1 ޞަމޫއީލް. 27. ދާއޫދު ހިތަށް އަރައްޕެވެ. ”މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.“ ދެން ދާއޫދުގެ ހަ ސަތޭކަ ސިފައިންނާއި އެކު ޖައްތުއަށް ގޮސް މާއޯޚު ދަރި އަޚީޝް ރަސްގެފާނު ކައިރިއަށް ހިނގައްޖެއެވެ. ދާއޫދާއި އޭނާގެ ސިފައިން އަނބިދަރިންނާ އެކު ޖައްތުގައި ދިރިއުޅެން ފަށައިފިއެވެ. ދާއޫދުގެ ދެ އަނބިން ކަމަށް ވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ކަރުމިލްގެ އަބީޖާއިލް ގެންދިޔަ އެވެ. އެއީ ނާބާލްގެ ހުވަފަތް އަންހެނުންނެވެ. ޝާއުލްގެފާނަށް ދާއޫދު ފިލައިގެން ޖައްތުއަށް ދިޔަ ޚަބަރު ލިބުމުން އޭނާ ހޯދުން ހުއްޓަވާ ލައްވައިފި އެވެ. ދުވަސްކޮޅެއްފަހުން އަޚީޝް ރަސްގެފާނަށް ދާއޫދު ދަންނަވައިފިއެވެ. ”ކަލޭގެފާނު ރުހި ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެން އުޅެން ތަންކޮޅެއް ދުރު އަވަށެއް ހަމަޖައްސަވައި ދެއްވާފާނުތޯ؟ މަނިކުފާނުގެ ޚާދިމުން ޝާހީ ސަހަރުގައި އުޅެން ވެދާނެތޯ؟“ މިހެން ދެންނެވުމުން އަޚީޝް ރަސްގެފާނު އެމީހުން އުޅެން ޞިޤްލަޣު ހަމަޖައްސަވައި ދެއްވިއެވެ. މިރަށް އޭގެ ފަހުން އޮތީ ޔަހޫޛާގެ ރަށެއްގެ ގޮތުގައެވެ. ދާއޫދު ފިލިސްޠީނުންގެ އަވަށުގައި އަހަރަކާ ހަތަރު މަސް ވަންދެން އުޅުނެވެ. މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެންވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.) މިއިން އެއްވެސް ރަށެއްގައި ދިރިހުރި އަންހެނެއް ފިރިހެނެއް ނުބަހައްޓައެވެ. އެކަމަކު އެމީހުންގެ ގެރިބަކަރި ތަކާއި ހިމާރާއި ކަންބަޅި ތަކާއި ޖަމަލު ތަކާއި އަންނައުނުތައް އަތުލައިގަނެ އެވެ. ދެން ދާއޫދު އަޚީޝް ގާތަށް ދެއެވެ. އަޚީޝް ރަސްގެފާނު އައްސަވަ އެވެ. ”މިއަދު އަރައިގަތީ ކޮން ހިސާބަކަށް ތަ؟“ ދާއޫދު ދަންނަވައެވެ. ”ޔަހޫޛާގެ ދެކުނު ހިސާބަށް،“ ނޫނީ ”ދެކުނުގައިވާ ޔަރުހަމުއިލީންނަށް، ނޫނީ ދެކުނުގައިވާ ޤައިނީންނަށް.“ ދާއޫދު ކަންތައް ކުރާ ގޮތުގެ ވާހަކަ ޖައްތުއަށް އައިސް ބުނާނެ މީހަކު ދިރި އެއް ނުހުރެއެވެ. އޭނާ ފިލިސްޠީނުގައި ހުރިހާ ދުވަހަކު މިކަންތައް މިގޮތުގައި ތަކުރާރު ވަމުން ދިޔައެވެ. އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.