ޞަމޫއީލް ދެވަނަ ފޮތް. 1. ޝާއުލްގެފާނު އަވަހާރަވި ފަހުން ދާއޫދު ޢަމާލިޤީން ފައްސާލާފައި ޖިލްޖާއަށް އަތުވެއްޖެއެވެ. އޭނާ ދެ ދުވަސް ވަންދެން ޞިޤްލަޣުގައި ހުރެއްޖެއެވެ. ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. ”ކަލޭ ތީ ކޮންތާނކުން އައި މީހެއް؟“ ދާއޫދު ސުވާލު ކުރިއެވެ. ”އަޅުގަނޑު މީ އިސްރާއީލުންގެ ލަޝްކަރުތެރޭން ފިލައިގެން އައި މީހެއް.“ ”ވީ ކީއްތަ؟“ ދާއޫދު އެއްސެވެ. ”ހަނގުރާމައިގެ ކަންތައް ދިޔައީ ކިހިނެއް؟“ އެމީހާ ބުންޏެވެ. ”އަހަރެމެންގެ ސިފައިން ދުވެފިލައިފި. އެކަންތަކުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ޒަޚަމުވެ މަރުވި. ޝާއުލްރަސްގެފާނާއި ދަރިކަލުން ޔޫނަތައިންވެސް އަވަހާރަވެއްޖެ.“ މި ޚަބަރު ގެނައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިން އަވަހާރަވީކަން ކަލެއަށް އެނގުނީ ކިހިނެއް؟“ އޭނާ ބުންޏެވެ. ”އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ. އެކަލޭގެފާނު އެނބުރި ވަޑައިގަތްތަނާ އަޅުގަނޑު ފެނިވަޑައިގެން އަޅުގަނޑަށް ގޮވާލެއްވި. އަޅުގަނޑު ދެންނެވިން. ’މަސާހިބު، އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ؟‘ އެކަލޭގެފާނު އެއްސެވި، ’ކަލޭ ތީ ކާކުތަ؟‘ ’އަޅުގަނޑު މީ ޢަމާލިޤީއެއް.‘ އަޅުގަނޑު ދެންނެވިން. ދެން އެކަލޭގެފާނު ވިދާޅުވި. ’މިތަނަށް އައިސް އަހަރެން މަރައި ދީ! މަމި އޮތީ މަރުގެ ސަކަރާތުގެ ތެރޭގައި. އެކަމަކު އަދިވެސް މަރެއް ނުވި.‘ ދެން އަޅުގަނޑު އެކަލޭގެފާނުގެ ގައިކޮޅު މައްޗަށް އަރައި އެކަލޭގެފާނު މަރާލައިފިން. އަޅުގަނޑަށް އެނގުނު އެކަލޭގެފާނު ވެއްޓިވަޑައިގަތުމަށް ފަހު ދެން ސަލާމަތް ނުވެވޭނެކަން. އަޅުގަނޑު މިއައީ އެކަލޭގެފާނުގެ ތާޖުކޮޅާއި އުޅާކޮޅު ސާހިބަށް ވެދުން ކުރަން ހިފައިގެން.“ ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ. ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ. ދެން މި ޚަބަރާއިގެން އައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ކަލޭ ތީ ކޮންތާނކު އުޅޭ މީހެއްތަ؟“ އެމީހާ ބުންޏެވެ. ”އަޅުގަނޑު މީ މިރަށުގައި އުޅޭ ބީރައްޓެއްސެއް. އަޅުގަނޑުގެ ބައްޕައަކީ ޢަމާލިޤީއެއް.“ ދާއޫދު ބުންޏެވެ. ”މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއްވެސް ނުގެންތަ؟“ ދާއޫދު ބުންޏެވެ. ”ކަލޭ އަމިއްލަ އަނގައިން ތިޔަ އިޢުތިރާފްވީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކު މަރާލި ކަމަށް. އެހެން ކަމުން ކަލެއަށް މަރު ޙައްޤުވެއްޖެ.“ ދެން ދާއޫދު އެތާ ހުރި މީހަކަށް އެންގިއެވެ. ”މީނާ މަރާލާ!“ ދެން އޭނާ އެ ޢަމާލިޤީގެ މީހާ މަރާލައިފިއެވެ. ދެން ދާއޫދު ޝާއުލްގެފާނާއި ޔޫނަތައިންއަށް ތައުޒިޔާ ކިޔުމުގެ ގޮތުން މޮޅިވެރި ކަމުގެ ލަވައެއް ހަދައިފިއެވެ. އަދި އެލަވަ ޔަހޫޛާގެ އެންމެންނަށް ދަސްކޮށްދިނުމަށް އެންގިއެވެ. މިލަވަޔަށް ކިޔަނީ ”ދުނި ދަނޑި“ އެވެ. މި ލަވަ ޔާޝިރު ފޮތުގައި ލިޔެވިފައިވެއެވެ. ”އިސްރާއީލްގެ އިއްޒަތް އެވަނީ ފަރުބަދަ މަތީގައި ވެއްޔާމޮޑެވިފަ އެވެ! އެއޮތްފަދަ ގަދަ ފަހުލަވާނުންތައް ވެސް އެތިބީ ވެއްޓިފައެވެ! މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ. އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ. އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ. ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ. އޭ ޖިލްބޫއަގެ ފަރުބަދަތަކާއެވެ. ތިޔަތަނަށް ތެތް ކަމެއް ވާރެއެއް ނާންނާށިއެވެ. ތިޔަތަނުން ގަހެއް ހެދި އާރޯކަމެއް ނާންނާށިއެވެ. އެހެނީ ފަހުލަވާނުންގެ އައްޑަނަ ވެއްޔާމޮޑެވިއްޖެ. ޝާއުލްގެފާނުގެ އައްޑަނައިގައި ދެނެއް ތެލެއް ނުހޭކޭނެއެވެ. ޔޫނަތައިންގެ ތީރުތައް އަމާޒެވެ. ޝާއުލްގެފާނުގެ ކަނޑި ތޫނެވެ. އެ ދެމީހުންގެ ތީރާއި ކަނޑިން ޖަހައި، ދުޝްމިނުން ތޮރުފައި ކޮށައި ބުރިކޮށްލިއެވެ. ޝާއުލްގެފާނުގެ ދެބަފައިން ދިރިތިބި އިރު އެންމެތަކުންގެ ލޯތްބާއި އިހުތިރާމު ލިބުނެވެ. މަރުވެ ދިޔައީވެސް އެކު އެކީގައެވެ. އެދެމީހުން ބާޒަށް ވުރެންވެސް ހަލުއްވެވެ. ސިންގާއަށް ވުރެންވެސް ބާރުގަދައެވެ. އޭ އިސްރާއީލްގެ އަންހެން ދަރިންނެވެ! ކަލޭމެން ރީތި ރަތް ހެދުންލައްވައި، ރަނާއި ޖަވާހިރުން ޒީނަތްތެރި ކުރުވި ކަލޭގެފާނު، ޝާއުލް ރަސްގެފާނަށްޓަކައި ރޯށެވެ! ގަދަފަދަ ފަހުލަވާނުން ހަނގުރާމައިގެ މައިދާނަށް ވެއްޓިފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟ ޔޫނަތައިން އެވަނީ ފަރުބަދައިގެ އުހަށް މައްޗަށް ވެއްޓިފައެވެ. ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ! ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ! އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ! އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެންވެސް މަތިވެރި ލޯތްބެކެވެ. ކިހާ ދެރަހެއްޔެވެ؟ ގަދަފަދަ ހަނގުރާމަވެރިން މައިދާނަށް އެތިބީ ވެއްޓިފައެވެ. ހަތިޔާރުތަކުގެ ބޭނުން ކެނޑިފައެވެ.“