1 ޞަމޫއީލް. 26. ޒީފުގެ މީހުން އަނެއްކާ ވެސް ޖިބްޢާއަށް ގޮސް ޝާއުލްގެފާނަށް ދަންނަވައްޕެވެ. ”ޔަޝީމޫންގެ ކާރީގައިވާ ޙަޚީލާ ފަރުބަދަތަކުގެ ތެރޭ ފިލާ އެހެރީ ދާއޫދެއް ނޫންތޯ؟“ ޝާއުލްގެފާނު ދާއޫދު އަތުލައި ގެންނެވުމަށް ތިންހާސް ފަހުލަވާނުންގެ ލަޝްކަރަކާއެކު ޒީފުގެ ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން ޔަޝީމޫންގެ ސަހަރާގެ ކުރިމަތީ ޙަޚީލާ ފަރުބަދައިގެ ކާރީގައިވާ މަގުގެ އެއްކާރީގައި ފޭލިގެ ޖަހައިފިއެވެ. އޭރު ދާއޫދު ހުރީ ސަހަރާގެ ތެރޭގައެވެ. ޝާއުލްގެފާނުގެ މީހުން އޭނާގެ ފަހަތުން އައިތަން ފެނުމުން އެމީހުންނާ އެކު ޝާއުލްގެފާނު ވެސް ވަޑައިގެން ހުންނެވިތޯ ބަލަން ދާއޫދުގެ ޖާސޫސުން ފޮނުވައިފި އެވެ. އެކަލޭގެފާނު ވެސް ހުންނެވިކަން އެނގުމުން ދާއޫދު ގޮސް އެކަލޭގެފާނު ހުންނަވާ ފޭލިގެ ފާހަގަ ކޮށްފިއެވެ. އޭނާ ބެލިއިރު ޝާއުލްގެފާނު އޮންނެވީ އަވަހާރަފުޅު ގައެވެ. ކައިރީގައި ސިފައިންގެ ވެރިޔާ ޝާއުލްގެފާނުގެ ކޮއްކޮ ނައިރުގެ ދަރި އަބްނައިރު ވެސް ނިދާފައި އޮތެވެ. ވަށައިގެން ތިބި އެންމެން ވެސް ތިބީ ނިދާފައެވެ. ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟“ އަބީޝާއި ބުންޏެވެ. ”އަހަރެން ހިނގައިދާނަން.“ ދާއޫދާއި އަބީޝާއި ދަންވަރު އެތަނަށް ގޮސް ބަލާލިއިރު ޝާއުލްގެފާނުގެ ލޮންސި ބޯލާކޮޅު ބިމަށް ހަރާފައި ހުއްޓެވެ. އަބްނައިރު އާއި އެހެން އެންމެން އެތާ ވަށައިގެން މަރު ނިދީގައި ތިއްބެވެ. އަބީޝާއި ދާއޫދުގެ ގާތު ބުނެއްޕެވެ. ”ކަލޭގެ އަދާވާތްތެރިޔާ ﷲ ކަލޭގެ އަތްދަށަށް ފޮނުއްވައިފި. އަހަރެންގެ ލޮންސިން އެންމެ އެތިފަހަރެއް ޖަހައި އޭނާ ބިމުގައި ހިއްޕާލިޔަ ދީ. ދެވަނަ އެތިފަހަރެއް ވެސް ނުޖަހާނަން.“ ދާއޫދު ބުންޏެވެ. ”އެކަލޭގެފާނަށް ގެއްލުމެއް ދީގެން ނުވާނެ. މާތްރަސްކަލާނގެ ވެރިކަމަށް އިސް ކުރައްވާފައިވާ ބޭކަލަކަށް ގެއްލުމެއް ދީފައި ކުށެއް ނެތް މީހެއްގެ ގޮތުގައި އުޅެވޭނީ ކާކަށް؟ ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީބުނަން، އެކަލޭގެފާނާމެދު ނިންމަވާނެ ގޮތެއް އެކަލާނގެ ނިންމަވާފާނެ. އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ނުވަތަ ހަނގުރާމައެއްގައި ނަމަވެސް އަވަހާރަ ވެދާނެ. އަހަރެމެންގެ އަތުން އެކަލޭގެފާނަށް ގެއްލުމެއް ދޭން މާތްރަސްކަލާނގެ އިރާދަ ނުކުރައްވާށި. ހިނގާ، އެކަލޭގެފާނުގެ ފެން ގުޅިއާއި ލޮންސި ހިފައިގެން މިތަނުން ދާން.“ ދެން ދާއޫދާއި އަބީޝާއި ޝާއުލްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެން ގުޅިއާއި ލޮންސި ހިފައިގެން އެކަކަށްވެސް ހިލަމެއް ނުވެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އެމީހުންގެ މައްޗަށް ގަދަ ނިންޖެއް ފޮނުއްވާފައެވެ. ދެން ދާއޫދު މަގު ހުރަސްކޮށް އަނެއްފަރާތު ހުރި ފަރުބަދައިގެ މައްޗަށް އަރައި އަތުނުޖެހޭ ހިސާބު ދުރުގައި ހުރެ ޝާއުލްގެފާނުގެ ސިފައިންނަށާއި ނައިރުގެ ދަރި އަބްނައިރަށް ގޮވައިފި އެވެ. ”އަބްނައިރު! ކަލެއަށް މި ގޮވާ އަޑެއް ނީވޭތަ؟“ އަބްނޭރު ޖަވާބު ދިނެވެ. ”ކާކުތަ ރަސްގެފާނަށް ތިޔަ ގޮވަނީ؟“ ދާއޫދު ބުންޏެވެ. ”ކަލޭ ތީވާ ވަރުގަދަ މީހެއް ދޯ؟ ކަލޭ ވަރުގެ ކުޅަދާނަ މީހަކު އިސްރާއީލްގައި ހުންނާނެތަ؟ ކަލޭގެ ސާހިބު ރަސްގެފާނު ކަލެއަކަށް ރައްކާތެރިއެއް ނުކުރެވުނެއް ނު؟ އެކަލޭގެފާނުގެ ދުވަސް ދުއްވާލަން މީހަކު އައިސްފައި އެދިޔައީ. ކަލެއަށް ކުރެވުނީ ކޮންކަމެއް؟ މާތްރަސްކަލާނގެ ގަންދީ ބުނަން. ކަލެއާއި ކަލޭގެ މީހުން ތީ މަރަން ވެފައި ތިބި ބައެއް. ކަލޭ ރަނގަޅަށް ބަލާބަލަ ރަސްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެންގުޅި އާއި ލޮންސި ކޮބައިތަ؟“ ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟“ ދާއޫދު ދެންނެވިއެވެ. ”އާދެ ރަސްގެފާނު މަސާހިބު!“ އަދިވެސް ދާއޫދު ބުންޏެވެ. ”ސާހިބު ނޯކަރު ފައްސަވަމުން ތިޔަ ވަޑައިގަންނަވަނީ ކީއްވެތޯ؟ އަޅުގަނޑު ކުށްވެރި ވީ އަޅުގަނޑު ކުރި ކޮންކަމަކާ ހުރެ ތޯ؟ އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘ އަޅުގަނޑުގެ ލޭ މާތްރަސްކަލާނގެ ކުރިފުޅު މައްޗަށް ނޫން ތަނަކަށް އޮހެރޭނެ ގޮތް ހައްދަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އިސްރާއީލްގެ ރަސްގެފާނު ވަޑައިގެން ތިޔަ ހުންނެވީ ސެއްޅިއެއް ފައްސަވަންތޯ؟ ނޫނީ މި ފަރުބަދަތަކުގެ ތެރޭން ދޫންޏެއް ޝިކާރަ ކުރައްވަންތޯ؟“ ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.“ ”މިއޮތީ ރަސްގެފާނުގެ ލޮންސި.“ ދާއޫދު ބުންޏެވެ. ”ކަލޭގެފާނުގެ ޒުވާނުންގެ ތެރޭން މީހަކު މި ލޮންސި ބަލާ ފޮނުއްވާ. ޞާލިޙު އަދި ތެދުވެރި ގޮތުގައި ހުރި މީހަކަށް މާތްރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާނެ. މިއަދު އަޅުގަނޑުގެ އަތް ދަށަށް ސާހިބުގެ ފުރާނަ މާތްރަސްކަލާނގެ ދެއްވުމުން ވެސް އެކަލާނގެ އިސް ކުރައްވާފައިވާ ފަރާތަކަށް އަޅުގަނޑު ގެއްލުމެއް ނުދިނިން. ޔަގީނުން ވެސް ސާހިބުގެ ފުރާނައިގެ އަގު އަޅުގަނޑު މިއަދު ވަޒަން ކޮށްފިން. އެހެން ކަމުން މާތްރަސްކަލާނގެ ވެސް ހުރިހާ ދުއްތުރާލަކުން އަޅުގަނޑު ސަލާމަތް ކުރައްވައި އަޅުގަނޑުގެ ފުރާނައިގެ އަގު ވެސް ވަޒަން ކުރައްވާނެ.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ ދާއޫދު. ކަލެއަށް ބަރަކާތް ހުރި. ކަލެއަށް ނަސްރު ލިބި ކުރި އަރައިގެން ދާނެ.“ ދެން ދާއޫދު ދާނެ ދިމާއަކަށް ހިނގައްޖެއެވެ. ޝާއުލްގެފާނު ރަށަށް ވަޑައިގެންފިއެވެ.