2 ޞަމޫއީލް. 21. ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުންވަނީ ޖިބްއޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.“ ޖިބްއޫނީންނަކީ އިސްރާއީލީންނެއެއް ނޫނެވެ. އެއީ އަމޫރީންގެ ދަރިކޮޅެކެވެ. އިސްރާއީލުން ވަނީ ޖިބްއޫނީންނަށް ގެއްލުމެއް ނުދޭނެކަމަށް ވަޢުދުވެފައެވެ. އެކަމަކު ޝާއުލްގެފާނު އުޅުއްވީ އެމީހުން ނައްތައިލުމަށެވެ. އެއީ އިސްރާއީލުންނާއި ޔަހޫޛާއިންނާ މެދު އެކަލޭގެފާނު ހިތްޕުޅުގައިވާ ދެގޮތެއްނުވާ ތާއީދަށްޓަކައެވެ. އެހެންވެ ދާއޫދު ރަސްގެފާނު ޖިބްއޫނީނުން އެއްތަނަކަށް އެއްކުރައްވައިފިއެވެ. އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”ކަލޭމެންނަށް އަހަރެން ކޮށްދޭންވީ ކޮންކަމެއްތަ؟ އިސްރާއީލުގެ މައްޗަށް ބޯމަތިވެފައިމިވާ ފާފަތަކުން ސަލާމަތް ވެވޭނީ ކިހިނެއް ހެދިއްޔާ؟ ކަލޭމެން މާތްރަސްކަލާނގެ މީހުންނާމެދު ހިތްހެޔޮ ކުރާނީ ކޮންގޮތަކުން؟“ ޖިބްއޫނީންގެ މީހުން ދެންނެވިއެވެ. ”ޝާއުލްގެފާނު ކުރެއްވި ކަންތަކުގެ ބަދަލުގައި ދޭނެހާ ރަނެއް ޖަވާހިރެއް އެކަލޭގެފާނުގެ އާއިލާއަކަށް ލިބިގެންނެއް ނުވޭ. އެކަމަކު އެހެންނޭ ކިޔާފައި އަޅުގަނޑުމެން އިސްރާއީލީންގެ އެންމެން މަރާލުމުގެ ޙައްޤެއް ނެތް.“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. ތިހެންވީއިރު އަހަރެން ކޮށްދޭންވީ ކޮންކަމެއްތަ؟“ ޖިބްއޫނީން ދާއޫދުގެފާނަށް ދެންނެވިއެވެ. ”ޝާއުލްގެފާނު ވަނީ އަޅުގަނޑުމެންނާ އިދިކޮޅަށް ރޭވުންތަކެއް ރާއްވަވާފައި. އެކަލޭގެފާނު އުޅުއްވީ އިސްރާއީލުގައި ތިބި އަޅުގަނޑުމެން އެންމެން މަރައި ހުސްކޮށް ލެއްވުމަށް. އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.“ އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ. ދާއޫދުގެފާނު އަރުމޫނީއާއި މަފީބޫޝަޝް ގެންނެވިއެވެ. މިއީ ޝާއުލްގެފާނުގެ ޖާރިއާއެއްކަމަށް ވާ ރިސްފާގެ ދަރިންނެވެ. ރިސްފާއަކީ އައްޔާގެ ދަރިއެކެވެ. ޝާއުލްގެފާނަށް މީކާލް ކިޔާ ދަރިކަނބަލަކު ވެސް ހުއްޓެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ އަދުރިއީލް ކިޔާ މީހަކާއެވެ. އެއީ މަހޫލް އަވަށުގެ ބަރްޒިއްލާގެ ދަރިއެކެވެ. ދާއޫދުގެފާނު މީކާލްއާއި އަދުރިއީލްގެ ފަސްދަރިން ގެންނަވައިފިއެވެ. މި ހަތް މީހުން ދާއޫދުގެފާނު ޖިބްއޫނީންނާ ހަވާލު ކުރައްވައިފިއެވެ. ޖިބްއޫނީންގެ މީހުން އެމީހުން ގޮވައިގެން ޖިބްއަތު ފަރުބަދަ މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން މާތްރަސްކަލާނގެ ކުރިފުޅުމަތީ ދަންޖައްސާލެވިއްޖެއެވެ. އެ ހަތްމީހުން އެއްފަހަރާ މަރުވެއްޖެއެވެ. މިކަންތައް ހިނގީ ބަހާރުމޫސުމުގައި ބާރުލީ ގޮވާން ކަނޑާ ދުވަސްވަރު އައިތަނާ ކާރީގައެވެ. އައްޔާގެ ދަރިފުޅު ރިސްފާ އައިސް ކިއްތާނީ ފޮތިގަނޑެއް ގަލެއްގެ މަތީ އަޅައިފިއެވެ. މި ފޮތިގަނޑު އެ ގާމަތީ ބަހާރު މޫސުން ނިމި ވިއްސާރަ މޫސުން އަންނަންދެން އޮވެއެވެ. ރިސްފާ ރެއާއި ދުވާލު އެތަނުގައި އެގަބުރުތަކަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާ ދުވާލު އެތަނަށް އަންނަ ބާޒާއި ކާޅުތައް ފައްސައެވެ. ރޭނގަޑު އަންނަ ވަލު ޖަނަވާރުތައް ފައްސައެވެ. މީހުން އައިސް ދާއޫދުގެފާނުގެ އަރިހުގައި ޝާއުލްގެފާނުގެ ޖާރިޔާ މިކުރާ ކަންތަކުގެ ވާހަކަ ދަންނަވައިފިއެވެ. ދެން ދާއޫދުގެފާނު ޔާބީޝްގެ ޖިލްޢާދުގެ މީހުންގެ އަތުން ޝާއުލްގެފާނާއި ޔޫނަތައިންގެ ކަށިތައް ގެނަސްފިއެވެ. (އެހެނީ ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވުމުން އެކަށިތައް ގެންދިޔައީ އެމީހުން ވީމައެވެ. ފިލިސްޠީނީން އެ ދެބޭކަލުން އެލުވާފައި ބެހެއްޓީ ބައިތު ޝާންގެ މައިދާނުގައެވެ. އެކަމަކު ޔާބީޝްގެ ޖިލްޢާދުގެ މީހުން ސިއްރުން އެތަނަށް ގޮސް އެދެބޭކަލުންގެ ކަށިތައް ގެންދިޔައީއެވެ.) ދެން ދާއޫދުގެފާނު ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިންގެ ކަށިތަކާއި އަދި ޖިބުއޫނީން ދަންޖެއްސި ހަތް މީހުންގެ ކަށިތައްވެސް ގެންނަވައިފިއެވެ. ދާއޫދުގެފާނުގެ އަމުރުފުޅަށް އެމީހުން އެ ކަށިތައް ބަންޔާމީންގެ ޞައިލަޣަ އަވަށުގައި ވަޅުލައިފިއެވެ. އެއީ ޝާއުލްގެފާނުގެ ބައްޕަ ޤައިޝް ވަޅުލާފައި އޮތް ގަބުރުސްތާނު ވެސް މެއެވެ. އެއަށްފަހު މާތްﷲ އެއެންމެންގެ ދުޢާ އައްސަވާ ވޮޑިގެން އެމީހުންނަށް އައިސްފައިވާ ތަދުމަޑުކަން ނިމުމަކަށް ގެންނެވިއެވެ. ފިލިސްޠީނުން އިސްރާއީލާ އަނެއްކާވެސް ހަނގުރާމައަށް އައިފަހަރު ދާއޫދުގެފާނު ވެސް އެމީހުންނާ ހަނގުރާމަ ކުރައްވަން ނުކުމެވަޑައިގަތެވެ. އެކަމަކު ދާއޫދުގެފާނު ވަރަށް ވަރުބަލިފުޅު ވެއްޖެއެވެ. އެވަގުތު ޔަޝްބީ ބަނޫބު ބޮޑު ލޮންސިއެއް ހިފާފައި ހުއްޓެވެ. އެލޮންސީގެ ކަފުލޯ ތުނޑުގެ ބަރުދަނުގައި ގާތްގަނޑަކަށް ތިން ކިލޯ ބައި ހުއްޓެވެ. އޭނާއަކީ ވަރަށް ބިޔަ މީހެކެވެ. އޭނާގެ އަތުގައި އާ ކަނޑިއެއް ވެސް އޮތެވެ. މީނާ ދާއޫދުގެފާނު އަވަހާރަކޮށްލަން އުޅެގެންފިއެވެ. އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.“ އޭގެ ފަހުން އަނެއްކާވެސް ފިލިސްޠީނުން އައިސް ޖޫބުގައި ހަނގުރާމަކުރަން ފަށައިފިއެވެ. އެހިނދު ހޫޝާއީންގެ ސިބްކާއީ ގޮސް އެމީހުންގެ ތެރޭގައި ހުރި ސާފު ކިޔާ އާޖުބާގައިގެ މީހާ މަރާލައިފިއެވެ. ޖޫބުގައި އަނެއްފަހަރު ފިލިސްޠީނުންނާ އިދިކޮޅަށް އަނެއް ހަނގުރާމަ ކުރެވުނެވެ. އެހަނގުރާމައިގައި ޔާއީރުގެ ދަރި އަލްހާނާ، ބައިތުލަޙަމުން އައިސް ހުރި ޖައްތީންގެ ޖުލިޔާތުގެ ކޮއްކޮ މަރާލިއެވެ. އޭރު އެ ބިޔަ މީހާ ހުރީ އަތްގުޅިނުކާވަރުގެ ކުނބެއް ހާ ފަލަ ލޮންސިއެއް ވެސް ހިފާފައެވެ. ޖައްތުގައި އަދި އެހެން ހަނގުރާމައެއްވެސް ހިނގިއެވެ. އެތަނުގައިވެސް އޭގެ އާޖުބާގައިގެ މީހަކު ހުއްޓެވެ. އެމީހާގެ ކޮންމެ އަތްތިލައެއްގައި އާއި ކޮންމެ ފައިތިލައެއްގައި ހަ އިނގިލި ހުއްޓެވެ. މި މީހާ އިސްރާއީލީންނަށް ޖެއްސުންކޮށް މަލާމާތް ކުރަމުން ދިޔައެވެ. އެކަމަކު ޔޫނާޘާން މިމީހާ މަރާލިއެވެ. މި ޔޫނާޘާން އަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. މި ބުނެވުނު ބިޔަ ހަތަރު މީހުންނަކީވެސް ޖައްތުގެ އާޖުބާގައިގެ ދަރިކޮޅުގެ މީހުންނެވެ. މި އެންމެންވެސް ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުންގެ އަތްދަށުވެ މަރުވީއެވެ.