2 ޞަމޫއީލް. 22. މިއީ ދާއޫދުގެފާނު ޝާއުލްގެފާނާއި އެކަލޭގެފާނުގެ ހުރިހާ އަދާވާތްތެރިންގެ އަތްދަށުން މިންޖު ކުރެއްވުމުން މާތްރަސްކަލާނގެއަށް ދެންނެވި މަދަހަ ސަނާއެވެ. މާތްރަސްކަލާނގެއަކީ މިއަޅާގެ ރައްކާތެރި ކަމުގެ ހިލައެވެ. މިއަޅާގެ ކިއްލާއެވެ. މިއަޅާ ނަޖާކޮށްދެއްވާ ކަލާނގެ. އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ. މިއަޅާ ހަމްދު ސަނާ ޙައްޤުވެގެންވާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވީމެވެ. މިއަޅާ އެހީއަށް އެދި ދެންނެވުމުން ދުޝްމިނުންގެ އަތްދަށުން މިއަޅާއަށް ސަލާމަތްކަން ދެއްވިއެވެ. މިއަޅާގެ އަދާވާތްތެރިން މިއަޅާ މަރާލަން އުޅުނެވެ. މަރުގެ ރާޅުތަކުގެ ތެރެއަށް މި އަޅާއަށް ވަދެވުނެވެ. ގަދަފަދަ އޮއިވަރާއެކު އޮހެމުން ދިޔަ ފެންގަނޑެއްގެ ތެރެއަށް މިއަޅާ ވެއްޓުނެވެ. އެއީ މަރާ ދިމާއަށް ދިޔަ ތޫފާނެކެވެ. ގަބުރުގެ ވާވެލާވެލި މިއަޅާގެ ހަތަރު ފަރާތުން ވަށާލިއެވެ. މިއަޅާ މަރުގެ ތުންފަތް މައްޗަށް އެއްލާލެވުނެވެ. މިއަޅާ އޭރު އޮތީ މަރުގެ ތުންފަތްމަތީގައެވެ. އެހިނދު މިއަޅާ މަދަދަށް އެދި ދެންނެވީމެވެ. އާދޭހެވެ! މިއަޅާ މަދަދަށް އެދި ދެންނެވީމެވެ. ދެން މާތްރަސްކަލާނގެ ގެކޮޅުގައި ހުންނަވައި އެ އަޑު އެއްސެވިއެވެ. އެކަލާނގެ މިއަޅާގެ ރުއިމުގެ އަޑު އެއްސެވިއެވެ. ދެން ބިންގަނޑު ތޮޅިގެންފިއެވެ. އުޑުތަކުގެ ބިންގާ ގުޑައިގެން ދިޔައެވެ. އެހެނީ އެކަލާނގެ ކޯފާވެ ވޮޑިގަތީއެވެ. އެކަލާނގެ ނޭފަތްޕުޅުން ދުން އަރައިގަތެވެ. އަނދަމުން ދިޔަ އަލިފާންނާއި ހުޅުގަނޑެއް އަނގަފުޅުން ނުކުތެވެ. އަނދައަނދައި ހުރި އަނގުރު އަލިފާންގަނޑެއް ރޯވެގަތެވެ. އެކަލާނގެ އުޑުތައް ވީއްދަވާލައްވައި ބިންމައްޗަށް ފައިބާ ވޮޑިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ވަނީ ކަޅު ވިލާތަކެވެ. އެކަލާނގެ ކުޑަތާމަލާއިކަތުންގެ މައްޗަށް ސަވާރުވެ އުދުހިވޮޑިގަތެވެ. އެކަލާނގެ ވައިރޯޅިތަކުގެ ފިޔަތަކުގައި އުދުހިވޮޑިގަތެވެ. ކަޅު އަނދިރި ވިލާތަކުގެ ފޭލިގެ ތެރޭ އެކަލާނގެ ވޮޑިގެންވިއެވެ. އެ ވިލާތައް ފުރެންދެން ފެން ހުއްޓެވެ. އެކަލާނގެ އަލިގަދަ އުޖާލާ ކަމުގެ ތެރޭން އަލިފާން ކެނޑެމުން ދިޔައެވެ. މާތްރަސްކަލާނގެ އުޑުމަތިން ގުގުރައިގެންނެވިއެވެ. އެއާއެކު އެންމެ މަތިވެރި ކަލާނގެ އަޑުފުޅު އިވިގެން ދިޔައެވެ. އެކަލާނގެ ތީރުތައް ދުޝްމިނުންގެ މައްޗަށް އޮއްސަވައިގެންފިއެވެ. އެއާއެކު އެމީހުން ބުރަބުރައިގެން ދިޔައެވެ. މާތްރަސްކަލާނގެ ހޮނުއެޅުއްވުމުން މީހުން ބިރުން ދުއްވައިގަތެވެ. ފުންކަނޑުގެ އަޑި ފާޅުވެގެން ދިޔައެވެ. ބިމުގެ ބިންގާ ހާމަވެގެން ދިޔައެވެ. މާތްރަސްކަލާނގެ އަޑުފުޅުގެ ގަދަކަމުންނެވެ. އެކަލާނގެ ނޯށްފުޅުން ގަދަފަދަ ކޯފާގެ ނޭވާފުޅެއް ލެއްވެމުންނެވެ. އެފަދަ ގަދަފަދަ ކަމާއެކު އެކަލާނގެ މިއަޅާއަށް އެހީތެރިވުމަށް ތިރިއަށް ފައިބައި ވޮޑިގެންނެވިއެވެ. އެކަލާނގެ ފުން ކަނޑުގެ އަޑިން މިއަޅާ ނަންގަވައި އުފުއްލެވިއެވެ. މިއަޅާގެ އަދާވާތްތެރިން މިއަޅާއަށް ވުރެން ބާރު ގަދައެވެ. އެހެނަސް އެކަލާނގެ މިއަޅާ ސަލާމަތް ކުރެއްވިއެވެ. މިއަޅާގެ މުސީބާތުގެ ދުވަހު އެމީހުން އައިސް މިއަޅާއާ ކުރިމަތިލިއެވެ. އެހެނަސް މާތްރަސްކަލާނގެ މިއަޅާއަށް އެހީތެރިވެ ވޮޑިގަތެވެ. އެކަލާނގެ މިއަޅާ ހާމަ ބިމަށް ގެންނެވިއެވެ. އެކަލާނގެ މިއަޅާ ސަލާމަތްކޮށްދެއްވީ މިއަޅާދެކެ ރުހިވޮޑިގަންނަވާތީއެވެ. މާތްރަސްކަލާނގެ މިއަޅާ ކުރި ޞާލިޙު ކަންތަކަށް ހެޔޮ ޖަޒާ ދެއްވިއެވެ. އަދި މިއަޅާ އައިބެއް ލަކެއް ނެތި އުޅުމުން އެކަލާނގެ މިއަޅާއަށް އިނާމު ދެއްވިއެވެ. އެހެނީ މިއަޅާ މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވިއެވެ. މިއަޅާ ﷲ އެންގެވި ގޮތަށް ފުރަގަސްދީ އެނބުރިއެއް ނުގަންނަމެވެ. އެކަލާނގެ އެންގެވި ހުރިހާ ޤާނޫނެއް ވަނީ މިއަޅުގެ ކުރިމަތީގައެވެ. އެ އަމުރުފުޅުތަކަށް މިއަޅާ ފުރަގަހެއް ނުދެމެވެ. އެކަލާނގެ ކުރިފުޅުމަތީގައި މިއަޅާގެ އިލްޒާމެއް ނުވެއެވެ. މިއަޅާ އުޅެމުން ދަނީ ކުށެއް ނުކޮށެވެ. މާތްރަސްކަލާނގެ އެގޮތުން މިއަޅާއަށް ހެޔޮ ޖަޒާ ދެއްވައެވެ. އެއީ މިއަޅާ ކުރާ ހެޔޮކަންތަކުގެ އިނާމެވެ. މިއަޅާގެ ކުށެއްނެތްކަން އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އޭ މާތްރަސްކަލާނކޯ އެވެ! ޙަޤީޤަތުގައި މީހަކު އިނބަރަސްކަލާނގެއަށް ވަފާތެރިވާނަމަ އެމީހަކާމެދު އިނބަރަސްކަލާނގެވެސް ވަފާތެރިވެ ވޮޑިގަންނަވައެވެ. ކުށެއް ނުވާ މީހުންނަށް އިނބަރަސްކަލާނގެ ކުށެއް ނުވާކަން ދައްކަވައެވެ. ތާހިރު މީހުންނަށް އިނބަރަސްކަލާނގެ ހުސް ތާހިރުވަންތަކަން ދައްކަވައެވެ. އެކަމަކު ދެކޮޅުވެރިންނަށް އިނބަރަސްކަލާނގެއީ ދެކޮޅުވެރި އެއްގެ ގޮތުގައި ދައްކަވައެވެ. ހިތްތިރި މީހުން އިނބަރަސްކަލާނގެ ސަލާމަތް ކުރައްވައެވެ. ކިބުރުވެރިން ދަށްކޮށް ލައްވައެވެ. އިނބަރަސްކަލާނގެއަކީ މިއަޅާގެ ބައްތިއެވެ. އިނބަރަސްކަލާނގެ މިއަޅާގެ އަނދިރިކަން ދުރު ކުރައްވައެވެ. އިނބަރަސްކަލާނގެ ބާރުފުޅާއެކު ބޮޑު ލަޝްކަރެއް ވެސް މިއަޅާ ބަލިކޮށްލަމެވެ. މާތްﷲ އަކީ އެންމެ ފުރިހަމަ ކަލާނގެއެވެ. މާތްރަސްކަލާނގެ ބަސްފުޅާ މެދު އިތުބާރު ކުރެވޭނެއެވެ. އެކަލާނގެ ރައްކާތެރި ކަން ދެއްވަނީ އެކަލާނގެއަށް އިތުބާރު ކުރާ ބަޔަކަށެވެ. މާތްރަސްކަލާނގެ ފިޔަވައި އެހެން ކަލެއް ނުވެއެވެ. މާތްﷲ ނޫން އެހެން ގަލެއްވެސް ނުވެއެވެ. މާތްﷲ އަކީ މިއަޅާގެ ގަދަފަދަ ކިއްލާއެވެ. މިއަޅާ ހިނގާ މަގު ސާފު ސީދާ ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ މިއަޅާއަށް ފުއްލާއެއްހާ ހަލުއިކޮށް ދުވެވޭނެ ގޮތް ހައްދަވައެވެ. އެކަލާނގެ މިއަޅާ ފަރުބަދަމަތީގައި ސަލާމަތުން ލަހައްޓަވައެވެ. އެކަލާނގެ މިއަޅާއަށް ހަނގުރާމަ ކުރާނެ ގޮތް ދައްކަވައެވެ. އެކަލާނގެ މިއަޅާގެ މުލައްދަނޑީގެ ބާރު ގަދަ ކުރައްވައެވެ. އެހެންވެ ކަފުލޮއިގެ ދުނިދަނޑިއެއް މިއަޅާއަށް ލަނބާލެވެއެވެ. މާތްކަލާނކޯއެވެ! އިނބަރަސްކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ. މިއަޅާއަށް ކާމިޔާބު ދެއްވުމުގައި އެހީތެރިވެ ވޮޑިގެންނެވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަށް މަތިވެރި ދަރަޖަ ލިބުނީ އިނބަރަސްކަލާނގެ މަދަދާ އެކުގައެވެ. މިއަޅާގެ ފައިތިލަ ބަހައްޓާނެ މަގު ފުޅާ ކުރައްވައި ގަދަކުރެއްވީ، މިއަޅާ ކައްސާލައިގެން ދިޔަ ނުދެއްވުމަށެވެ. މިއަޅާ ދުޝްމިނުންގެ ފަހަތުން ގޮސް އެމީހުން ފުނޑު ކޮށްލަމެވެ. އެމީހުން އެންމެން މަރާ ނުލާ މިއަޅާ އެނބުރިއެއް ނާންނަމެވެ. މިއަޅާގެ ދުޝްމިނު އެންމެން ނައްތާލީމެވެ. މިއަޅާ އެމީހުން ބަލިކޮށްލީމެވެ. އެމީހުންނަކަށް އަލުން ކޮޅަކަށް ނުތެދުވެވޭނެއެވެ. މިއަޅާގެ ދުޝްމަނުން މިއަޅާގެ ފައިތިލަ ދަށަށް މަރުވެގެން ވެއްޓުނެވެ. މިއަޅާއަށް ހަނގުރާމައިގައި ގަދަކަން ދެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާގެ ދުޝްމިނުން އިނބަރަސްކަލާނގެ މިއަޅާގެ އަތްދަށު ލައްވާ ދެއްވިއެވެ. އިނބަރަސްކަލާނގެ މިއަޅާގެ ދުޝްމިނުން ފައްސަވާލެއްވިއެވެ. މިއަޅާ ދެކެ ނަފުރަތު ކުރާ މީހުން މިއަޅާ ނައްތާލަމެވެ. މިއަޅާގެ ދުޝްމިނުން މަދަދަށް އެދިގެން ބަލައެވެ. އެކަމަކު އެމީހުންނަށް މަދަދު ދޭނެ ފަރާތެއް ނެތެވެ. އެމީހުން މާތްރަސްކަލާނގެ އެހީއެއް ދެއްވާތޯ އެދި ދެންނެވިއެވެ. އެކަމަކު އެކަލާނގެ އެމީހުންގެ އަޑެއް ނާއްސަވައެވެ. މިއަޅާގެ ދުޝްމިނުން ކުދިކުދިކޮށް މިއަޅާ ކޮށާލަމެވެ. އެމީހުން ބިންމަތީގައި ހުރި ހިރަފުހަށް ހަދާލަމެވެ. މިއަޅާގެ ދުޝްމިނުން ފުނޑުފުނޑު ކޮށްލަމެވެ. އަދި އެމީހުން މަގުމަތީގައި ހުންނަ ކިސަޑާ އެއްކޮށްލަމެވެ. މިއަޅާގެ އަމިއްލަ ޤައުމުގެ ދެކޮޅުވެރިންގެ އަތްދަށުން މިއަޅާ ސަލާމަތް ކުރެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަކީ އެ ޤައުމުތަކުގެ ވެރިޔަކަށް އިނބަރަސްކަލާނގެ ހެއްދެވިއެވެ. މިއަޅާ ނުވެސް ދަންނަމީހުން އެވަނީ މިއަޅާގެ ޚިދުމަތުގައެވެ. ބީރައްޓެހީން މިއަޅާގެ ކުރިމަތީގައި ބިރުން ފިރުކެމުން އާދެއެވެ. މިއަޅާ އަންނައަޑު އިވޭއިރަށް އެމީހުން އައިސް މިއަޅާއަށް ކިޔަމަންތެރި ވެއެވެ. އެހެނިހެން ރަށްރަށުގެ މީހުން ތިބެނީ ބިރުގެންފައެވެ. އެމީހުން ފިލާ ތިބޭ ކިއްލާތަކުން ނުކުމެގެން އަންނަނީ ބިރުން ތުރުތުރު އަޅަމުންނެވެ. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ އަކީ މިއަޅާގެ ހިލައެވެ. މާތްރަސްކަލާނގެއަށް މިއަޅާ ހަމްދު ކުރަމެވެ. އެކަލާނގެއީ އިއްޒަތްތެރި ކަލާނގެއެވެ. މިއަޅާއަށް ނަޖާ ކުރައްވާ ގަލެވެ. މިއަޅާގެ އަދާވާތްތެރިންނަށް ސަޒާ ދެއްވީ އެކަލާނގެއެވެ. އަދި މިއަޅާގެ އަތްދަށަށް ޤައުމުތައް ގެނެސް ދެއްވީވެސް އެކަލާނގެއެވެ. މިއަޅާގެ ދުޝްމިނުންގެ އަތްދަށުން ސަލާމަތްކޮށް ދެއްވީ އިނބަރަސްކަލާނގެއެވެ. އެމީހުން ބަލިކޮށްލުމަށް މިއަޅާއަށް އެހީވެ ދެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާއާ ދެކޮޅަށް އައި އަނިޔާވެރިންގެ އަތްދަށުން މިއަޅާ މިންޖު ކުރެއްވީ އިނބަރަސްކަލާނގެއެވެ. މާތްރަސްކަލާނކޯއެވެ! ޤައުމުތަކުގެ ކުރިމަތީ އިނބަރަސްކަލާނގެއަށް ތައުރީފުކޮށް މިއަޅާ ހަމްދުސަނާ ކިޔަނީ އެހެންވެއެވެ. އިނބަރަސްކަލާނގެއަށް ތައުރީފުކޮށް މިއަޅާ ލަވަކިޔަނީ އެހެންވެއެވެ. އެކަލާނގެ ހޮއްވެވި ރަސްގެފާނު ކުރައްވާ ހަނގުރާމައަށް އެކަލާނގެ މަދަދު ދެއްވާނެއެވެ. އެރަސްގެފާނަށް އެކަލާނގެ ދެގޮތެއްނުވާ ލޯބިފުޅު ދައްކަވައެވެ. މި ދާއޫދުއަށާއި ނަސްލަށް އެކަލާނގެ ދެގޮތެއްނުވާ ލޯބިފުޅު އަބަދުވެސް ދެއްވައެވެ.