭގެ ތުނޑު ހެރިދެއެވެ. އެހެންވެ މީހުން އޭގައި އަތްލަނީ ގިނިފަތިކަހަލަ ދަގަނޑުން ނުވަތަ ލޮންސިތަކުންނެވެ. އެގޮތަކީ އެމީހުންނަކީ ތޫނު ކަށިތަކެއް ފަދަ ބައެކެވެ. އެފަދަ މީހުން އެއްލާލެވެނީ އަލިފާނަށެވެ. އެމީހުން އެތިބި ތަނެއްގައި ތިއްބާ އަނދާ ހުލިވެގެން ދަނީއެވެ.“ މިއީ ދާއޫދުގެފާނުގެ ހަނގުރާމަވެރިންގެ ނަންތަކެވެ. ތަހުކަމޫނީންގެ ޔޫޝައިބު ބައްޝަބަތު އަކީ އެންމެ ވަރުގަދަ ތިން ފަހުލަވާނުންގެ އިސް ވެރިޔާއެވެ. މީނާ އަކީ އެއްފަހަރާ އަށްސަތޭކަ މީހުން އޭނާގެ ލޮންސިން މަރާފައިވާ މީހެކެވެ. އަނެކަކީ ދޫދޫގެ ދަރި އަލްޢާޒަރު އެވެ. އޭނާއަކީ އަޚޫޚީ ގަބީލާގެ މީހެކެވެ. އަލިޢާޒާރު އަކީ އޭގެ ތެރޭން އެކަކެވެ. ދާއޫދުގެފާނު ފިލިސްޠީނީންނާ ހަނގުރާމަ ކުރައްވަން ނުކުންނެވި ދުވަހަކު އިސްރާއީލީންގެ ސިފައިން ދުވެ ފިލީއެވެ. އެކަމަކު އަލްޢާޒަރު ވަރުބަލިވެ ލޮޑުވީ އިރުވެސް އަތުން ކަނޑި ދޫކޮށް މައިދާން ދޫކޮށެއް ނުލިއެވެ. އޭނާ އެގޮތުގައި ފިލިސްޠީނީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. އެދުވަހު މާތްރަސްކަލާނގެ އިސްރާއީލީންނަށް ވަރަށް ބޮޑު ކާމިޔާބެއް ދެއްވިއެވެ. އަލްޢާޒަރު ހަނގުރާމަ ފަތަޙަ ކުރިފަހުން މީހުން އެތަނަށް ދިޔައީ މަރުވެފައިތިބި މީހުންގެ ތަކެތި ނެގުމަށެވެ. ތިންވަނަ މީހަކީ ހަރާރުގެ އަޖީގެ ދަރި ޝައްމާއެވެ. ފިލިސްޠީނީންނާ ހަނގުރާމައަށް ނުކުމެ މުގު ގަސް ހެދިފައިވާ ދަނޑެއްގައި އެމީހުން ޖަމާވެ ތިއްބެވެ. އެދުވަހު ވެސް ފިލިސްޠީނީން ދެކެ ބިރުން އިސްރާއީލުގެ ހަނގުރާމަވެރިން ފިލައިގެން ދިޔައީއެވެ. އެކަމަކު ޝައްމާ ދަނޑުމެދުގައި ހުޝިޔާރު ކަމާއެކު ދިފާއު ކުރަން ހުއްޓެވެ. އޭނާ ފިލިސްޠީނުން ބަލި ކޮށްލިއެވެ. އެދުވަހުވެސް އިސްރާއީލީންނަށް މާތްރަސްކަލާނގެ ނަސްރު ދެއްވިއެވެ. އެއްފަހަރަކު ގޮވާންކަނޑާ މޫސުމުގައި ދާއޫދުގެފާނު ޢަދުއްލާމްގެ ހޮހަޅަ ކައިރީގައި ހުންނެވިއެވެ. އޭރު ފިލިސްޠީނުންގެ ފައުޖު ރަފާއީމްގެ ވާދީއަށް އައިސް ފޭލިގެ ޖަހައިގެން ތިއްބެވެ. ދާއޫދުގެފާނުގެ އެންމެ އަރިސް ތިރީސް އިސް ފަހުލަވާނުން ގެތެރޭން ތިން ފަހުލަވާނުން އެކަލޭގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އެވަގުތު ދާއޫދުގެފާނު ހުންނެވީ ކިއްލާއެއް ކަހަލަ ފަރުބަދަ ތަކެއްގެ ތެރޭގައެވެ. ފިލިސްޠީނީންގެ ސިފައިން ތިބީ ބައިތުލަޙަމަށް ގަދަކޮށްގެންނެވެ. ދާއޫދުގެފާނު ރަށްމަތިން ހަނދުމަފުޅުވެ ނުހަނު ބޮޑަށް ފެންފޮދަކަށް ބޭނުންވިއެވެ. އެވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮންމެވެސް މީހަކު ބައިތުލަޙަމުގެ ދޮރާށިދޮށުގައި ހުރި ވަޅުން އަހަންނަށް ފެންފޮދެއް ގެނެސް ދޭނެ ނަމަ“ އެވެ. ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ. ދާއޫދުގެފާނު ދުއާ ދެންނެވެ. ”މި ފެން މިއަޅާއެއް ނުބޯނަން. އެހެނީ އެފެން ބުއިމެކޭ އެމީހުންގެ ލޭ ބުއިމެކޭ ތަފާތެއް ނެތް. އެއީ މިއަޅާއަށްޓަކައި އެމީހުންގެ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ގެނައި ފެނެއް.“ އެކަލޭގެފާނު އެފެން ފޮދު ނުހިއްޕެވީ އެހެންވެއެވެ. މިއީ އެތިން ފަހުލަވާނުން ކުރި ހިތްވަރުގަދަ އެއްކަމެކެވެ. ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ. އަބީޝާއީ އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރުވެފައި ވިޔަސް އޭނާ ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. އޭނާ ހުރީ އެމީހުންގެ ވެރިޔަކަށެވެ. ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ ޖާނު ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އުޅެބޮޑުވީ ޤަބްޞިއީލުގައެވެ. އޭނާވެސް އެފަދަ ހިތްވަރުގަދަ ކަންތައް ކުރިއެވެ. އޭނާ މުއާބުގެ ގަދަފަދަ ދެ ފަހުލަވާނުން މަރާލިއެވެ. އެއްދުވަހަކު ސްނޯ ފައިބަމުން ދިޔަ ވަގުތެއްގައި ވަޅުގަނޑެއްގެ ތެރޭ އޮތް ސިންގާއެއް ވެސް މަރާލިއެވެ. މީގެ އިތުރުން ބަނާޔާ މިޞްރުގެ ބިޔަ ހަނގުރާމަވެރިއަކު ވެސް މަރާލިއެވެ. މިޞްރު މީހާގެ އަތުގައި ބޮޑު ލޮންސިއެއް އޮތެވެ. އެކަމަކު ބަނާޔާއަތުގައި އޮތީ މުގުރު ބުރިއެކެވެ. ބަނާޔާ މިޞްރު މީހާ އަތުން ލޮންސި ދަމައިގަތެވެ. އޭނާ މިޞްރު މީހާ މަރާލީ އެލޮންސިންނެވެ. ބަނާޔާ މިކަހަލަ ކިތަންމެ ކުޅަދާނަ ކަންތަކެއް ކުރިއެވެ. މީނާއަކީވެސް ތިން ފަހުލަވާނުންހާ މަޝްހޫރު މީހެކެވެ. އޭނާއަކީ ތިރީސް ފަހުލަވާނުންނަށް ވުރެން ވެސް ނަން އަރާފައިވާ މީހެކެވެ. އެކަމަކު އޭނާއެއްވެސް މަޝްހޫރު ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. ދާއޫދުގެފާނު އެކަލޭގެފާނުގެ ހަށިރައްކާތެރިންގެ ވެރިޔަކަށް ބަނާޔާ ހެއްދެވިއެވެ. ވަރުގަދަ ތިރީސް ފަހުލަވާނުންގެ ތެރޭގައި ޔުއާބުގެ ކޮއްކޮ އަސާހިލްއާއި ދޫދޫގެ ދަރި އަލްހާނާން ހިމެނެއެވެ. އޭނާއަކީ ބައިތުލަޙަމުގެ މީހެކެވެ. އަދި ހަރޫދު އަވަށުގެ ޝައްމާއާއި އަލީގާ، ފަލްދީ އަވަށުގެ ހާލިސް، ތަގޫއީ އަވަށުގެ އައްޤީޝްގެ ދަރި އައިރާ، އަނާޘޫޘީ އަވަށުގެ އަބީ އަރުޒު، ހޫޝާއީންގެ މަބޫނާއީ، އަޚޫޚީ އަވަށުގެ ސަލްމޫން، ނަތޫފާތީ އަވަށުގެ މަހްރާއީ، ނަތޫފާ އަވަށުގެ ބަޢްނާގެ ދަރި ޚާލިބު، ބަންޔާމީންގެ ޖިބްއާ އަވަށުގެ ރީބާއީގެދަރި އިއްތާއީ، ފިރްޢަތޫނުން އަވަށުގެ ބަނާޔާ، ގާޝް އަވަށުގެ ވާދީތަކުން ހިއްދާއި، އަރުބާނީ އަވަށުގެ އަބީ އަލްބޫނު، ބަހޫރީމްގެ އަޒްމޫތު، ޝައައްލުބޫން އަވަށުގެ އަލީހަބާ، ޔާޝަންގެ ފިރިހެން ދަރިން، ހަރާރީގެ ޝައްމާގެ ދަރި ޔޫނާޘާން، ހަރާރީ އަވަށުގެ ޝާރާރުގެ ދަރި އަޚިއްޔާމް، މަޢުކީއީން އަވަށުގެ އަޙަސްބާއިގެ ދަރި އަލީފަލްދު، ޖީލޫނީ އަވަށުގެ އަޚީތޫފަލުގެ ދަރި އަލީއާމް، ކަރުމިލް އަވަށުގެ ހަސްރާއި، އަރުބީ އަވަށުގެ ފިއުރާއި، ޒޫބާގެ ނާޘާންގެ ދަރި ޔަޖާލް، ޖަދީ އަވަށުގެ ބާނީ، ޢައްމޫނީ އަވަށުގެ ސާލިގް، ބައިރޫތު އަވަށުގެ ނަހްރާއި، (މީނާއަކީ ސަރޫވިޔަތުގެ ދަރި ޔުއާބު އަށް ހަތިޔާރު އުފުލާ ދޭ މީހާއެވެ.) ޔަޘްރީ އަވަށުގެ ޢީރާ އާއި ޖާރަބު، ޙިއްޘީންގެ އުރިއްޔާ އެވެ. މި ބުނެވުނު ތިރީސް ހަތް މީހުންނެވެ.