1 ޞަމޫއީލް. 30. ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ. އެމީހުން އެރަށުގެ އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި ދެންވެސް ތިބިހާ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ. އެކަމަކު އެކަކުވެސް މަރައެއް ނުލައެވެ. ދާއޫދާއި އޭނާގެ މީހުންނަށް ޞިޤްލަޣު އަންދާލައި އެމީހުންގެ އަނބިދަރިން ހައްޔަރުކޮށް ގެންގޮސްފައި ވާތަން ފެނުމުން އެމީހުން ގަދައަޑުން ރޮއި ހޭރިގެންފި އެވެ. އެމީހުން އިތުރަށް ރޯނެ ވަރެއް ގައިގައި ނެތެންދެން ރޮއިފި އެވެ. ދާއޫދުގެ ދެ އަނބިން ކަމުގައިވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ނާބާލްގެ ހުވަފަތް އަނބި ކަރްމަލުގެ އަބީޖާއިލް ވެސް ވަނީ އަތުލައިގެންފަ އެވެ. މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ. ދާއޫދު އަބިޔާތަރު އިމާމު ގާތު ބުންޏެވެ. ”ދުޢާ ދަންނަވަން ލާ އަފޫދު ޖުއްބާ ގެނޭ.“ ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެތޯ؟“ ”އެމީހުން ފަހަތުން ދޭ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.“ އެހެންވެ ދާއޫދާއި އޭނާގެ ހަ ސަތޭކަ މީހުން ދަތުރަށް ނުކުމެއްޖެއެވެ. އެމީހުން ބަސޫރުގެ ފުން އަޑިގަނޑާ ހަމައަށް ހިނގައްޖެއެވެ. އޭރު އެ އަޑިގަނޑު ހުރަސް ކުރެވޭ ވަރަށް ވުރެން ވަރުދެރަ ދުއިސައްތަ މީހުން ތިއްބެވެ. އެހެންކަމުން ދާއޫދު ދަތުރު ކުރިޔަށް ދިޔައީ ހަތަރުސަތޭކަ މީހުންނާ އެކުގައެވެ. އެމީހުން ދިޔަ މަގުމަތީގައި މިޞްރު މީހަކާ ދަނޑުމަތިން ދިމާވެއްޖެ އެވެ. އެމީހުން އޭނާއަށް ކާނެ ރޮއްޓާއި ބޯނެ ފެން ދީފިއެވެ. އެމީހުން އޭނާއަށް ވައްތީނި ބޯކިބާ ފަޅި އަކާއި ދެ މުށް ވަރު ހިކި މޭބިސްކަދުރު ދިނެވެ. އޭރު އޭނާ އެއްޗެއް ކައިބޮއި ނަހަދާތާ ތިން ދުވަސް ވެއްޖެއެވެ. ގިނަ އިރެއް ނުވެ އޭނާގެ ގައިގައި ވަރު ޖެހިއްޖެއެވެ. ”ކަލޭ ތީ ކޮން ބައެއްގެ މީހެއްތަ؟ ކަލޭ ތިއައީ ކޮން ތަނަކުން ތަ؟“ ދާއޫދު އޭނާ ކުރެން އެއްސެވެ. ”އަހަރެން މީ މިޞްރު މީހެއް. އަހަރެންނީ ޢަމާލިޤީއަކުންގެ އަޅެއް.“ އޭނާ ޖަވާބު ދިނެވެ. ”މީގެ ތިން ދުވަސް ކުރިން އަހަރެން ބަލި ވީމާ އަހަރެންގެ ވެރިމީހާ އަހަރެން އެއްލާލައިފި. އަހަރެމެން މިއައީ ކަރީތީންގެ ދެކުނުން އޮންނަ ޔަހޫޛާގެ ބިމަށާއި ކާލިބުގެ ދެކުނު އަވަށަށް ހަމަލާ ދީފައި. އަދި އަހަރެމެން ޞިޤްލަޣު ވެސް އަންދާލިން.“ ”ތިޔަ ބައިގަނޑުގެ މީހުންގެ ގާތަށް އަހަރެން ގެންގޮސް ފާނަންތަ؟“ ދާއޫދު ބުންޏެވެ. އެ ޒުވާނާ ބުންޏެވެ. ”ކަލޭ އަހަރެން މަރާ ނުލަން ކަމަށާއި އަހަރެންގެ ސާހިބަށް އަނބުރާ އަހަރެން ނުދޭން ކަމަށް ﷲ ގަންދީ ހުވާ ކުރީމާ އެމީހުން ތިބި ތަނަށް ގެންގޮސް ފާނަން.“ ދެން އޭނާ ދާއޫދު ގޮވައިގެން އެމީހުން ތިބިތަނަށް ހިނގައްޖެއެވެ. އޭރު އެމީހުން ތިބީ ފިލިސްޠީނުންނާއި ޔަހޫޛާގެ މީހުންގެ އަތުން އަތުލައިގަތް ތަކެތި ގިނަކަމުން އެކަމުގެ އުފާފާޅުކޮށް ނަށަން، ކައި ބޮއި ހަދަން ރަށުގެ އެތަން މިތަނުގައި ހާވިޔާ ވެފައެވެ. ދާއޫދު އެމީހުންނާ މޫނުއަނދިރި ކަމުގެ ތެރޭގައި ހަމަލަދޭން ފެށި ގޮތަށް އަނެއް ދުވަހު އިރު އޮއްސެންދެން ހަނގުރާމަ ކޮށްފިއެވެ. އޭގެ ތެރޭން ޖަމަލުތަކަށް އަރައިގެން ފިލި ހަތަރުސަތޭކަ މީހުން ނޫން އެކަކުވެސް ސަލާމަތެއް ނުވެއެވެ. ޢަމާލިޤީން އަތުލައިގަތް ހުރިހާ އެއްޗެއް ދާއޫދަށް އަނބުރާ ލިބިއްޖެއެވެ. އޭގެ ތެރޭގައި އޭނާގެ ދެ އަނބިންވެސް ހިމެނެއެވެ. ކުޑަޔަކަސް ބޮޑަކަސް އެކައްޗެއްވެސް މަދެއް ނުވެއެވެ. ދާއޫދު އެހުރިހާ އެއްޗެއް އަނބުރާ ގެންގޮސްފިއެވެ. ދާއޫދު އެމީހުންގެ ގެރިބަކަރި ޖަނަވާރުތައް ވެސް އަތުލައިގެންފިއެވެ. ދެން އޭނާގެ މީހުން އެ ޖަނަވާރުތައް ކުރީގައި ބައިތިއްބައިގެން މިހެން ކިޔަމުން ދިޔައެވެ. ”މިއީ ދާއޫދު އަތުލި ޣަނީމާ.“ ދާއޫދު އައިސް ވަރުބަލިވެގެން ހަނގުރާމައަށް ނުދެވި ތިބި މީހުންނާ ބަސޫރުގެ ވާދީތެރޭން ބައްދަލު ވެއްޖެއެވެ. އެމީހުން އައިސް ދާއޫދާއި ދެންތިބި މީހުންނާ ބައްދަލު ކޮށްފިއެވެ. އަދި އެމީހުންނާއި ދާއޫދު ސަލާންގަލާން ކުރިއެވެ. ދާއޫދާއެކު ތިބި ނުލަފާ އަދި މައްސަލަ ޖައްސާ މީހުން ބުނެއްޕެވެ. ”މިމީހުން އަހަރެމެންނާ އެކު ނުދާތީ އަހަރެމެންނަށް ލިބުނު ތަކެތި މި މީހުންނަކަށް ނުބަހާނަން. މިމީހުންނަށް ދޭނީ އެމީހުންގެ އަނބި ދަރިންކޮޅު އެކަނި.“ ދާއޫދު ޖަވާބު ދިނެވެ. ”އެކުވެރިންނޭވެ! މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި ތަކެއްޗާ މެދު ތިޔަހެން ހަދައިގެން ނުވާނެ. އެކަލާނގެ ވަނީ އަހަރެމެންނަށް ސަލާމަތް ކަން ދެއްވައި އަހަރެމެންގެ ރަށްތަކަށް އަރައި ހަމަލަ ދިން މީހުން އަހަރެމެންގެ އަތްދަށަށް ގެނެސް ދެއްވާފައި. ކަލޭމެން ތިޔަހެން ބުނީމާ ތިޔަ ވާހަކަ އަހާނީ ކާކު؟ އަހަރެމެންގެ ތަކެތި ބަލަހައްޓައިގެން ތިބި މީހުންނަށް ވެސް ހަނގުރާމައަށް ދިޔަ މީހުންނެކޭ އެއްގޮތަށް ބައި އަޅަން ޖެހޭނެ.“ މި އުސޫލު އިސްރާއީލުގައި މި ލިއުނު ދުވަސްވަރާ ހަމަޔަށް ވެސް ގާއިމު ވެފައި އޮތެވެ. އެމީހުން ޞިޤްލަޣަށް އައިސްފައި އަތުލައިގަތް މުދަލުން ބައެއް އޭނާގެ އެކުވެރި ޔަހޫޛާގެ ބޮޑުންނަށް ފޮނުވިއެވެ. ”މިއީ މާތްރަސްކަލާނގެ އަދާވާތްތެރިންގެ އަތުން އަތުލައި ގަނެވުނު ތަކެތިން ފޮނުވާ ހަދިޔާއެއް.“ ދާއޫދު ބުންޏެވެ. މި ހަދިޔާ ފޮނުވުނީ ދާއޫދު ޒިޔާރަތް ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ މި ބުނާ ރަށްތަކަށެވެ: ބައިތުއީލް، ދެކުނު ރާމޫތަށް، ޔައްތީރަށް، އަރޫ އައިރަށް، ސިފުމޫތަށް، އަޝްތަމޫއަށް، ރަކަލް، އަދި ޔަރުހަމުއިލުންގެ އަވަށްތަކާއި ޤައިނީންގެ އަވަށްތަކާއި، ޙުރުމާ، ބޫރު އާޝާން، އަތާކު، ޙަބްރޫނު، އަދި ދާއޫދުއާއި އޭނާގެ މީހުން ދިޔަ އެހެނިހެން ތަންތަނަށެވެ.