2 ޞަމޫއީލް. 16. ދާއޫދުގެފާނު ޒައިތޫނި ފަރުބަދައިގެ ކުންނުން ފައިބައި ވަޑައިގެން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ މަފީބޫޝަތުގެ ޚާދިމު ސީބާއާ ދިމާވެއްޖެއެވެ. އޭނާ އައިސް ހުރީ އަސްދާނު އެޅި ދެ ހިމާރު ވެސް ގޮވައިގެންނެވެ. ހިމާރުތައް ވަނީ ކާބޯތަކެތިން ބަރާކޮށްފައެވެ. އޭނާ ގެނެސްފައި ހުރި ތަކެތީގެ ތެރޭގައި ދުއިސައްތަ ރޮއްޓާއި ހިކިމޭބިސްކަދުރުގެ ސަތޭކަ ކޭކާއި ވައްތީނި ކޭކުގެ ސަތޭކަ ކޭކާއި މޭބިސްކަދުރު ދިޔަ ހަމެއް ހުއްޓެވެ. ދާއޫދު ރަސްގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”ތިޔަ ކީއްކުރަން ގެނައި އެއްޗެއްސެއްތަ؟“ ސީބާ ޖަވާބުގައި ދެންނެވިއެވެ. ”ހިމާރުތައް އެއީ މަނިކުފާނާއި އާއިލާގެ މީހުން ސަވާރުވުމަށް. ރޮއްޓާއި ކޭކުތައް އެއީ ކަލޭގެފާނުގެ އަރިހު ބޭކަލުން ފަރީކުޅުއްވުމަށް. މޭބިސްކަދުރު ދިޔަ އެއީ ހަނަފަސް ސަހަރާތެރޭގައި މީހަކު ވަރުބަލިވެއްޖެއްޔާ އެމީހަކަށް ދިނުމަށް.“ ރަސްގެފާނު އެއްސެވިއެވެ. ”މަފީބޫޝަތު ކޮބައިތަ؟“ ސީބާ ދެންނެވިއެވެ. ”މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.“ ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.“ ސީބާ ދެންނެވިއެވެ. ”އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.“ ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ. ދެން މީނާ ރަސްގެފާނާއި އަރިހުބޭކަލުންނާ ދިމާލަށް ގާއުކަން ފަށައިފިއެވެ. އޭރު ދާއޫދުގެފާނުގެ ހަށިފާރަވެރިންނާއި ސިފައިން އެކަލޭގެފާނު ދެފަރާތުގައި ތިއްބެވެ. ޝިމްޢީ ދާއޫދުގެފާނަށް ބަދު ބަސްތައް ގޮވަމުން ދިޔައެވެ. އޭނާ ބުންޏެވެ. ”މިރަށުން ފައިބައިގެން ދޭ! ދުރަށްދޭ! ކަލޭ ތިޔައީ ނުބައި މީހެއް. ކަލޭ ތީ މީހުން މަރާމީހެއް. މާތްރަސްކަލާނގެ ކަލެއަށް މިއަދު ތި ދެއްވަނީ އެކަމުގެ ސަޒާ. ކަލޭ ތީ ޝާއުލްގެފާނުގެ އާއިލާގެ ދުވަސް ދުއްވާލި މީހާ. އަދި ކަލޭ އެކަލޭގެފާނުގެ ރަސްކަންވެސް ފޭރިގަތް. މިހާރު ކަލެއަށް ތި ފެންނަނީ އެކަމުގެ ހިތި. މާތްރަސްކަލާނގެ ކަލޭގެ ރަސްކަން ކަލޭގެ ދަރި އަބްޝާލޫމަށް އެ ދެއްވީ ކަލޭ ތިއީ މީހުން މަރާ މީހެއް ވީމާ.“ ސަރޫވިޔަތުގެ ދަރި އަބީޝާއި ރަސްގެފާނަށް ދެންނެވިއެވެ. ”މިހިރަ މުޅަ ކުއްތާ ކަލޭގެފާނާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވިޔަ ދެއްވަނީ ކީއްވެތޯ؟ އަޅުގަނޑު ފޮނުއްވާ. ގޮސް އެކަލޭގެ ބޮލާ ކަނދުރާ ވަކިކޮށްލާނަން.“ ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއާއި ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ ބެހޭ އެއްވެސް ކަމެއް ނެތް. ޝިމްޢީ އޭނާ އެގޮވާ އެއްޗެއް ގޮވުނަ ދީ. އެއީ މާތްރަސްކަލާނގެ އޭނާއަށް އަންގަވައިގެން ކުރާ ކަމެއް ކަމަށްވަންޏާ، ކާކަށްތަ ބުނެވޭނީ ’އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެހޭ؟‘“ ދާއޫދުގެފާނު އަބީޝާއި އާއި އެކަލޭގެފާނުގެ އަރިހުބޭފުޅުންނަށް އެންގެވިއެވެ. ”ނިކަން ބަލާބަލަ، އަހަރެން މަރަން ނުކުމެ އެހެރީ އަހަރެންގެ އުފަން ދަރި. މިމީހާއަކީ ބަންޔާމީންގެ އާއިލާގެ މީހެއް. އެހެންވީއިރު އަހަރެން މަރާލަން އުޅެން އެންމެ ލާއިގު މީހަކީ މީނާއެއް ނޫންތަ؟ އޭނާޔާ އަޅާ ނުލާ. އަހަންނާ ދިމާލަށް އޭނާ ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލާ. އަހަންނަށް އެއްޗެހި ގޮވަން އޭނާއަށް އެންގެވީ މާތްރަސްކަލާނގެ. ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.“ އެހެންވެ ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުން ވަޑައިގަންނެވި މަގުން ކުރިއަށް ވަޑައިގެންފިއެވެ. ޝިމްޢީ ފަރުބަދައިގެ އައްސޭރި ފަށުގައި ހުރެގެން އެ ބޭކަލުންނާ ދިމާލަށް ގާއުކަމުން ވެލިއުކަމުން ހަޑިހުތުރު އެއްޗެހި ގޮވަމުން އައެވެ. އޭރު ދާއޫދުގެފާނާއި އެކު އައި އެންމެންވެސް އުރުދުން ކޯރާ ހަމަޔަށް އަތުވެއްޖެއެވެ. އެއެންމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންވެ އެމީހުން އަރާމު ކޮށް ތާޒާވެލުމަށް އެތާނގައި މަޑުކޮށްފިއެވެ. އަބްޝާލޫމްއާއި އަޚީތޫފަލާއި އިސްރާއީލުގެ އެންމެން ޖެރޫސަލަމަށް އަތުވެއްޖެއެވެ. ދާއޫދުގެފާނުގެ ރަޙުމަތްތެރި އަރުކީންގެ ހޫޝާއީ އަބްޝާލޫމްގެ ގާތަށް އަތުވެއްޖެއެވެ. އޭނާ އަބްޝާލޫމްގާތު ބުންޏެވެ. ”ރަސްގެފާނަށް ދިގު އުމުރުފުޅެއް! ރަސްގެފާނުގެ އުމުރުފުޅު ދަންމަވާށި!“ އަބްޝާލޫމް ބުންޏެވެ. ”ކަލޭގެ ކިބައިގައި ކަލޭގެ ރަޙުމަތްތެރިޔާއަށް ވަފާތެރިކަމެއް ނެތީތަ؟ ކަލޭ އެމީހުންނާއެކު ނުދިޔައީ ކީއްވެތަ؟“ ހޫޝާއީ ބުންޏެވެ. ”އަޅުގަނޑު ޚިދުމަތް ކުރާނީ މާތްރަސްކަލާނގެ އޭރަކު ހޮއްވަވާފައިވާ ވެރިޔަކާ އެކު. އިސްރާއީލުގެ މީހުން ތިޔަވަނީ ކަލޭގެފާނު ހޮވާފައި. އެހެންވީ އިރު އަޅުގަނޑުވެސް ހުންނާނީ ކަލޭގެފާނާއެކުގައި. އަޅުގަނޑު މީގެ ކުރީގައި ހުރީ ކަލޭގެފާނުގެ ބައްޕާފުޅުގެ ޚިދުމަތުގައި. އެހެންނަމަވެސް މިހާރު އަޅުގަނޑު އައިސް މިހިރީ އެކަލޭގެފާނުގެ ދަރިފުޅަށް ޚިދުމަތް ކުރުމަށް.“ އަބްޝާލޫމް އަޚީތޫފަލު ކުރެން އެއްސެވެ. ”އަހަރެން ދެން ކުރަންވީ ކީއްތަ؟ ކޮބާތަ ކަލޭގެ ލަފަޔަކީ؟“ އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުންޏެވެ. ”ކަލޭގެފާނުގެ ބައްޕާފުޅު ވަޑައިގަތީ މި ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ޖާރިޔާއިންތަކެއް ބައިތިއްބައިފައި. އެމީހުންނާއެކު ކަލޭގެފާނު އެއްދާން ކުރައްވާ! އޭރުން އިސްރާއީލުގެ އެންމެންނަށް ކަލޭގެފާނު ކަލޭގެފާނުގެ ބައްޕާފުޅުގެ އަގުވައްޓާލައިފިކަން އެނގިގެން ދާނެ. އޭރުން ކަލޭގެފާނުގެ ބާރުފުޅު ގަދަވެއްޖެކަން އެނގި އެމީހުންނަށް ހިތްވަރު ލިބޭނެ.“ އެހެންވެ އެމީހުން ގަނޑުވަރުގެ މަތީބައިގެ ހާމަ ތަނެއްގައި ފޭލިގެއެއް ޖަހައިފިއެވެ. ދެން އަބްޝާލޫމް އެތަނުގައި އޭނާގެ ބައްޕާފުޅުގެ ޖާރިޔާންނާ އެކު ޖިންސީ ގުޅުން ހިންގައިފިއެވެ. މިކަންތައް އޭނާ ކުރިއިރު އިސްރާއީލުގެ އެންމެން އެތަން ބަލަން ތިއްބެވެ. އަބްޝާލޫމް ހީކުރާ ގޮތުގައި އަޚީތޫފަލު ދޭ މަޝްވަރާއަކީ ވަރަށް ރަނގަޅު އަދި ވިސްނުންތެރި މަޝްވަރާއެކެވެ. ދާއޫދުގެފާނާއި އަބްޝާލޫމްގެ ގާތުގައި އޭނާގެ މަޝްވަރާތަކަކީ މީސްތަކުންނަށް ﷲގެ އަންގަވާ އެންގެވުމެއް ފަދަ މަޝްވަރާތަކެވެ.