2 ޞަމޫއީލް. 18. ދާއޫދުގެފާނުގެ މީހުން ގުނާ އެއްތަން ކުރައްވައިފިއެވެ. އެއީ ސަތޭކަ ސިފައިންގެ ފައުޖުތަކާއި އެއްހާސް ސިފައިންގެ ފައުޖުތަކެވެ. މިއިން ކޮންމެ ފައުޖަކަށް ވެސް އަމުރުކުރާނެ ސަރުދާރުން ލައްވައިފިއެވެ. ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެންވެސް ދާނަން ކަލޭމެންނާއެކު.“ އެކަމަކު އެމީހުން ދެންނެވިއެވެ. ”ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.“ ރަސްގެފާނު އެމީހުންގެ ގާތު ވިދާޅުވިއެވެ. ”ކަލޭމެންނަށް ރަނގަޅުހެން ހީވާގޮތަކަށް އަހަރެން ހަދާފާނަން.“ ދެން ރަސްގެފާނު ރަށްބޭރު ބޮޑު ދޮރޯށި ކާރީގައި މަޑު ކުރައްވައިފިއެވެ. ފައުޖުތައް ސަތޭކައިން ހާހުން ނުކުމެގެން ދާން ފަށައިފިއެވެ. ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ. ދެން ދާއޫދުގެފާނުގެ ފައުޖު މައިދާނަށް ނުކުމެއްޖެއެވެ. އަބްޝާލޫމާއެކު އައި އިސްރާއީލީންނާ ހަނގުރާމަ ކުރެވެމުން ދަނީ އަފްރާއީމުގެ ޖަންގަލީގައެވެ. ދާއޫދުގެފާނުގެ ލަޝްކަރު އިސްރާއީލީން ބަލި ކޮށްލައިފިއެވެ. އެދުވަހު އެމީހުންގެ ވިހިހާސް މީހުން މަރުވިއެވެ. އެދުވަހު ހަނގުރާމަ މުޅި އެ ސަރަހައްދަށް ފެތުރިފައި އޮތެވެ. އެކަމަކު އެދުވަހު ކަނޑިން މަރުވި މީހުންނަށް ވުރެން ގިނައީ ވަލުތެރޭގައި މަރުވި މީހުންނެވެ. ކަންތައްވީ މިހެންނެވެ. ދާއޫދުގެފާނުގެ މީހުން އަންނަތަން އަބްޝާލޫމަށް ފެނުމުން އޭނާ އަވަހަށް ބަޣަލަށް ސަވާރުވެ ފިލައިގެން ދާން އުޅެގެންފިއެވެ. އެކަމަކު ބަޣަލު ގޮސް ބަލޫތު ގަހެއްގެ ދަށުން ދަނިކޮށް ގޮފިގަނޑެއްގައި އަބްޝާލޫމްގެ އިސްތަށިގަނޑު ތާށިވެއްޖެއެވެ. އޭނާ އޮތީ ގޮފިގަނޑުގައި އެލިފައެވެ. މިކަންތައް ހިނގިގޮތުގެ ވާހަކަ މީހަކު ގޮސް ޔުއާބު ގާތު ބުނެފިއެވެ. ”އަހަރެމެން ދެކެފިން އަބްޝާލޫމް ގަހެއްގައި އެލިފައި އޮއްވާ.“ ޔުއާބު އެމީހާ ކުރެން އެއްސެވެ. ”ކަލޭ ކީއްވެތަ އޭނާ މަރާވައްޓާނުލީ؟ އަހަރެން ކަލެއަށް ދިހަ ރިހިފައިސާ ފޮއްޗާއި ބަތަލެއްގެ ފައްޓާއެއް ދޭނަން ކަލޭ އެކަންތައް ކޮށްފައި އައީމާ.“ އެމީހާ ޔުއާބުގެ ގާތުގައި ބުނެއްޕެވެ. ”އޭގެ އެއްހާސް ފޮތި ފައިސާ އަހަރެންގެ އަތަށް ލައިދިނަސް ރަސްގެފާނުގެ ދަރިކަލަކު އަހަރެންގެ އަތުން މަރައެއް ނުލާނަން. އަހަރެން އެހިން އެ ދަރިކަލުންނަށް ގޮތެއް ނުހެދުމަށް ކަލެއާއި އަބީޝާއިއާއި އިއްތާއީއަށް ރަސްގެފާނު އެންގެވި އަޑު. އަހަރެން އޭނާ މަރާލިކަން ރަސްގެފާނަށް އެނގިވަޑައިގެންފިއްޔާ ކަލޭ ދެނަހުރި ކަމަކަށް ވެސް ނަހަދާނެ.“ ޔުއާބު ބުންޏެވެ. ”ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.“ އޭރުވެސް އަބްޝާލޫމް އޮތީ ބަލޫޠު ގަހުގައި އެލިފައެވެ. ދެން ޔުއާބު ގޮސް ތިންލޮންސި އަބްޝާލޫމްގެ މެއަށް ހަރާލިއެވެ. އޭރު ޔުއާބާއެކު ޒުވާން ދިހަ މީހުންތިއްބެވެ. އެއީ އޭނާއަށް ހަތިޔާރު އުފުލައި އަތްގާތްކޮށް ދޭން ތިބޭ ބަޔެކެވެ. އެއެންމެންވެސް އައިސް އަބްޝާލޫމް ވަށާލައި އޭނާ މަރައި ނިންމާލައިފިއެވެ. ދެން ޔުއާބު ތާޅަފިލި ފުމެލުމުން އެމީހުން އިސްރާއީލީންނަށް ހަމަލަ ދިނުން ހުއްޓާލައިފިއެވެ. އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ. އަބްޝާލޫމް ދުނިޔޭގައި ހުރިއިރު އޭނާ ވަނީ ރަސްގެފާނުގެ ވާދީގައި މިހެން ކިޔައި ހިލައެއް ބަހައްޓާފައެވެ. ”މިއީ އަހަރެންގެ ދަރިޔަކު ނެތީމާ އަހަރެންގެ ނަން ދަމަހައްޓަން ބަހައްޓާ ހަނދާނީ ހިލައެއް.“ އަބްޝާލޫމްގެ ހަނދާނީ ހިލައޭ ކިޔާހިލަ މި ލިޔާއިރުވެސް އެބަހުއްޓެވެ. ސަދޫގުގެ ދަރި އަޚީމައަސް ޔުއާބުގެ ގާތު ބުންޏެވެ. ”އަހަރެން ދުވެފައި ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވަންތަ؟ އަހަރެން ރަސްގެފާނަށް ދަންނަވާނީ މިހެން. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފި.“ ޔުއާބު ބުންޏެވެ. ”ނޫން ކޮންމެހެން ކަލޭ މިއަދު ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވާނެ ކަމެއް ނެތް. މިއަދު ނޫން އެހެން ދުވަހެއްގައި ކަލޭ މި ޚަބަރާއިގެން ދިޔައަކަސް ހެޔޮ. މިއަދު މިވަނީ ރަސްގެފާނުގެ ދަރިކަލުން އަވަހާރަވެފައި.“ ދެން ޔުއާބު ކޫޝީ އަޅެއްގެ ގާތު ބުންޏެވެ. ”ކަލޭ ގޮސް ކަލެއަށް ފެނުނު ކަންތަކުގެ ވާހަކަ ރަސްގެފާނަށް ދަންނަވާ!“ ދެން މިމީހާ ޔުއާބަށް ކުރުނީސް ކޮށްފައި ރަސްގެފާނުގެ ގާތަށް ދާން ދުއްވައިގެންފިއެވެ. އެކަމަކު އަޚީމައަސް އަނެއްކާވެސް ޔުއާބަށް އާދޭސް ކުރިއެވެ. ”ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އިތިއޮޕިޔާ އަޅުކަލޭގެ ފަހަތުން އަހަރެންވެސް ދިޔަދީ.“ ޔުއާބު ބުންޏެވެ. ”ކޮއިފުޅާ، ކަލޭ ކީއްވެ އެ ޚަބަރާއިގެން ދާން ތިޔަހާވަރަކުން ތިޔަ އުޅެނީ؟ އެ ޚަބަރު ގެންދިޔައަކަސް ކަލެއަށް ލިބޭނެ އިނާމެއް ނޯންނާނެ.“ އަޚީމައަސް ބުންޏެވެ. ”އެއްޗެއް ނުލިބުނަކަސް ހެޔޮ. އަހަރެން ދިޔަ ދީ.“ ޔުއާބު ބުންޏެވެ. ”ތިހެންވީއިރު ކަލޭ ދޭ ދާއޫދުގެފާނުގެ ގާތަށް!“ ދެން އަޚީމައަސް ޔުރުދުންގެ ވާދީތެރޭން ދުވެފައިގޮސް ކޫޝީ ކަލޭގެއަށް ވުރެން ކުރިއަރައިފިއެވެ. ދާއޫދު ރަސްގެފާނު އޭރުވެސް އިންނެވީ ރަށްބޭރު ބޮޑު ދޮރާށި ދޮށުގައެވެ. ފާރަވެރި ކަލޭގެ ދޮރާށި ފުރާޅު މައްޗަށް އަރައި ބަލާލި އިރު އެކަނި އަންނަ މީހަކު އެކަލޭގެއަށް ފެނިއްޖެއެވެ. ދެން އެކަލޭގެ ގޮސް ދާއޫދުގެފާނަށް އިވިވަޑައިގަންނަވާ ވަރަށް ހަޅޭއްލާފައި މިވާހަކަ ބުނެފިއެވެ. ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”އެކަނި މީހަކު އަންނަންޏާ އެވާނީ ހެޔޮ ޚަބަރައިގެން އަންނަ މީހަކަށް.“ އޭރު އެމީހާ ދުވަމުން އައިސް ރަށާ އަރާ ހަމަ ވަނީއެވެ. އަދި ދެވަނަ މީހަކު އަންނަތަންވެސް ފާރަވެރި ކަލޭގެއަށް ފެނިއްޖެއެވެ. ދެން އެކަލޭގެ ދޮރުވާނުކަލޭގެ ގާތު މިވާހަކަ ބުނެފިއެވެ. ”އެކަނި އަންނަ އެހެން މީހަކުވެސް އެބަ އާދޭ.“ ރަސްގެފާނު ވިދާޅުވިއެވެ. ”ތިވެސް ވާނީ ހެޔޮ ޚަބަރަކާއިގެން އަންނަ މީހަކަށް.“ ދޮރުވާނުކަލޭގެ ދެންނެވިއެވެ. ”އަޅުގަނޑަށް ހީވަނީ ކުރީގައި ހުރެގެން ދުވެފައި މި އަންނަނީ ސަދޫގުގެ ދަރި އަޚީމައަސް ހެން. އޭނާއާ ވަރަށް ވައްތަރު.“ ރަސްގެފާނު ވިދާޅުވިއެވެ. ”އަޚީމައަސްއަކީ ރަނގަޅު މީހެއް. އޭނާ ގެންނާނީ ހެޔޮ ޚަބަރު.“ އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”ހުރިހާ ކަމެއްވެސް ރަނގަޅު.“ ދެން އޭނާ ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ”ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ އަށް ހަމްދު ހުރި. އެކަލާނގެ އަދާވާތްތެރިން ބަލި ކުރައްވައިފި.“ ރަސްގެފާނު އެއްސެވިއެވެ. ”އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟“ އަޚީމައަސް ދެންނެވިއެވެ. ”ޔުއާބު އަޅުގަނޑު ފޮނުވި އިރު ބޮޑު އޮޅުން ބޮޅުން ކަންތަކެއް ހިނގަމުން ދިޔަ. އެކަމަކު އޭގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގޭ.“ ރަސްގެފާނު ވިދާޅުވިއެވެ. ”މިތާ މަޑުކޮށްގެން ހުރޭ.“ ދެން އަޚީމައަސް އެތަނަށް ގޮސް ކޮއްޅަށް ހުރެއްޖެއެވެ. ކޫޝީ އަޅުކަލޭގެ އައިސް ދެންނެވިއެވެ. ”އަޅުގަނޑުގެ ސާހިބު ރަސްގެފާނަށް ދަންނަވަން އޮތް ޚަބަރަކީ މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފިޔޭ.“ ރަސްގެފާނު އަޅުކަލޭގެ ކުރެން އެއްސެވިއެވެ. ”އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟“ އަޅުކަލޭގެ ދެންނެވިއެވެ. ”އަޅުގަނޑު އެދެނީ ކަލޭގެފާނާ ދެކޮޅަށް އަންނަ ކޮންމެ މީހަކަށް އެ ސޮރަށް ވީގޮތް ވުމަށް.“ ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“