2 ޞަމޫއީލް. 14. ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ. އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުންދާތި. ރަސްގެފާނުގެ އަރިހަށް ގޮސް މިބަސްތައް މިހެން ބުނޭ.“ ދެން ޔުއާބު ދަންނަވަން ބޭނުންވި ބަސްތައް އެއަންހެނާގެ އަނގަޔަށް އަޅައިދީފިއެވެ. ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއަށް ދިމާވެގެން ތިޔަ އުޅެނީ ކޮން މަސްއަލައެއްތަ؟“ އަންހެންމީހާ ދެންނެވިއެވެ. ”އަޅުގަނޑު މީ ހުވަފަތް އަންހެނަކީން. ފިރިމަރުވެފައި ހުރި ނިކަމެއްޗަކިން. ކަލޭގެފާނުގެ ޚާދިމު ނިކަމެތި އަޅުގަނޑުގެ ތިބީ ދެކުދިން. އެދެކުދިން ހުސްބިމުގައި އެކަނި ތިބެގެން ތަޅާފޮޅަމުން ދިޔަ. އެކުދިން ދުރުކުރާނެ މީހަކު ނެތް. އެހެން އުޅެނިކޮށް އެއްކުއްޖަކު އަނެއްކުއްޖާގެ އަތުން މަރުވެއްޖެ. މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.“ ދެން ރަސްގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”ގެޔަށް ދޭ! ކަލޭގެ ތިޔަ ކަންތައް ހައްލު ކޮށްދޭނަން.“ އެއަންހެނާ ރަސްގެފާނަށް ދެންނެވިއެވެ. ”އޭ އަޅުގަނޑުގެ ވެރި ސާހިބު ރަސްގެފާނު! މިކަމުގެ ކުށް އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަގެ އާއިލާގެ މައްޗަށް އަޔަ ދެއްވާ. ރަސްގެފާނުގެ ރަސްކަމުގައި މިކަމުގެ އިލްޒާމު ނައަޅުއްވާ!“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއާ ދިމާއަށް މީހަކު އެއްޗެކޭ ބުނެފިއްޔާ އެމީހަކު އަހަންނާ ހަމަޔަށް ގެނޭ. އޭނާ ކަލެއަކަށް އިތުރަކަށް ތުރާލެއް ނުދޭނެ.“ އަންހެނާ ދެންނެވިއެވެ. ”އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށްވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށްވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.“ އަންހެން މީހާ ދެންނެވިއެވެ. ”އާދޭހާ އެކު ދަންނަވަން. ނިކަމެތި އަޅުގަނޑު އަދި އެއް ވާހަކަ ދެއްނެވުމުގެ ހުއްދަ ދެއްވާ!“ ރަސްގެފާނު ވިދާޅުވިއެވެ. ”ބުނޭ!“ ”ﷲގެ މީހުންނާ ދޭތެރޭ ކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟ ރަސްގެފާނު ތިހެން ވިދާޅުވާއިރު ރަސްގެފާނުވެސް މިކަމުގައި ކުށްވެރި ނުވޭތޯ؟ އެހެނީ ކަލޭގެފާނުގެ ދަރިކަލުން ވެސް އެވަނީ ރަށުން ބޭރަށް އަރުވާލައްވާފައި. އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ. މަތިވެރި ސާހިބު ރަސްގެފާނު، އަޅުގަނޑު މަނިކުފާނަށް މިވާހަކަ ދަންނަވަން މިއައީ މީސްމީހުން އައިސް އަޅުގަނޑު ބިރުގަންނަވާތީ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މިވާހަކަ ރަސްގެފާނަށް ދަންނަވާނީއޭ. އެއީ ފަހަރުގައި ރަސްގެފާނު ނިކަމެތި އަޅުގަނޑަށް އެހީތެރިވެ ދެއްވާފާނެޔޭ. ރަސްގެފާނު އަޅުގަނޑަށް އެހީތެރިވެ ވަޑައިގެން އަޅުގަނޑުގެ ދަރިފުޅު މަރަން އެއުޅޭ މީސްތަކުންގެ ކިބައިން އެ ދަރިފުޅު މުއްތި ކޮށް ދެއްވާ ފާނެޔޭ. އެމީހުން އެއުޅެނީ ﷲ އަޅުގަނޑުމެންނަށް ދެއްވި ތަކެތިން މަހުރޫމު ކުރުވަން. އަޅުގަނޑަށް އެނގޭ ސާހިބު ރަސްގެފާނުގެ ބަސްފުޅުން އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބިއްޖެ. އެގޮތަކީ ކަލޭގެފާނަކީ މާތްރަސްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނަށް ރަނގަޅާއި ނުރަނގަޅު އެނގިވަޑައިގަންނަވާ. އަދި ކަލޭގެފާނުގެ އިލާހު މާތްރަސްކަލާނގެ ކަލޭގެފާނާ އެކުގައި ވާހުށި.“ ދާއޫދު ރަސްގެފާނު އަންހެނާގެ ގާތު ވިދާޅުވިއެވެ. ”އަހަރެން މިކުރާ ސުވާލަށް ކަލޭ ޖަވާބު ދީބަލަ.“ އަންހެން މީހާ ދެންނެވިއެވެ. ”މާތް ސާހިބު ރަސްގެފާނު ސުވާލު ކުރައްވާ!“ ރަސްގެފާނު ވިދާޅުވިއެވެ. ”މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟“ އަންހެނާ ދެންނެވިއެވެ. ”ކަލޭގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން. ކަލޭގެފާނު ވިދާޅުވާ އެއްޗަކާ އިދިކޮޅަށް މީހަކަށް ކަނާތަށްވެސް ވައަތަށްވެސް އެނބުރިއެއް ނުލެވޭނެ. ކަލޭގެފާނުގެ އަރިހު ބޭކަލެއް ކަމަށްވާ ޔުއާބު މިކަންތައް ކުރާނެގޮތް ބުނެދީ މިހުރިހާ ވާހަކައެއް އަޅުގަނޑުގެ އަނގަޔަށް އަޅައިދިނީ. ޔުއާބު އެގޮތަށް ކަންތައް ކުރީ މިދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް. އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނަކީ ﷲގެ މަލާއިކަތެއްހާ ވިސްނުންފުޅު ގަދަ ބޭކަލެއް. މި ބިންމަތީގައި ހިނގާ ހުރިހާ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ.“ ރަސްގެފާނު ޔުއާބަށް ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އަހަރެން ބުނި ގޮތަށް ކަންތައް ކުރާނަން. ކަލޭ ގޮސް އަބްޝާލޫމް ގޮވައިގެން އާދޭ!“ ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.“ ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ. އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ. އަބްޝާލޫމްގެ ރީތި ކަމުގެ ވާހަކަ މީހުން ދައްކާ އުޅެއެވެ. އޭނާ ހާ ރީތި ފިރިހެނަކު މުޅި އިސްރާއީލަކުވެސް ނެތެވެ. އޭނާގެ ބޮލުން ފެށިގެން ފުންނާބާއި ހަމަޔަށް އެންމެ ލަކެއްވެސް ނުހުރެއެވެ. ކޮންމެ އަހަރަކު އަބްޝާލޫމްގެ ބޯ ދިގުވެ ބަރުވާންފެށީމާ އޭނާގެ ބޯ ކޮށައެވެ. ކޮށާލާ އިސްތަށީގެ ބަރުދަން ދެކިލޯއަށް ވުރެން ބަރެވެ. އަބްޝާލޫމްގެ ހަތަރު ދަރިން ތިބެއެވެ. އޭގެތެރޭގައި އަންހެން ކުއްޖަކު ވެސް ހުރެއެވެ. އެކުއްޖާގެ ނަމަކީ ތާމާރު އެވެ. ތާމާރަކީ ވެސް ރީތި ކުއްޖެކެވެ. އަބްޝާލޫމް ޖެރޫސަލަމުގައި އުޅޭތާ ދެއަހަރުވީއިރުވެސް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނެއެވެ. ދެން އަބްޝާލޫމް ޔުއާބުގާތަށް މީހުން ފޮނުވައިފިއެވެ. އެމީހުންގޮސް ޔުއާބުގާތު އަބްޝާލޫމްއާ ބައްދަލު ކުރަން އައިސްދޭށޭ ބުނެފިއެވެ. އަބްޝާލޫމް އޭނާގާތު ބުނަން ބޭނުންވަނީ އޭނާގެ ބަދަލުގައި ރަސްގެފާނުގެ އަރިހަށް ގޮސް ދިނުމަށެވެ. އެކަމަކު ޔުއާބު އަބްޝާލޫމްގެ ގާތަކަށް ނައެވެ. އަބްޝާލޫމް ދެވަނަ ފަހަރުވެސް ޚަބަރު ކޮށްފިއެވެ. އެކަމަކުވެސް އޭނާއެއް ނައައެވެ. ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ބަލާބަލަ! ޔުއާބުގެ ދަނޑު އެއޮތީ އަހަރެންގެ ދަނޑާ ޖެހިގެން. ގޮސް އެ ދަނޑުގައި ހުރި ގޮވާންތަކުގައި ރޯކޮށްލާ!“ އެހެންވެ އަބްޝާލޫމް ގެ ޚާދިމުންގޮސް ޔުއާބުގެ ދަނޑުގައި ހުޅުޖަހައިފިއެވެ. ދެން ޔުއާބު އަބްޝާލޫމްގެ ގެޔަށް އަތުވެއްޖެއެވެ. ”ކަލޭގެ ޚާދިމުން އަހަރެންގެ ދަނޑު ހުޅުޖެހީ ކީއްވެ؟“ ޔުއާބު ބުންޏެވެ. ”އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައިވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.“ ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.