2 ޞަމޫއީލް. 11. ބަހާރު މޫސުން އައިސް ރަސްކަލުން ހަނގުރާމައަށް ނުކުންނަވާ ދުވަސް އައުމުން ދާއޫދު ރަސްގެފާނު ސިފައިންގެ ވެރިންނާއި ޔުއާބުއާއި އެކު މުޅި އިސްރާއީލުގެ ލަޝްކަރު އެކީގައި ގޮސް ޢައްމޫނީން ބަލި ކޮށް ރައްބާ ޙިސާރުކޮށް ފިއެވެ. އެކަމަކު ދާއޫދުގެފާނު ހުންނެވީ ޖެރޫސަލަމްގައެވެ. އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ. އެހެންވެ އެއީ ކާކުތޯ އޮޅުންފިލުވަން މީހަކު ފޮނުއްވައިފިއެވެ. އޭނާ ގޮސްފައި އައިސް ދެންނެވިއެވެ. ”އެއީ އަލީއާމުގެ ދަރި ބަތުޝަބާއެއް ނޫންތޯ؟ އޭނާ އިނދެގެން އުޅެނީ ޙިއްޘީންގެ އުރިއްޔާ އާ.“ ދެން ދާއޫދުގެފާނު ބަތުޝަބާ ބަލާ މީހަކު ފޮނުއްވައިފިއެވެ. އެކަލޭގެފާނު ބަތުޝަބާ ގެންނަވައި އޭނާއާއެކު ޖިންސީ ގުޅުން ހިންގަވައިފިއެވެ. އޭރު އެއަންހެނާ އިނީ މަސްވަރުކަންތަކުން ނިމި ފެންވަރައިގެންނެވެ. ދެން އޭނާ އެނބުރި ގެއަށް ހިނގައްޖެއެވެ. އޭގެ ފަހުން ބަތުޝަބާ ބަލިވެ އިނދެއްޖެއެވެ. އެހެންވެ އޭނާ މީހަކު ފޮނުވައިގެން މިވާހަކަ ރަސްގެފާނަށް ދަންނަވައިފިއެވެ. ”އަޅުގަނޑު މީނީ ބަލިވެ!“ ދާއޫދުގެފާނު ޔުއާބުއަށް ޚަބަރު ފޮނުއްވިއެވެ. ”ޙިއްޘީންގެ އުރިއްޔާ އަހަރެންގެ ގާތަށް ފޮނުވާ!“ އެހެންވެ ޔުއާބު ރަސްގެފާނުގެ އަރިހަށް އުރިއްޔާ ފޮނުވައިފިއެވެ. އޭނާ އައުމުން ދާއޫދުގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”ޔުއާބުގެ ހާލު ކިހިނެއްތަ؟ ހަނގުރާމަވެރިންގެ ކަންތައް ކިހިނެއް؟ ހަނގުރާމަ ދަނީ ކިހިނެއް؟“ ދެން ދާއޫދުގެފާނު އުރިއްޔާ އަށް އެންގެވިއެވެ. ”އަރާމުކޮށްލަން ގެޔަށްދޭ!“ ދެން އުރިއްޔާ ރަސްގެފާނުގެ ގަނޑުވަރުން ނިކުމެއްޖެއެވެ. ރަސްގެފާނު އޭނާ ދާން ނުކުތީމާ އޭނާއަށް ހަދިޔާއެއް ވެސް ފޮނުއްވިއެވެ. އެކަމަކު އުރިއްޔާ ގެޔަކަށް ނުދިޔައެވެ. އޭނާ ގަނޑުވަރުގެ ގެންގުޅޭމީހުންގެ ތެރޭގައި ގަނޑުވަރުގެ ދެދޮރާށި ދޭތެރޭ އޮށޯވެ ނިދައިފިއެވެ. ދެން ނޯކަރުން ގޮސް ދާއޫދުގެފާނަށް ދެންނެވިއެވެ. ”އުރިއްޔާ ގެޔަކަށް ނުދޭ.“ އެހެންވެ ދާއޫދުގެފާނު އޫރިއްޔާއަށް އެންގެވިއެވެ. ”ކަލޭ ތިހިރީ ދިގު ދަތުރަކުން އައިސްފަ. ކަލޭ ގެޔަށް ނުދިޔައީ ކީއްވެ؟“ އުރިއްޔާ ދަންނަވައްޕެވެ. ”މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!“ ދާއޫދުގެފާނު އޫރިއްޔާގެ ގާތު ވިދާޅުވިއެވެ. ”މިއަދު މިތާ މަޑުކޮށްލާ. ކަލޭ ހަނގުރާމައިގެ މައިދާނަށް އަހަރެން މާދަމާ ފޮނުވައި ދޭނަން.“ އެހެންވެ އުރިއްޔާ އެދުވަހާއި އަނެއް ދުވަހު ޖެރޫސަލަމުގައި މަޑުކޮށްފިއެވެ. ދެން ދާއޫދުގެފާނު އޫރިއްޔާއަށް ގެންނަވައި އޭނާއާއެކު ފަރީއްކުޅުއްވައި ހައްދަވައިފިއެވެ. އަދި އުރިއްޔާ މަސްތު ވެސް ކުރުއްވައިފިއެވެ. އެވަރުންވެސް އޭނާ ގެޔަކަށް ނުދިޔައެވެ. އެރޭވެސް އުރިއްޔާ ނިދީ ރަސްގެފާނުގެ ގަނޑުވަރުގެ ޚާދިމުންގެ ތެރޭގައި ކުނާއަޅައިގެން އޮވެއެވެ. އަނެއް ދުވަހު ހެނދުނު ހެނދުނާ ދާއޫދުގެފާނު ޔުއާބަށް ސިޓީއެއް ލިއުއްވައިފިއެވެ. ދެން އެ ސިޓީ ގެންދަން އުރިއްޔާއާ ހަވާލު ކުރައްވައިފިއެވެ. އެ ސިޓީގައި ދާއޫދުގެފާނު ލިޔުއްވާފައި ވެއެވެ. ”އުރިއްޔާ އެންމެ ހަނގުރާމަ ބާރު ހިސާބަށް ނެރޭ. ދެން އޭނާ އެކަނި ބަހައްޓާފައި ކަލޭމެން ފަހަތަށް ޖެހޭ. އެގޮތުން ހަނގުރާމަވެރިންގެ އަތުން އޭނާ މަރުވިޔަ ދީ.“ އެހެންވެ ރަށްބޭރުގައި އެންމެ ގަދަޔަށް ހަނގުރާމަ ހިނގާ އަދި އެންމެ ވަރުގަދަ ޢައްމޫނީ ފަހުލަވާނުން ތިބިތަނެއް ބަލާފައި ޔުއާބު އެތަނަށް އުރިއްޔާ ފޮނުވައިފިއެވެ. ދެން އެ ސަހަރުގެ މީހުން ހަނގުރާމައަށް ނުކުމެ ޔުއާބުގެ ސިފައިންނާ ހަމަލަދީ ހަނގުރާމަވެރިންގެ ބަޔަކު މަރައިފިއެވެ. މިމީހުންގެ ތެރޭގައި ޙިއްޘީންގެ އުރިއްޔާ ވެސް މަރުވެއްޖެއެވެ. ދެން ޔުއާބު ހަނގުރާމައިގައި ކަންތައް ހިނގިގޮތް ރަސްގެފާނަށް ދެންނެވުމަށް މީހަކު ފޮނުވައިފިއެވެ. އޭނާ އެމީހާ ގާތު ބުންޏެވެ. ”ކަލޭ ގޮސް ރަސްގެފާނަށް ހަނގުރާމައިގެ ޚަބަރު ދެންނެވުމުން، ރަސްގެފާނު ފަހަރެއްގައި ކޯފާވެދާނެ. ރަސްގެފާނު އައްސަވާފާނެ. ’ސަހަރުގެ ރަށްބޭރު ފާރުބުޑުގައި ހުރެ ޔުއާބު ހަނގުރާމަ ކުރީ ކީއްވެހޭ؟ ޔުއާބަށް އެނގެންވާނެ ނޫންހޭ ފާރު މަތިން ތީރުތަކާއި އެއްޗެހި ތިރީގައި ތިބި ބަޔަކާ ދިމާލަށް އުކާނެކަން. ޔުއާބު ހަނދާން ހުންނާނެ ނޫންހޭ ޔުރައްބަޝަތުގެ ދަރި އަބީމާލިކު މަރުވީވެސް އަންހެނަކު ތާބާޞްގެ ފާރުމަތިން އެއްލި ފުނޑާ ދާޔަކުން ޖެހިގެންކަން. އެހެންވީއިރު ޔުއާބުގެ ފައުޖު ފާރު ބުޑަށް ދިޔައީ ކީއްވެހޭ؟‘ މިކަހަލަ އެއްޗެއް ރަސްގެފާނު އައްސަވައިފިއްޔާ ކަލޭ މިހެން ދަންނަވާތި. ’އެމީހުންގެ ތެރޭގައި ކަލޭގެފާނުގެ ހަނގުރާމަވެރިއެއް ކަމަށް ވާ ޙިއްޘީންގެ އުރިއްޔާ ވެސް މަރުވި.‘“ ޚަބަރާއިގެން އައި މީހާ ރަސްގެފާނު އަރިހުގައި ޔުއާބު ދަންނަވަން ބުނި ހުރިހާ ވާހަކައެއް އެގޮތަށް ދަންނަވައިފިއެވެ. އެމީހާ ދާއޫދުގެފާނަށް ދެންނެވިއެވެ. ”ޢައްމޫނީންގެ މީހުން މައިދާނަށް ނުކުމެ އަޅުގަނޑުމެންގެ ހަނގުރާމަވެރިންނާ ހަމަލަ ދިނީ. އެކަމަކު އަޅުގަނޑުމެން އެމީހުން އެ ސަހަރުގެ ދޮރާއްޓާ ހަމަޔަށް ފަހަތަށް ޖެއްސިން. އެވަގުތު ރަށުގެ ބޮޑުފާރުމަތިން ކަލޭގެފާނުގެ ހަނގުރާމަވެރިންނާ ދިމާލަށް ތީރުތައް އޮއްސައިގެންފި. އެހެންކަމުން ކަލޭގެފާނުގެ ބައެއް ހަނގުރާމަވެރިން މަރުވި. އަދި މަރުވި މީހުންގެ ތެރޭގައި އުރިއްޔާ ވެސް ހިމެނޭ.“ ޖަވާބުގައި ދާއޫދުގެފާނު ވިދާޅުވިއެވެ. ”ކަލޭ ގޮސް ޔުއާބުގާތު ބުނޭ ތިޔަކަމާ ދެން ކަންބޮޑުވާނެ ކަމެއް ނެތޭ. ހަނގުރާމަވެރިންގެ އަތުން އަނެއް ހަނގުރާމަވެރިޔަކު މަރުވެދާނެޔޭ. ހަނގުރާމައިގައި މަރުވާނީ ކާކުކަމެއް ނޭނގޭނެޔޭ، ކަލޭމެން ރައްބާ އާ އިދިކޮޅަށް ވަރުގަދަޔަށް ހަނގުރާމަ ކުރާށޭ. އޭރުން ކަލޭމެންނަށް ކާމިޔާބު ވާނެޔޭ. މިހެން ބުނެ ޔުއާބަށް ހިތްވަރު ދީ!“ ބަތުޝަބާއަށް އޭނާގެ ފިރި އުރިއްޔާ މަރުވި ޚަބަރު ލިބުމުން އޭނާ ވަރަށް ރުޔެވެ. ދެން އޭނާގެ ހިތާމައިގެ ދުވަސްތައް ނިމުމުން ދާއޫދުގެފާނު އޭނާ ގަނޑުވަރަށް ގެންނަވައި ކައިވެނި ބައްލަވައިގެންފިއެވެ. އެއަށް ފަހު ދާއޫދުގެފާނަށް އޭނާ ދަރިޔަކު ވިހައިފިއެވެ. އެކަމަކު މިހިނގި ކަންތަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިއެއް ނުގެންނެވިއެވެ.