2 ޞަމޫއީލް. 6. ދާއޫދުގެފާނު އިސްރާއީލުގެ އެންމެ ވަރުގަދަ ސިފައިން އެއްކުރައްވައިފިއެވެ. އެއީ ތިރީސްހާސް ހަނގުރާމަވެރިންނެވެ. ދެން އެމީހުން ގޮވައިގެން ޔަހޫޛާގެ ބައަލާއަށް ވަޑައިގެންފިއެވެ. އެމީހުން މި ދިޔައީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅަށް ނިސްބަތްވާ ޢަހުދުނާމާ ފޮށިކޮޅު ބަލައެވެ. އެ ފޮށިކޮޅަކީ އޭގެ މަތިގަނޑުގައި ތިއްބަވާ ކުޑަތާމަލާއިކަތުންގެ ފިޔަފުޅު ދަށުގައި ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ތަޚުތުފުޅު ވާކަމަށް ބުނެވޭ ފޮށިކޮޅެވެ. ދާއޫދުގެފާނުގެ މީހުން އެ ފޮށިކޮޅު ނެރެން ފަރުބަދަ މަތީގައިވާ އަބީނާދާބްގެ ގެޔަށް ވަދެއްޖެއެވެ. ދެން އެމީހުން އެ ފޮށިކޮޅު އާ ގެރި ގާޑިޔަލަކަށް ލައިފިއެވެ. އަބީނަދާބުގެ ދެ ދަރިން ކަމަށް ވާ ޢުއްޒާ އާއި އަޚީޔޫ ގާޑިލަށް މަގުދައްކަމުން އައެވެ. ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި ހުރެގެން ހިނގަމުން އައީ އަޚީޔޫއެވެ. ދާއޫދުގެފާނާއި އިސްރާއީލްގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، ނަރުކޮއްޓި، ތާރަ، ގިގުނި، ކުޑަނަރުކޮއްޓި ސިމްބަލް ހިމެނެއެވެ. މިއެންމެން ނާކުންގެ ގޮދަންތޮށިއަޅާ ބިމަށް އަރައިގެން އަންނަނިކޮށް ގާޑިޔާދަމާ ގެރިތަކުގެ ފައިކައްސާލައި ގާޑިޔާ އަރިވެ ފޮށިކޮޅު ވެއްޓެން ދާން ފަށައިފިއެވެ. އެވަގުތު ޢުއްޒާ އެފޮށިކޮޅުގައި އަތްލައިފިއެވެ. އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްﷲގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއްވެސް ނުވެއެވެ. މާތްރަސްކަލާނގެ ކޯފާއިން ޢުއްޒާ މަރުގެންނެވުމުން ދާއޫދުގެފާނު އެކަމާ ނުރުހުންވެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އެ ބިމަށް ”ފާރަޞް ޢުއްޒާ“ އޭ ވިދާޅުވެ ނަންދެއްވިއެވެ. ދާއޫދުގެފާނު އެދުވަހު މާތްރަސްކަލާނގެ ދެކެ ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ފޮށިކޮޅު އަހަރެންގެ ކައިރިއަށް ގެންނާނީ ކިހިނެއް؟“ އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ޢޫބީދު އަދޫމްގެ ގޭގައި ތިން މަސްދުވަހު ހުއްޓެވެ. އޫބީދު އަދޫމްގެ އާއިލާއަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. މިވާހަކަ މީހުން އައިސް ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”ޢޫބީދުގެ އަދޫމްގެ އާއިލާއަށާއީ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ފަޟުލުވަންތަކަން ލިބެމުން އެބަދޭ. އެއީ ﷲގެ ފޮށިކޮޅު އެގޭގައި ހުންނާތީ.“ އެހެންވެ ދާއޫދުގެފާނު އުބައިދު އަދޫމުގެއަށް ވަޑައިގެން އެފޮށިކޮޅު އެގެއިން ނެރުއްވައިގެން ދާއޫދުގެ ސަހަރަށް ގެންދަވައިފިއެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް އުފާފުޅުންނެވެ. އެމީހުން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ހިފައިގެން އައިސް ހަ ފިޔަވަޅު އަޅާފައި މަޑުކޮށްލައިފިއެވެ. އެތަނުގައި ދާއޫދުގެފާނު ފިރިހެން ގެރިއަކާއި މަސްފަލަ ޅަގެރިއެއް ކަތިލައްވައި ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ. ދާއޫދުގެފާނާއި އިސްރާއީލުގެ އެންމެން އުފަލުން އަޑުގަދަކުރަމުން ތާޅަފިލިތައް ފުމެމުން މާތްރަސްކަލާނގެ ފޮށިކޮޅު ރަށަށް ގެނަސްފިއެވެ. މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ. ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ. ދާއޫދުގެފާނު ޤުރުބާނީގެ ކަންތައް ނިންމަވާލައްވައިފައި ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުގައި މީސްތަކުންނަށް ބަރަކާތް ލައްވަމުން ވަޑައިގެންނެވިއެވެ. ދާއޫދުގެފާނު އެތަނަށް އައިސްތިބި އިސްރާއީލްގެ ކޮންމެ މީހަކަށް ބޯ ރޮއްޓަކާއި މޭބިސްކަދުރު ކޭކަކާއި ކަދުރު ކޭކެއް ދެއްވުމުން އެއެންމެން ގެއަށް ހިނގައްޖެއެވެ. އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟“ ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ މީހުން ކަމަށް ވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟ އެހެނަސް އެއަށް ވުރެން ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަހަރެން މާބޮޑަށް ލަދު ގަނެފާނަމޭ. އޭރުން މާބޮޑަށް އަހަރެންގެ އަގު ވެއްޓޭނެ. ކަލޭ އަހަރެންނަށް ޤަދަރު ނުކުރަންޏާ ނުކުރޭ! އެކަމަކު ކަލޭ އަޅު އަންހެނުންނޭ ތި ކިޔާ މީހުން އަހަންނަށް މާ ޤަދަރު ކުރާނެ.“ ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް އަވަހާރަވެ ދިޔައީ ދަރިއަކު ނުލިބިއެވެ.