2 ޞަމޫއީލް. 9. ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި އެކަކުވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.“ ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”ކަލޭ ތީ ސީބާތަ؟“ ސީބާ ދެންނެވިއެވެ. ”އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު ސީބާ.“ ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި ހަމަ އެއްވެސް ދަރިޔަކު ނެތީތަ؟ އެމީހަކަށް ﷲގެ އޯގާވެރިކަން ދައްކައިދޭން އަހަރެން ބޭނުން.“ ސީބާ ދެންނެވިއެވެ. ”ޔޫނަތައިންގެ ފިރިހެން ދަރިޔަކު އަދިވެސް ދުނިޔޭގައި އެބަހުރި. އޭނާއަކީ ދެފައި ކޮރު މީހެއް.“ ދާއޫދުގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”އެ ކުއްޖާ ހުރީ ކޮންތާނކު؟“ ސީބާ ދެންނެވިއެވެ. ”އޭނާ ދިރި އުޅެނީ ލޫދުބާރު އަވަށުގެ އައްމީއޭލްގެ ދަރި މަކީރުގެ ގޭގައި.“ ދެން ދާއޫދުގެފާނު އެ ދަރިފުޅު ގެންނަވައިފިއެވެ. ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”ތީ މަފީބޫޝަތުތަ؟“ މަފީބޫޝަތު ދަންނަވައިފިއެވެ. ”އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.“ ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކުވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.“ މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރުވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟“ ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން. ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.“ ސީބާގެ ފަނަރަ ފިރިހެން ދަރިންނާއި ވިހި ނޯކަރުން އުޅެއެވެ. ދެން ސީބާ ދާއޫދު ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކީ ސާހިބުމަނިކުފާނުގެ ޚާދިމެއް. މަނިކުފާނު އެންގެވި ގޮތެއް އަޅުގަނޑު ހަދާނަން.“ އޭގެ ފަހުން މަފީބޫޝަތު ކައިބޮއި ހަދަމުން ދިޔައީ ދާއޫދުގެފާނު ފަރީއްކުޅުއްވާ މޭޒުންނެވެ. އަދި ދާއޫދުގެފާނުގެ ދަރިކަލެކޭ އެއްގޮތަށް އޭނާއާމެދު ހުރިހާކަމެއްވެސް ހަމަޖެހިފައި ހުރެއެވެ. މަފީބޫޝަތުގެ ކުޑަ ދަރިޔަކު ހުރެއެވެ. އެކުއްޖާގެ ނަމަކީ މައިކާއެވެ. މިހާރު ސީބާގެ އާއިލާގެ އެންމެންނަކީ ވެސް މަފީބޫޝަތުގެ ޚާދިމުން ކަމަށް ހިމެނިއްޖެއެވެ. މަފީބޫޝަތަކީ ކޮރު މީހެކެވެ. އޭނާ ދިރިއުޅެނީ ޖެރޫސަލަމުގައެވެ. އަދި އޭނާ ހުރިހާއިރަކު ވެސް ކައިހަދަނީ ރަސްގެފާނުގެ މޭޒުކޮޅުންނެވެ.