2 ޞަމޫއީލް. 20. އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.“ އެހެންވެ ހުރިހާ އިސްރާއީލީން ދާއޫދުގެފާނު ދޫކޮށް ޝަބަޢައާ އެކުލަވައިފިއެވެ. އެކަމަކު ޔަހޫޛާގެ މީހުން ދާއޫދުގެފާނާއެކު ކޯރު އައްސޭރިން ފެށިގެން ޖެރޫސަލަމާ ހަމަޔަށް އަތުވެއްޖެއެވެ. ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ. ރަސްގެފާނު ޢަމާސާގެ ގާތު ވިދާޅުވިއެވެ. ”ޔަހޫޛާގެ މީހުންތައް ތިން ދުވަސްތެރޭ އަހަރެންގެ ގާތަށް ގެނޭ!“ ދެން ޢަމާސާ ޔަހޫޛާއިން ބަލައި ހިނގައްޖެއެވެ. އެކަމަކު އޭނާއަކަށް ރަސްގެފާނު ވިދާޅުވި ދުވަހަކަށް ނާދެވުނެވެ. ދާއޫދުގެފާނު އަބީޝާއިގެ ގާތު ވިދާޅުވިއެވެ. ”އަބްޝާލޫމަށް ވުރެން ބިކްރީގެ ދަރި ޝަބަޢަގެ ނުރައްކާ އަހަރެމެންނަށް މާ ބޮޑު. އަހަރެމެންގެ ސިފައިން ގޮވައިގެން ގޮސް ޝަބަޢަގެ ކަންތައް ނިންމާލާ. އެހެންނޫނީ އޭނާ ގޮސް ކިއްލާއެއްގެ ފާރުން އެތެރެވެދާނެ. އެކަލޭގެ ރައްކާތެރި ރަށަކަށް ވަދެއްޖެއްޔާ އަތުލައެއް ނުގަނެވޭނެ.“ އެހެންވެ ޔުއާބުއާއި އަބީޝާއި ޖެރޫސަލަމުން ނުކުމެ ޝަބަޢަ އަތުލައިގަތުމަށް ހިނގައިގެންފިއެވެ. ޔުއާބު އޭނާގެ މީހުންނާއި ޝާހީ ހަށިފާރަވެރިންނާއި އަދި އެނޫންވެސް ހަނގުރާމަވެރިން ގެންދިޔައެވެ. ޔުއާބުގެ ފައުޖު ޖިބްޢޫނުގެ ބޮޑުހިލައާ ހަމަޔަށް އަތުވެއްޖެއެވެ. އެތަނުން ޢަމާސާ އެމީހުންނާ ބައްދަލު ކުރުމަށް ނުކުތެވެ. ޔުއާބު ހުރީ ހަނގުރާމައިގެ ދަހަނާ އަޅާފައެވެ. އޭނާގެ އުނަގަނޑު ކަމަރުގައި އުރައަކަށް ލާފައި ޚަންޖަރެއް އޮތެވެ. އޭނާ ޢަމާސާގެ ގާތަށް ދިޔަ ވަގުތު އޭނާ އެޚަންޖަރު އަތަށް ވައްޓާލައިފިއެވެ. ޔުއާބު ޢަމާސާކުރެން އެއްސެވެ. ”ބޭބޭ، ހާލު ކިހިނެއްތަ؟“ ދެން ޔުއާބު އޭނާގެ ކަނާތުން ޢަމާސާގެ ތުނބުޅީގައި ހިފައި ބޮސްދޭން އުޅޭ ގޮތް ދައްކާލިއެވެ. އެވަގުތު ޢަމާސާއަކަށް ޔުއާބުގެ އަނެއް އަތުގައި އޮތް ޚަންޖަރެއް ނުފެނެއެވެ. ދެން ޔުއާބު ޢަމާސާގެ ބަނޑު ފަޅާލައިފިއެވެ. އެއާއެކު ޢަމާސާގެ ގޮހޮރު ބޭރަށް ނުކުމެއްޖެއެވެ. ޔުއާބު ދެ އެތިފަހަރެއް ނުޖަހަނީސް ޢަމާސާ މަރުވެގެން ވެއްޓިއްޖެއެވެ. ދެން ޔުއާބުއާއި އޭނާގެ ކޮއްކޮ އަބީޝާއިއާ ދެމީހުން ޝަބަޢަ ހޯދަން ނުކުމެއްޖެއެވެ. އޭރު ޔުއާބުގެ ހަނގުރާމަވެރިއަކު ޢަމާސާގެ ހަށިގަނޑުގެ ކާރީގައި ހުއްޓެވެ. ޒުވާން ފަހުލަވާނަކު ބުންޏެވެ. ”ކަލޭމެންގެ ތެރޭން ޔުއާބުއާއި ދާއޫދުގެފާނާއެކުގައި ތިބި ބަޔަކުނަމަ ޔުއާބުގެ ފަހަތަށް އާދޭ.“ އޭރު ޢަމާސާގެ މަސްގަނޑު މަގުގެ އެއްފަރާތުގައި ލެއިން ތަތްތެޅިފައި އޮތެވެ. ކޮންމެ މީހަކުވެސް އައިސް ހުއްޓެނީ އެ މަސްގަނޑު ބެލުމަށެވެ. އެހެންވެ ސިފައިންގެމީހާ އެ މަސްގަނޑު ނަގައި ހުސްބިމުގެ އެއްކައިރިއަށް ލާފައި މަތިން ފޮތިގަނޑެއް އަޅައިފިއެވެ. ޢަމާސާގެ ހަށިގަނޑު އެއްފަރާތް ކޮށްލުމުން މީހުން އައިސް ޔުއާބުއާއި އެކު ޝަބަޢަ ހޯދަން ހިނގައިގަތެވެ. އޭރު ޝަބަޢަ އިސްރާއީލުގެ ހުރިހާ ގަބީލާތަކަކަށް ހިނގަމުން އައިސް ބައިތު މައަކާގެ އަބަލް އަވަށަށް ވަދެއްޖެއެވެ. އަދި ލަޝްކަރުގެ އެންމެ ވަރުގަދަ މީހުން އޭނާގެފަހަތުން އަތުވެއްޖެއެވެ. ޔުއާބްއާއި އޭނާގެ މީހުން އައިގޮތަށް އައިސް އެ ސަހަރު ވަށާލައިފިއެވެ. ދެން އެމީހުން ސަހަރުގެ ބޮޑުފާރު ވަށައިގެން ވެލިފުނި ޖަހައި ރަށް ޙިސާރުކޮށްލައިފިއެވެ. އަދި ބޮޑުފާރު ތަޅައި ވައްޓާލަން އުޅެން ފަށައިފިއެވެ. އެވަގުތު އެ ސަހަރުގައި އުޅޭ ވިސްނުންތެރި އަންހެނަކު އެތަނަށް އަތުވެއްޖެއެވެ. އޭނާ ގޮވާލައިފިއެވެ. ”ކަލޭމެންގެ ތެރޭން ޔުއާބުއަކީ ކާކުތަ؟ އޭނާގާތު އަޅުގަނޑު އެއްޗެއް ބުނަން ބޭނުން.“ ޔުއާބު އެ އަންހެންމީހާގެ ކުރިމައްޗަށް ނުކުމެއްޖެއެވެ. އަންހެންމީހާ އެއްސެވެ. ”ސާހިބާ ތީތޯ ޔުއާބަކީ؟“ ޔުއާބު ބުންޏެވެ. ”އާނ! ޔުއާބަކީ އަހަރެން.“ އަންހެންމީހާ ބުންޏެވެ. ”ތިހެންވީ އިރު އަޅުގަނޑު މިބުނާ އެއްޗެއް އަޑުއައްސަވާ!“ ޔުއާބު ބުންޏެވެ. ”އަހަރެން މިހިރީ އަޑުއަހަން.“ ދެން އަންހެން މީހާ ބުންޏެވެ. ”އިހުޒަމާނުގައި މީހުން ބުނެ އުޅޭ، ’ލަފައެއް ހޯދަން ވެއްޖެއްޔާ އަބަލްއަށް އައިސް އަހާ އޮޅުންފިލުވާށޭ.‘ އަހަރެން މީ އެ ބުނާ އިސްރާއީލުގެ ސުލްޙަވެރި ވަފާތެރި މީހުންގެ ތެރޭން މީހެއް. ތިބޭކަލުން އައިސް އިސްރާއީލީންގެ މައި ސަހަރު ސުންނާފަތި ކުރަން ތިޔަ އުޅުއްވަނީ ކީއްވެ؟ އަދި މާތްރަސްކަލާނގެ ތަރިކަ ކާލަން ތިއުޅުއްވަނީ ކީއްވެ؟“ ޔުއާބު ބުންޏެވެ. ”އަހަރެމެން މިއައީ މި ސަހަރު ސުންނާފަތި ކުރާކަށެއް ނޫން. އަދި އަމުދުން އެތަކެތި ކާލާކަށެއް ވެސް ނޫން. އަހަރެމެން މިއައީ އަފްރާއީމުގެ ފަރުބަދަމަތީ މީހެއްކަމަށް ވާ ބިކްރީގެ ދަރި ޝަބަޢަ ކިޔާ މީހަކު ރަސްގެފާނާއި ދެކޮޅަށް ނުކުތީމާ އޭނާ ބަލާ. އޭނާ އަހަރެމެންނާ ހަވާލު ކުރަނިކޮށް މި ސަހަރު ދޫކޮށް ހިނގައިދާނަން.“ އަންހެން މީހާ ބުންޏެވެ. ”ތިހެން ވީ އިރު ހެޔޮ. ތިޔަ މީހާގެ ބޯ ފާރު މަތިން ވައްޓާލަ ދޭނަން.“ އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ. ޔުއާބަކީ އިސްރާއީލުގެ ލަޝްކަރުގެ އިސްވެރިޔާ އެވެ. އަދި ޔޫޔާދަޢުގެ ދަރި ބަނާޔާ އަކީ ދާއޫދުގެފާނުގެ ހަށިފާރަވެރިންގެ ވެރިޔާއެވެ. އަދޫރާމް މީހުން ލައްވައި ގަދަފަދަ މަސައްކަތް ކުރުވަން އިސް މީހަކަށް ލައިފިއެވެ. އަޚީލޫދުގެ ދަރި ޔޫޝާފާތު ތާރީޚު ލިޔާ މީހަކަށް ހަމަޖައްސައިފިއެވެ. ޝީވާ ހަމަ ޖެހުނީ ސެކެޓްރީއަކަށެވެ. ސަދޫގާއި އަބީޔާތަރަކީ އިމާމުންނެވެ. އަދި ޔާއިރީގެ ޢީރާ ހަމަޖެއްސީ ދާއޫދުގެފާނުގެ ގަނޑުވަރުގެ އިމާމަކަށެވެ.