2 ޞަމޫއީލް. 15. ދުވަސްކޮޅެއް ފަހުން އަބްޝާލޫމް އަސްގާޑިޔަލެއް ހޯދައިފިއެވެ. އޭނާ އެ ގާޑިޔަލުގައި ދާއިރު ކުރިމަތީގައި ފަންސާސް މީހުން ދުވެފައި ދެއެވެ. ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލްގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ. ދެން އަބްޝާލޫމް އެމީހެއްގެ ގާތު ބުނެފާނެއެވެ. ”ކަލޭ ހުށަހަޅަން ތިޔަ އައީ ރަނގަޅު މަސްއަލައެއް. އެކަމަކު ރަސްގެފާނާ ހަމަޔަށް ތިޔަ ކަންތައް ގެންދާނެ މީހަކު ނުހުންނާނެ.“ އަބްޝާލޫމް އަދި މިހެންވެސް ބުނެއެވެ. ”އަހަރެން މި ޤައުމުގެ ފަނޑިޔާރެއް ނަމަ ކިހާ ރަނގަޅު! އޭރުން އަހަރެންގެ ގާތަށް އަންނަ އެންމެންގެ މަސްއަލަތައް ހައްލު ކޮށްދީ އެމީހުންގެ މައްޗަށް އިންސާފު ގާއިމުކޮށްދޭނަން.“ އަބްޝާލޫމްގެ ކައިރިއަށް މީހަކު ގުދުވެ އަދަބު އަދާ ކުރަން ފަށައިފިނަމަ އަބްޝާލޫމް އައިސް އެމީހެއްގެ މާގާތް މީހެއްގެ ގޮތް ދައްކައި އަތުގައި ހިފައި ގާތަށް ލަފައި ބޮސްދީ ހަދައެވެ. އަބްޝާލޫމް ދާއޫދުގެފާނުގެ ފައިންޕުޅު ދެކި ކަންކަން ހުށަހަޅަން އަންނަ ކޮންމެ އިސްރާއީލީންގެ މީހަކާމެދުވެސް މިގޮތަށް ކަންތައް ބަހައްޓައެވެ. މިގޮތުގެ މަތިން އިސްރާއީލީންގެ އެންމެންގެ ރުހުން އޭނާ އަތުލައިފިއެވެ. މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ. އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.‘“ ރަސްގެފާނު ވިދާޅުވިއެވެ. ”ސަލާމަތްކަމާއި ރައްކާތެރި ކަމާއެކު ދޭ!“ ދެން އަބްޝާލޫމް ޙަބްރޫނަށް ހިނގައްޖެއެވެ. އޭރު އޭނާ ވަނީ އިސްރާއީލީންގެ ހުރިހާ ގަބީލާއަކަށް ޖާސޫސުން ފޮނުވައި މީސްތަކުންގެ ގާތު މިހެން ކިޔަން އަންގާފައެވެ. ”ދުންމާރީގެ އަޑު އިވޭ އިރަށް ކަލޭމެން ބުނަންވާނެ، އަބްޝާލޫމް ޙަބްރޫންގައި ރަސްކަލަކަށް ވެއްޖެ.“ އަބްޝާލޫމް އޭނާއާއެކު ދުއިސައްތަ މީހުންނަށް ދައުވަތު ދީގެން ގެންދިޔައެވެ. އެމީހުންނަކީ ޖެރޫސަލަމުން އޭނާއާއެކު ނުކުތް މީހުންނެވެ. އެކަމަކު މިކަންތައް މިގޮތަށް ރޭވިފައި އޮތްކަމެއް އެމީހުންނަކަށް ނޭނގެއެވެ. އަޚީތޫފަލު އަކީ ޖީލޫއިން އައިސް ހުރި ދާއޫދުގެފާނުގެ މުޝީރެކެވެ. އަބްޝާލޫމް ޤުރުބާނީ ވެދުން ކުރަން ގޮސް އުޅެމުން އަޚީތޫފުލަށް އެރަށަށް އައުމަށް އެންގިއެވެ. މި ގޮތުގެ މަތިން ދާއޫދުގެފާނާ ދެކޮޅަށް އަބްޝާލޫމްގެ ރޭވުން ވަރުގަދަވަމުން ދިޔައެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ. މީހަކު އައިސް ދާއޫދުގެފާނަށް ދަންނަވައްޕެވެ. ”އަބްޝާލޫމް އިސްރާއީލުގެ މީހުންގެ ހިތް އަތުލައިފި.“ ދާއޫދުގެފާނު އެކަލޭގެފާނުގެ އަރިހު ބޭކަލުން އެއްކުރައްވައި ވިދާޅުވިއެވެ. ”ޖެރޫސަލަމުގައި ތިބި އެބައެއްގެ މީހުންނާއެކު އަހަރެމެން މިރަށުން ބޭރުވާން ޖެހިއްޖެ. އަހަރެމެން މިރަށުގައި ތިބެއްޖެއްޔާ އަބްޝާލޫމް އައިސް އަހަރެމެން އެންމެންގެ ދުވަސް ދުއްވާލާނެ. އޭނާގެ އަތްދަށު ވުމުގެ ކުރީގައި އަހަރެމެން އެންމެން މިތަނުން އަވަހަށް ދާންހިނގާ. އެހެންނޫނީ އޭނާ އައިސް އަހަރެމެން ބަލިކޮށް ޖެރޫސަލަމުގެ އާންމުން ވެސް މަރާލާފާނެ.“ ރަސްގެފާނުގެ އަރިހުބޭކަލުން ދަންނަވައިފިއެވެ. ”ކަލޭގެފާނު ވިދާޅުވާ ގޮތެއް އަޅުގަނޑުމެން ހަދާނަން.“ ދާއޫދުގެފާނުގެ ގަނޑުވަރުގެ އެންމެން ގޮވައިގެން ނުކުމެ ވަޑައިގަތީ ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ދިހަ ޖާރިޔާއިން ބައިތިއްބަވާފައެވެ. ރަސްގެފާނުގެ ހުރިހާ އެންމެންނާ އެކު ނުކުމެވަޑައިގެން ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކުރައްވައިފިއެވެ. އެކަލޭގެފާނާ އެކުގައި ހުރިހާ ޚާދިމުން އައެވެ. އަދި އެކަލޭގެފާނާއެކު ޖައްތުން އައި ހަސަތޭކަ މީހުންވެސް އެކަލޭގެފާނުގެ ހަށިފާރަވެރިންނާއެކު ކުރިއަށް އަރައިގެން އައެވެ. ރަސްގެފާނު ޖައްތުގެ އިއްތާއީ ގާތު ވިދާޅުވިއެވެ. ”ކަލޭ އަހަރެމެންނާއެކު ދަނީ ކީއްކުރަން؟ ކަލޭ އާ ރަސްގެފާނަށް ޚިދުމަތް ކޮށް ދޭން އެތާ މަޑު ކޮށްލަންވީނު؟ ކަލޭ ތީ ބީރައްޓެހި ޤައުމެއްގެ މީހެއްނު؟ މިއީ ކަލޭގެ ރަށެއްވެސް ނޫނެއްނު؟ އެހެންނޫނަސް ކަލޭ އަހަރެންގެ ގާތަށް އައީވެސް އިހަކަށް ދުވަހު. ކަލޭ އަހަންނާއެކު އެއްތަނުން އަނެއްތަނަށް ދާންވީ ކީއްކުރަންތަ؟ އަހަރެން ދާނެ ތަނެއް އަހަންނަށް ވެސް އެނގެނީއެއް ނޫން. އެހެން ހަދާނެކަމެއްނެތް. ކަލޭގެ ރަށުމީހުން ގޮވައިގެން އެނބުރި ރަށަށް ދޭ. ކަލެއަށް ރަނގަޅު ހެޔޮގޮތްތައް މެދުވެރިވޭތޯ އަހަރެން ދުޢާ ކުރާނަން.“ އެކަމަކު އިއްތާއީ ރަސްގެފާނަށް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ވޮޑިގެންވާހައި ހިނދަކު ކަލޭގެފާނު ދުނިޔޭގައި ހުރިހާތައް ދުވަހު އަޅުގަނޑު ހުންނާނީ ކަލޭގެފާނާއެކު. އަޅުގަނޑު ދުނިޔޭގައި ހުއްޓަސް އަދި މަރުވިޔަސް.“ ދާއޫދުގެފާނު އިއްތާއީއަށް ވިދާޅުވިއެވެ. ”ތިހެންވީއިރު އަހަރެމެންނާއެކު އާދޭ!“ އެހެންވެ ޖައްތުގެ އިއްތާއީ އާއި އޭނާގެ އެންމެންނާއި ދަރިން ކުރިޔަށް ހިނގައިގަތެވެ. ދާއޫދުގެފާނުގެ ފަހަތްޕުޅުން އެ އެންމެން ދިޔައީ ކިދުރޯން ވާދީ ހުރަސްކޮށް ހަނަފަސް ސަހަރާއާ ދިމާލަށެވެ. މިތަން ބަލަން ތިބި އެންމެން ގަދަ އަޑުން ރޮމުން ދިޔައެވެ. ސަދޫގުއާއި އަބިޔާތަރުއާއި އެމީހުންނާ އެކުގައި ތިބި ލާވީންގެ މީހުން ﷲގެ ޢަހުދުނާމާ ފޮށިކޮޅު ގެންދަން ނަގައި ބިންމަތީ ބަހައްޓައިފިއެވެ. އެއެންމެން ޖެރޫސަލަމުން ނުކުމެގެން ދަންދެން އެފޮށިކޮޅު ހުރީ އެތަނުގައެވެ. ދާއޫދު ރަސްގެފާނު ސަދޫގުގެ ގާތު ވިދާޅުވިއެވެ. ”ﷲގެ ފޮށިކޮޅު ޖެރޫސަލަމަށް އަނބުރާ ގެންދޭ. މާތްރަސްކަލާނގެ އަހަރެންނާ ރުހިވޮޑިގެންވާނަމަ އަހަރެން އަނބުރާ ޖެރޫސަލަމަށް ގެންދަވާނެ. އަދި ޖެރޫސަލަމުގައި އެކަލާނގެ މަޤާމުފުޅު ދައްކަވާނެ. މާތްރަސްކަލާނގެ އަހަންނާ މެދު ރުހިވޮޑިގެން ނުވާނަމަ އެކަލާނގެ އަހަންނާ މެދު ނިންމަވާނެ ގޮތެއް ނިންމަވާފާށި.“ ރަސްގެފާނު އިމާމު ސަދޫގު ކުރެން އެއްސެވިއެވެ. ”ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ ދަރި އަޚީމައަސްއާއި އަބިޔާތަރުގެ ދަރި ޔޫނަތައިންއާއެކު ސަލާމަތުން ސަހަރު ތެރެއަށް ދޭ. އަހަރެމެންގެ މީހުން އެހިސާބުގައި އޮންނަ ކޯރު ހުރަސްކުރަން އޮންނަ ތިލަގަނޑުގެ ކައިރީގައި ކަލޭމެންގެ ޚަބަރެއް ވަންދެން ތިބޭނަން. ކަލޭމެންގެ ޚަބަރެއް ނުވަނީސް އަހަރެމެން އެހެންތަނަކަށް ނުދާނަން.“ އެހެންވެ ސާދޫގާއި އަބިޔާތަރު ﷲގެ ފޮށިކޮޅު ހިފައިގެން އެނބުރި ޖެރޫސަލަމަށް ގޮސް އެތާ ތިބެއްޖެއެވެ. ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެންވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެންވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ. އޭގެތެރޭން މީހަކު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޚީތުފުލަކީވެސް އަބްޝާލޫމް އާ ގުޅިގެން މިކަންތައް ރާވާ ހިންގާ އެކަކު.“ ދެން ދާއޫދުގެފާނު ދުޢާ ދެންނެވިއެވެ. ”މާތްރަސްކަލާނކޯ! މިއަޅާ އިނބަރަސްކަލާނގެއަށް ދަންނަވަން. އަޚީތޫފަލުގެ ރޭވުން ބޭކާރު ކުރައްވާފާހުށި!“ ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު ﷲއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ. ދާއޫދުގެފާނު ހޫޝާއީ ކުރެން އެއްސެވިއެވެ. ”ކަލޭ އަހަންނާ އެކުގައި ދާނަމަ އެކަން ވާނީ އަހަރެމެންނަށް އުފުލަންޖެހޭ ބުރަޔަކަށް. ކަލޭ ޖެރޫސަލަމަށް ގޮސް އަޚީތޫފަލުގެ މަޝްވަރާތައް ބޭކާރު ކޮށްލާ. އަބްޝާލޫމްގެ ގާތު ބުނޭ. ’ރަސްގެފާނުވޭ! ތިމަން މީ ކަލޭގެފާނުގެ ބައްޕަގެ ޚާދިމަކީމޭ. ތިމަން މިއައީ ކަލޭގެފާނުގެ ޚިދުމަތުގައި ހުރުމަށޭ.‘ ސަދޫގުއާއި އަބިޔާތަރު އިމާމު ކަލެއާ އެކުގައި ތިބޭނެ. ގަނޑުވަރުތެރޭން ކަލެއަށް އިވުނު ވާހަކައެއް ވިއްޔާ އެމީހުންގެ ގާތު ބުނޭ. އަޚީމައަސް އާއި ޔޫނަތައިން އެމީހުންގެ ތެރޭގާ ތިބޭނެ. ކަލެއަށް އިވޭ ހުރިހާ އަޑެއް އެމީހުން މެދުވެރިކޮށް އަހަރެންނަށް އިއްވަމުން ގެންދާތި.“ ދެން ދާއޫދުގެފާނުގެ ރަޙުމަތްތެރި ހޫޝާއީ ޖެރޫސަލަމަށް ހިނގައްޖެއެވެ. އޭރު އަބްޝާލޫމް ވެސް ޖެރޫސަލަމަށް އަތުވެއްޖެއެވެ.